އުތުރު ތިލަފަޅު އެއްބަސްވުމުގެ ހަގީގަތް ރައްޔިތުންނަށް ހާމަވާން ޖެހޭ: ނައިބުރައީސް ސެމްބެ

ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ)

އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް ދިވެހި ސަރުކާރާއި އިންޑިއާ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ހަގީގަތް ރައްޔިތުންނަށް ހާމަވާން ޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކުރަން ގޮވައިލައި އަޙްމަދު ޝިޔާމު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ސެމްބެ ވިދާޅުވީ އެ އެއްބަސްން ހާމަ ކުރަން ޖެހޭނެ ކަމަށާއި އެއީ ރައްޔިތުންގެ ހައްޤެއް ކަމަށެވެ. އަދި އެ އެއްބަސްވުން ހާމަ ކުރަން ނުޖެހޭނެ ކަމަށް ހައިކޯޓުން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.

އުތުރު ތިލަފަޅު އެއްބަސްވުން ސަރުކާރުން ހާމަކޮށްފައި ނުވާއިރު އެ އެއްބަސްވުމާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލުތަކަށްވެސް އެމްއެންޑީއެފް އިން ފުރިހަމަ ޖަވާބެއް ދީފައިނުވެއެވެ.

މި އެއްބަސްވުމާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހާމަކުރުމަށް ދިޔަރެސް އިން މިހާރު ވަނީ ޑިފެންސް މިނިސްޓްރީގައި އެދިފައެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަ ކުރާނެކަމަށް ކެމްޕޭނުގައި ރައީސް މުއިއްޒު ވިތާޅުވި ނަމަވެސް، ވެރިކަމާއި ހަވާލުވުމަށްފަހު އެއްބަސްވުން ހާމަކުރަން ވަނީ ދެކޮޅު ހަދާފައި އެވެ.