ޑިފެންސުން ވާހަކަ ދައްކާވަރަކަށް، އުތުރުތިލަފަޅު އެއްބަސްވުމުގެ ބާތިލުކަން ދަނީ އިތުރަށް ހާމަވަމުން:އިކޮނޮމިކް މިނިސްޓަރު ސައީދު

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު

އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމައި ގުޅިގެން ޑިފެންސް މިނިސްޓްރީން ވާހަކަދައްކާވަރަކަށް އެ އެއްބަސްވުމަކީ ގާނޫނާއި ހިލާފު އެއްބަސްވުމެއްކަން ހާމަވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުން، މީގެ ކުރިން ލީކުވެފައިވަނީ އެ އެއްބަސްވުމުގެ ސައްހަ ޑްރާފްޓެއްކަން ހާމަވެއްޖެކަމަށް މި ދިޔަރެސް ނޫހުން ރިޕޯޓުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ސައީދު ވިދާޅުވީ އޮޅުވާލައިގެން ކުރިއަށް ގެންދާ އެކަންކަމަށް މާ ގިނަ ދުވަހަށް ރައްޔިތުން މޮޔަ ނުހެއްދޭނެކަމަށާއި އެއީ ބާތިލު އެއްބަސްވުމެއްކަމަށެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ ޑިފެންސް މިނިސްޓަރަށާއި ޗީފ އޮފް ޑިފެންސަށް އެމްއެންޑީއެފް މޮޔަ ނުހެއްދޭނެކަމަށެވެ.

ޑިފެންސުން ކޮމިޓީގައި އާންމުކުރި މައުލޫމާތު ތަކަށް ބަލާއިރު އަސްލު އެއްބަސްވުމުގައި ހުރީ މީގެ ކުރިން ލީކުވި ޑްރާފްޓު އެއްބަސްވުމުގައި ހުރި ކަންތައްތަކާއި ދާދި އެއްގޮތް ކަންތައްތަކެވެ.

މިގޮތުން އުތުރުތިލަފަޅު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާނީ އިންޑިއާ އާއި ރާއްޖޭގެ ޖޮއިންޓް ކޮމިޓީއަކުން ކަމަށް ޑިފެންސްގެ އޮފިޝަލު ވިދާޅުވިއެވެ. އަދި އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން އެކަން ކުރާނެ ގޮތް ޑިފެންސް މިނިސްޓްރީގެ އޮފިޝަލް ވަނީ ހާމަކޮށްދެއްވާފައެވެ. މިގޮތުން ރާއްޖޭގެ ފަރާތުން އެ ކޮމިޓީގައި އެންމެ އިސްކޮށް އިންނަވާނީ ޗީފް އޮފް ޑިފެންސް ފޯސް، އަދި ރާއްޖޭގެ ސަރުކާރުން ނޮމިނޭޓު ކުރާ ދެ ފަރާތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ލީކުވި ޑްރާފްޓުގެ 5 ވަނަ މާއްދާގައިވެސް ހަމަ މިގޮތަށް މި ކޮމިޓީ އޮންނަ ވާހަކަ ހިމަނާފައިވެއެވެ. އަދި އެ ކޮމިޓީގައި އިންޑިއާ ހައިކޮމިޝަނަރާއި އިންޑިއާ އިން ކަނޑައަޅާ ދެ ފަރާތެއް ތިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކޮމިޓީގެ ބޮޑުބައި ވަނީ ލައިވް ކުރެވިފައެވެ. އެހެން ނަމަވެސް މިހާރު މަޖިލީހުން ވަނީ އެ އޯޑިއޯ މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ނަގާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ މެމްބަރަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ބޭފުޅުންނަށް ދެއްކެވި އެއްބަސްވުމާއި ލީކު ވެފައިވާ ޑްރާފްޓާއި މާބޮޑު ތަފާތެއް ނެތް ކަމަށެވެ. މުއްދަތު ތަކާއި ބައެއް އިބާރާތްތައް ތަފާތު ނަމަވެސް ޖުމްލަގޮތެއްގައި އެއީ ދާދި އެކައްޗެއް ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

މީގެ ކުރިން އެއްބަސްވުމުގެ ޑްރާފްޓު ލީކު ވުމުން އެމްއެންޑީއެފްގެ އިސްވެރިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އެއީ އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް، އަސާސެއް ނެތް ލިޔުމެއް ކަމަށެވެ. އެހެން ނަމަވެސް، މިއަދު ޑިފެންސުން ދެއްކި ވާހަކަތަކުން އޭރު އާންމުވި ޑްރާފްޓަކީ ސޮއި ކުރި އެއްބަސްވުމާއި ދާދި އެއްގޮތަކަށް ލިޔެފައިވާ، ސައްހަ ޑްރާފްޓެއްކަން މިވަނީ ހާމަވެފައެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަ ކުރާނެކަމަށް ކެމްޕޭނުގައި ރައީސް މުއިއްޒު ވިތާޅުވި ނަމަވެސް، ވަރިކަމާއި ހަވާލުވުމަށްފަހު އެއްބަސްވުން ހާމަކުރަން ވަނީ ދެކޮޅު ހަދާފައި އެވެ.