
މިފްކޯއިން ރޯދަމަހާ ދިމާކޮށް ދަޅުމަހުގެ އަގު ބޮޑުކޮށްފިއެވެ. އަގު ބޮޑުކުރީ ދަޅުގެ ސައިޒު ކުޑަކޮށް އަގަށް ބަދަލު ގެނެސްގެންނެވެ. މިގޮތުން އަލަށް ތަޢާރަފުކުރި 140 ގްރާމްގެ މަސްދަޅުގެ ގްރާމަކަށް ޖެހޭ އަގު، މިހާރު ވިއްކަމުންދާ 180 ގްރާމްގެ މަސްދަޅާ އަޅާބަލާއިރު 13.8 އިންސައްތަ މަތިކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކުރިން ފަސޭހައިން ކަނޑާލެވޭ ގޮތަށް ހަދާފައިވާ ދަޅު މިހާރު ވަނީ ބަދަލުގެނެސް، ދަޅު ކެނޑި އެއް ބޭނުން ކޮށްގެން ކަނޑާ ގޮތަށް ހަދާފައެވެ. އެހެން ކަމުން، ދަޅު ކެނޑުމަށްވެސް ރައްޔިތުން އިތުރު ބުރަައެއް އުފުލަން މިވަނީ ޖެހިފައި އެވެ.
140 ގްރާމްގެ މަސްދަޅު ވިއްކަމުންދަނީ 15 ރުފިޔާއަށް ކަމަށްވާއިރު، މީގެ ގްރާމަކަށް ޖެހެނީ 0.107 ރުފިޔާއެވެ. އެހެންނަމަވެސް 17 ރުފިޔާއަށް ވިއްކަމުންދާ 180 ގްރާމްގެ މަސްދަޅުގެ ގްރާމަކަށް ޖެހެނީ 0.094 ރުފިޔާއެވެ. މިއީ އާންމުންނަށް އިތުރު ބޮޑު ބުރައެއް އުފުލަން ޖެހޭނެކަމެކެވެ.
މިފްކޯއިން ބުނާގޮތުގައި ކުދި ގޭބިސީތަކަށް އެކަށީގެންވާ މިންވަރަކަށް އަދި އަގު ތަނަވަސް ގޮތެއްގައި މި އުފެއްދުން ބާޒާރަށް ނެރުމަށް ރާވާފައިވާއިރު، ދަޅުގައި ބަންދުކުރި މަހުގެ އަގު ބޮޑުވުމުން އާންމު ރައްޔިތުންގެ އަތުން އިތުރު ހޭދައެއް ކުރަންޖެހޭކަން ފާހަގަކުރެވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވުމަށްފަހު އިންފްލޭޝަން މަތިވެ، ތަކެތީގެ އަގުތައް މައްޗަށް ދާކަމެވެ. މިފަދަ ދަނޑިވަޅެއްގައި ދަޅުގައި ބަންދުކުރި މަހުގެ އަގު ބޮޑުވުމަކީ އާންމު ރައްޔިތުންގެ ކަންބޮޑުވާ ކަމެކެވެ.