
ފުލުހުންގެ ފްލެޓު އެޅި ނޫމަޑި ޕްރޮޖެކްޓުގެ އޮޑިޓު ރިޕޯޓުގައި ފާހަގަކުރި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނައިރު، އެ ތަހުގީގާ ގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ސިއްރުކޮށްފި އެވެ.
ޕޮލްކޯ ފްލެޓްތަކާ ގުޅޭ މައްސަލައިގެ ރިޕޯޓު ސިއްރުކުރިއިރު ރައީސް ޑރ. ވަހީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ކަމުގައި ހުންނަވައިގެން މިހާރުގެ ރައީސް މުއިއްޒު ވަނީ ނޫމަޑި އެގްރިމެންޓު ކެންސަލްކޮށްފައެވެ. އެ މައްސަލާއި ގުޅިގެން ނޫމަޑިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުން މުއިއްޒު ބަޔާން ދިނީ ނޫމަޑި އާއި އެއްކޮޅަށް ދިވެހި ދައުލަތާއި ދެކޮޅަށެވެ. އޭގެ ސަބަބުން ދިވެހި ދައުލަތުން 300 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ނޫމަޑިއަށް ދޭން ޖެހުނެވެ.
ރައީސް މުއިއްޒު ނޫމަޑި އެގްރިމެންޓު ކެންސަލްކޮށް ފަހުން ނޫމަޑި އާއި އެއްކޮޅަށް ހެކިބަސް ދިނީ ނޫމަޑިން ބޮޑު އަދަދެއްގެ ފައިސާތަކެއް ނަގައިގެން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ނޫމަޑި އާއި ގުޅޭ ގޮތުން އޮޑިޓު އޮފީހުން މިދިޔަ މަހު ނެރުނު ރިޕޯޓުގެ މައްސަލާގައި މާލިއްޔަތު ކޮމިޓީއަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިސް ބޭފުޅުން ހާޒިރުކޮށްފަ އެވެ.
އެ އޮޑިޓު ރިޕޯޓަށް ފަހު، އިދާރީ ގޮތުން ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން އެ އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވީ އޭސީސީން މިދިޔަ ޖެނުއަރީ މަހުގެ 23 ގައި ފެށި ތަހުގީގުގެ މައުލޫމާތު ހިއްސާކުރުމަށް އެދުމުން ސިއްރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އެހެންވެ، މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި، އެ ރިޕޯޓުގައި ފާހަގަކުރާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކީ ބައްދަލުވުމުގެ އެ ބައި ސިއްރު ކޮށްގެންނެވެ. އެކަމަކު އޭގެ ފުރިހަމަ ދިރާސާއެއް ކުރަން އެހެން ބައްދަލުވުމެއް ބާއްވަން ތާވަލު ކުރަން ނިންމި އެވެ.
އޭސީސީގެ އިތުރުން އޮޑިޓު އޮފީހުގެ ބޭފުޅުން ވިދާޅުވީ، ޕޮލްކޯގެ ބޯޑުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މައުލޫމާތު ހޯދަން ހުށަހެޅުމުން މިހާރު އެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭގެ ފަހުން، އިކޮނޮމިކް މިނިސްޓްރީ އަށް ވެސް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އޭގައި އެދިފައި ވަނީ ޕްރޮޖެކްޓުގައި ހިމެނޭ އެންމެންގެ މައުލޫމާތު ހޯދުމަށް ކަމަށެވެ. އެ ފަރާތްތަކުން އެއްވެސް ފައިސާގެ މުއާމަލާތެއް ހިންގާފައިވޭތޯ ބެލުމަށް އެމްއެމްއޭ އަށް ސިޓީއެއް ފޮނުވި ނަމަވެސް އެފަދަ ކަމެއް ފާހަގަނުވާ ކަމަށް ޖަވާބު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.