
އައްޑޫގައި އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެގެން ބައެއް ސަރަހައްދުތަކުން ވަކި ވަގުތަކަށް ކަރަންޓު ކަނޑަން ފަށައިފި އެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުގެ ފަރުވާކުޑަކަމާއި ފެނަކަ ކޯޕަރޭޝަންގެ އިހުމާލުން އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. މިދިޔަ ހަފުތާގައި ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލަމުން ދިޔައިރު، އެއްވެސް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތެއް ނުކުރާކަން ފާހަގަކުރެވެއެވެ.
ފެނަކައިން ދޭ ކަރަންޓުގެ ޚިދުމަތް ހުއްޓުމުގެ ސަބަބުން ގޭގޭގެ އަގުބޮޑު ކަރަންޓު ސާމާނުތައް ހަލާކުވެ، ދަރިވަރުންގެ އިމްތިހާންތައް ފަސްކުރަންޖެހި، ފިހާރަތަކުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ވަމުންދާއިރު، ފެނަކައިން މިކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅަމުން ނުދާކަމަށް ރައްޔިތުން ފާޅުގައި ޝަކުވާ ކުރަމުންދެއެވެ.
"މިއީ ހަމަ ވަރަށް ބޮޑު އިހުމާލެއް. ސިޔާސީ ގޮތުން ނާޤާބިލު މީހުން ވަޒީފާތަކަށް ލައިގެން ތިބެ، އައްޑޫގެ ރައްޔިތުންނަށް މިހާ ބޮޑު އަނިޔާއެއް ކުރަނީ،" އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވިއެވެ.
މޭޔަރު ފާހަގަކުރެއްވި ގޮތުގައި ޖަނަރޭޓަރުތައް އަޕްގްރޭޑް ނުކުރުމާއި، ބޭނުންވާ ސްޕެއަރ ޕާޓްސް ނުހޯދުމަކީ ސީދާ ފެނަކައިގެ އިހުމާލެކެވެ. "ފެނަކައިން ކުރާ މަސައްކަތެއް ނުއެއް އެނގޭ. އާ ޖަނަރޭޓަރުތައް ބަހައްޓައިގެން ނޫން ގޮތަކަށް މިކަން ހައްލު ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ވެފައިވާ ގިނަ ވަޢުދުތަކެކޭ އެއްފަދައިން، މިދިޔަ އަހަރު އޭޕްރީލް މަހު ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 30 މެގަވޮޓްގެ ޕަވަރ ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢު ވެސް ވަނީ ހުއްޓިފައެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާރު އޮތް ހިސާބެއް ވެސް ރައްޔިތުންނަކަށް ނޭނގެއެވެ.
އައްޑޫ ސިޓީގެ ރައްޔިތުން ތަމްސީލުކުރާ މަޖިލިސް މެންބަރުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކުރެއްވި ނަމަވެސް، އޭގެ ނަތީޖާއެއް ފެންނާކަށް ނެތެވެ. ކުރިއަށް އޮތް ރޯދަމަހަށް ވެސް އެއްވެސް ހައްލެއް ލިބޭނެކަމުގެ އުންމީދެއް ނެތްކަން ފާހަގަކުރެވެއެވެ.
ކަރަންޓު ކެނޑުމުގެ މައްސަލަ އިތުރުވަމުންދާއިރު، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އެންމެ މަތިން 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެއެވެ. ނަމަވެސް މިހާރު ހިތަދޫގައި ހުރި 20 ޖަނަރޭޓަރުގެ ތެރެއިން ގިނަ އަދަދެއްގެ ޖަނަރޭޓަރުތައް ވަނީ ހަލާކުވެފައެވެ. މި ޖަނަރޭޓަރުތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 26.8 މެގަވޮޓް ކަމުގައިވީ ނަމަވެސް، އެއްވެސް އިރެއްގައި މި ކެޕޭސިޓީގައި ކަރަންޓު އުފެއްދޭ ހާލަތެއްގައި ނޫންކަން ފާހަގަކުރެވެއެވެ.
ސަރުކާރުންނާއި ފެނަކައިން މިހާ ބޮޑު އިހުމާލެއް ވަމުންދާއިރު، އައްޑޫގެ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ތުއްތު ކުދިންނާއި ދުވަސްވީ މީހުންނަށް ދިމާވާ ދަތިތަކާއި، ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ދަނީ ދެކެވެމުންނެވެ.