ގަމު ރީޖަނަލް ހޮސްޕިޓަލުން އެންއެސް އައިވީ ފުލުއިޑް ހުސްވެެއްޖެ

ގަމު ރީޖަނަލް ހޮސްޕިޓަލް

އާންމު ބަލިމީހުންނަށާއިި އިމަރޖެންސީ ހާލަތްތަކުގައި އެންމެ ގިނައިން ބޭނުންކުރާ ނޯމަލް ސަލައިން (އެންއެސް) އައިވީ ފްލުއިޑް ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލުން ހުސްވެފައިވާކަން ކަށަވަރުވެއްޖެއެވެ.

ގަމު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދިއަ އެ އަތޮޅަށް ނިސްބަތްވާ އާންމު ފަަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ނިއުސް ޓީމުން ބެލިބެލުމުން ކަށަވަރުވެފައިވަނީ އެ ހޮސްޕިޓަލުން ހުސްވެފައިވަނީ އިމަރޖެންސީ ހާލަތްތަކުގައި ދޭ އެންމެ އަސާސީ އެއް ފްލުއިޑް ކަމުގައިވާ އެންއެސް އައިވީ ފުލުއިޑް އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭސް އިމްޕޯޓަރު، އެސްޓީއޯގެ ފާމަސީތަކުގެ ތެރެއިން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީންވެސް ވަނީ އެންއެސް އައިވީ ފުލުއިޑް ހުސްވެފައިވާ ކަން މި ނޫހަށް ކަށަވަރުކޮށްދީފައެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަބްދުލް ޙަންނާނު ވިދާޅުވީ އެ ހޮސްޕިޓަލުން އައިވީ ހުސްވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ކަމަށާއި ނަމަވެސް އެއީ ސައްޚަ ޚަބަރެއް ނޫންކަމަށެވެ. އަދި ކޮންމެ މީޑިއާއަކުން މިފަދަ ޚަބަރު ފެތުރި ނަމަވެސް އެއީ ކިހިނެއް ކޮން ގޮތަކުން ވެފައިވާ ކަމެއްތޯ، ހުސްވެގެން އުޅެނީ ކޮންކަހަލަ އައިވީ ފުލުއިޑްއެއްތޯ ވެސް ސާފުކުރަން ޖެހޭކަމަށެވެ.

ހަންނާން އިތުރަށް ވިދާޅުވީ ހޮސްޕިޓަލުގައި އައިވީ ހުސްވެފައިތޯ ބަލަން ބައެއް ފަރާތްތަކުން އެ ހޮސްޕިޓަލްގެ އޯޕީޑީ ކައުންޓަރަށްވެސް ގުޅަމުންގެންދާ ކަމަށާއި އެއީ އެކަން ކުރަން އޮތް އެންމެ ރަނގަޅުގޮތެއް ނޫންކަމަށެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކަން ދާ ގިނަ މީހުން ބޭސް ގަންނަ އެސްޓީއޯ ފާމަސީއަށް ދިޔުމުން ބުނަނީ އެންއެސް އައިވީ ފުލުއިޑް މިވަގުތު ހުރީ ހުސްވެފައި ކަމަށާއި ނަމަވެސް ދެ ދުވަހެއްގެ ތެރޭގައި އެ އައިވީ ލިބޭނެ ކަމަށެވެ.

މިއީ ހޮސްޕިޓަލުތަކުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ކޮންމެހެން ބޭނުންވާ ބޭހެއް ކަމަށް ޞިއްޙީ މާހިރުން ފާހަގަކުރައްވައެވެ. ޚާއްޞަކޮށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށާއި، އިމަރޖެންސީ ހާލަތްތަކުގައިއޮޕަރޭޝަން ކުރާ މީހުންނަށާއި، ޑީހައިޑްރޭޝަންގެ މައްސަލަ ދިމާވާ ބަލިމީހުންނަށް ފަރުވާ ދިނުމަށެވެ.

މިވަގުތު ބަލިމީހުނަށް ފަރުވާ ދިނުމުގައި ބޭނުން ކުރަނީ ހޮސްޕިޓަލުތަކުގައި ހުރި އެންމެ ފަހު ސްޓޮކުންނެވެ. އަދި، މިސްޓޮކް ހުސްވާންވާއިރަށް ނުލިބި ލަސްވެއްޖެނަމަ، ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި އަސާސީ ބޭސްތައް ހުސްވުމުގެ މައްސަލަ ދިމާވަމުންދާ ދުވަސްވަރެކެވެ. އެގޮތުން ގިނަ ބަޔަކު ދަނީ މިފަދަ އަސާސީ ބޭސްތައް ހުސްވުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ބުނަމުންނެވެ.