
ހުޅުމާލޭގައި ފުލުހުންނަށް ޚާއްސަކޮށްގެން އަޅާފައިވާ ފްލެޓްތަކާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަން ބެލިއިރު، އެ މައްސަލައިގެ އެންމެ މުހިންމު ލިޔުންތައް ގެއްލުވާލާފައިވާކަމަށް އޮޑިޓާ ޖެރެނަލް ވިދާޅުވެއްޖެއެވެ.
ނޫމަޑި ކުންފުންޏާ ހަވާލުކޮށްގެން ޕޮލްކޯއިން 2013 ވަނަ އަހަރު ކުރިއަށްގެންދިޔަ 13 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ހަވާލުކުރީ 580 މިލިއަން ރުފިޔާއަށެވެ. އެކަމަކު އެ މަޝްރޫއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފަށާފައިވާ އިރު ތަހުގީގަށް ބޭނުންވާ ލިޔުންތައް ހޯދުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ އޮފީހަށް މި މަހުގެ ތިން ވަނަ ދުވަހު އެ ކޮމިޝަނުން ވަދެފައިވާ ކަމަށެވެ.
މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ ޕޮލްކޯގެ އޮޑިޓް ހެދުމަށްޓަކައި އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރުމުން އެކަމާ ގުޅޭ މުހިންމު ލިޔުންތައް ގެއްލިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ
އެ ލިޔުންތައް ގެއްލިފައި ވަނީ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ޕޮލްކޯގެ ވެރިން މައުލޫމާތު ދީފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ
ނިޔާޒީ ވިދާޅުވީ އޮޑިޓް ނިމުނު ފަހުން އެކަމާ ގުޅޭ ބައެއް ލިޔުންތައް ފުލުހުން ހިއްސާކުރި ކަމަށެވެ. ނަމަވެސް އެ ލިޔުންތަކުން ވެސް ބިޑް ކުރުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތް ސާފުނުވާ ކަމަށް ވިދާޅުވިއެވެ.
ޕޮލްކޯއިން 2013 ވަނަ އަހަރު ހިންގި އެ މަޝްރޫއުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
އޮޑިޓް އޮފީހުން ލަފާކުރާގޮތުގައި އެ މަޝްރޫއަށް 240.1 މިލިއަން ރުފިޔާ އާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އިތުރަށް ޚަރަދުވެފައިވެއެވެ.
އެ ފްލެޓްތައް އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑިއާއެވެ. އިއުލާންނުކޮށް އަދި ޓެންޑާ ވެސް ކުރުމެއްނެތި ނޫމަޑިއާ ހަވާލުކުރުމަށްފަހު ފަހުން ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރި ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
އެ މަޝްރޫއުގެ ސަބަބުން ދައުލަތަށް ފައިދާވުމުގެ ބަދަލުގައި ފައިދާވީ އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު އަދި ނޫމަޑީގެ ރިޕްރެޒެންޓޭޓަރަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
ޕްލޮކޯގެ ފްލެޓާއި ގުޅޭ ލިޔެކިއުންތައް ގެއްލިފައިވާ އިރު ނޫމަޑި އާއި އެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް މުއިއްޒު ވަނީ ހައުސިން މިނިސްޓަރ ކަމުގައި އުވާލާފައެވެ. އެއްބަސްވުންތައް އުވާލުމާއި ގުޅިގެން ނޫމަޑިއިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުން މުއިއްޒު ވަނީ ސަރުކާރާއި ދެކޮޅަށް ހެކިބަސްދީފައެވެ. މި މައްސަލަ އާއި ގުޅިގެން ނޫމަޑިއަށް ދައުލަތުން ވަނީ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައެވެ. އޭރުވެސް ނޫމަޑިން މުއިއްޒުއަށް ބައި އެޅުކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.