
ކުރީގެ ސަރުކާރުގައި އިންޑިއާގެ ސިފައިންގެ 2000 މީހުން ރާއްޖޭގައި ތިބިކަމަށް ބުނެ، އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް އާންމުކުރުމަށް ގޮވާލަމުން ދިޔަ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މިހާރު ވަނީ އެހެން ދިމާލަކަށް އެނބުރިފައެވެ. ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާއާއެކު ކުރަމުންދާ މުޢާމަލާތްތަކާ މެދު އަޒާން މިހާރު ވަނީ ހަނުހުރުމުގެ ސިޔާސަތު ގެންގުޅެން ފަށާފައެވެ.
ދިވެހިރާއްޖޭގެ ސިޔާދަތަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި އިންޑިއާގެ ދާއިމީ އަސްކަރީ މަރުކަޒެއް ގާއިމުކުރެވި، އިންޑިއާގެ ކޮންޓްރޯލްގެ ދަށުން މުޅި ސަރަހައްދު ބެލެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
2024 އޮކްޓޯބަރުގައި ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު "ވިޝަން ޑޮކިއުމެންޓް" ގެ ދަށުން، 2.75 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައި، އޭގެ ބަދަލުގައި އުތުރުތިލަފަޅު އިންޑިއާގެ ނޭވީއަށް ދޫކޮށްލުމަށް ވަނީ އެއްބަސްވެފައެވެ.
ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން، އިންޑިއާގެ ސިފައިންނަށް ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރިހަމަ ބާރު ލިބި، އިންޑިއާގެ އަސްކަރީ ނުފޫޒު ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހިވެގެން ގޮސްފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ފައިސާގެ ނިޒާމުވެސް އިންޑިއާގެ ނުފޫޒުގެ ދަށަށް ވަދެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
މިހާރު މަޖިލިސް ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މި އެއްބަސްވުމުގެ އިތުރު ލިޔެކިޔުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.