
ރައީސް ޑރ. މުހައްމަދު މުއިއްޒު، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާ ބައްދަލުކުރައްވައިފި އެވެ.
މި ތިން ބޭފުޅުން އިއްޔެގެ ވަގުތެއްގައި މުލިއާގޭގައި ބައްދަލުކުރިކަން ތަފާތު އެކި މަސްދަރުތަކުން ވަނީ ޔަގީންކޮށްދީފަ އެވެ. މައުލޫމާތު ލިބުނު ގޮތުގައި މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ނައިބު ރައީސް ހުސެއިން ޔޫއޭއީއަށް ފުރާވަޑައިގަތުމުގެ ކުރިންނެވެ.
ރައީސް އާއި އެމަނިކުފާނުގެ ނައިބު އަދި މަޖިލީހުގެ ނައިބު ރައީސް ބައްދަލުކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުއިއްޒުއާ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ގޮތުން، ރައީސް އާއެކު އޮތް ގުޅުން ރަނގަޅު ނޫން ކަމަށް އަބްދުއްރަހީމް ވަނީ މި ފަހުން ރާއްޖޭގެ ނޫހަކާ ވާހަކަދައްކަވަމުން ވިދާޅުވެފަ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރަން، ރައީސް މުއިއްޒު ނިންމެވުމާ ގުޅިގެންނެވެ.
މި ނުތަނަސްވަކަމުގެ ތެރެއިން، ވެރިކަންކުރާ ޕީއެންސީގެ ހިންގުމާއި ކެމްޕޭން ހަރަކާތްތަކުން އަބްދުއްރަހީމް ވަނީ އެކަހެރިކޮށްފަ އެވެ. އަދި، ސަރުކާރާއި އެސްއޯއީތަކުގައި ތިއްބެވި އަބްދުއްރަހީމްގެ އަރިސް ބޭފުޅުންތަކެއް ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.