އެންސްޕާގެ ފައިސާ އިން ރައީސް މުއިއްޒު ޓީވީ ޗެނަލް ހެދި މައްސަލަ އޭސީސީ ގައި ތާށިވެފައި

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ އެންސްޕާގެ އޮފީސް އިމާރާތުގެ މައްސަލަ މަޑުޖައްސާލައިފައެވެ.

34.8 މިލިއަން ރުފިޔާގެ އެންސްޕާ އޮފީސް އިމާރާތުގެ މުއާމަލާތް ހިންގުމުގައި އެ އެޖެންސީގެ ސީއީއޯ ހީނާ ވަލީދުގެ އިސް ދައުރެއް އޮތްކަން ލިޔެކިޔުންތަކުން ހާމަވެއެވެ.

އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސްއިން، އެންސްޕާއަށް އޮފީސް އިމާރާތެއް ކުއްޔަށް ދިނުމުގެ މުއާމަލާތް ހިނގާފައިވަނީ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް އޭސީސީން ތަހުގީގު ފަށައި، އެންސްޕާއާއި މިނިސްޓްރީ އޮފް ފިނޭންސްއަށް ވަދެ ލިޔެކިޔުންތައް ނެގި ނަމަވެސް، އެ މައްސަލައިގެ އިތުރު މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލާގައި އެންސްޕާއިން މޯލްޑިވްސް މީޑިއާ ހައުސްގެ އަތުން މއ. ސީރާޒީގޭގެ ދެ ފަންގިފިލާ ކުއްޔަށް ހިފީ މަހަކު 580،000 ރުފިޔާގެ ރޭޓުންނެވެ. މިއީ ފަސް އަހަރަށް ބަލާއިރު ޖުމުލަ 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ.

އެންސްޕާއިން އޮފީސް އިމާރާތް ހޯދުމަށް ފިނޭންސް މިނިސްޓްރީގެ ޓެންޑަ ބޯޑު މެދުވެރިކޮށް ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހެޅީ ހަމައެކަނި މޯލްޑިވްސް މީޑިއާ ހައުސްއިންނެވެ. އެންސްޕާއިން އިއުލާނު ކުރި 12،000 އަކަފޫޓުގެ ޖާގަ ހަމަވާނީ ސީރާޒީގޭގެ ތިން ފަންގިފިލާއިންނެވެ.

މި މުއާމަލާތް ފާޅުވުމާއެކު، އެމްއެމްޓީވީއަކީ ރައީސް މުއިއްޒު ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ޗެނަލެއް ކަމަށާއި، އެތަނަށް މި ގޮތަށް އެންސްޕާއިން ފައިސާ ދިނުމަކީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ތުހުމަތުކުރެވި، އެތައް ފަރާތަކުން ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.

އެމްއެމްޓީވީ ހިންގާ ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ ރައީސް މުއިއްޒުގެ އަމިއްލަ ގެ، މ. ދިމްޔާތު ބަލަހައްޓާ އަބްދުﷲ ޒާހިރުގެ ނަމުގައެވެ. ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވެސް އެތަނުގައި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރައްވައެވެ.

މި މައްސަލައާ ގުޅިގެން ފާޑުކިޔުންތައް އިތުރުވުމާ ގުޅިގެން، އެންސްޕާއާއި މޯލްޑިވްސް މީޑިއާ ހައުސްއާ ދެމެދު ވެފައިވާ އެއްބަސްވުން އެންސްޕާއިން ވަނީ އުވާލާފައެވެ. އަދި އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ފާތިމަތު ޝިއުނާ އަހުމަދު ވަޒީފާއިން ވަކިކޮށްފައިވާއިރު، ޝިއުނާ ވިދާޅުވެފައިވަނީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކޮރަޕްޝަނުގެ މައްސަލަތައް ފޮރުވުމަށް ކަމަށެވެ.

މި މައްސަލަ ކިތަންމެ މަޝްހޫރުވެ، މީޑިއާގައި ފެތުރުނު ނަމަވެސް، ރައީސް މުއިއްޒު މިއަދު ވިދާޅުވެފައިވަނީ މި މައްސަލައިގެ އެއްވެސް މައުލޫމާތެއް އަދި އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.