ގާސިމް ދިވެހި ރައްޔިތުންނަށް: މުއިއްޒުއަށް ސަމާލުވާތި

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގެ ނަތީޖާ ނިކުންނަ ގޮތުން ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާކަމަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވުމަކީވެސް ވެދާނެކަމެކެވެ. މުއިއްޒު ރާއްޖޭގެ ރައީސް ކަމަށް ރައްޔިތުން އިންތިހާބު ކުރާއިރު މުއިއްޒު އަކީ ކާކުތޯ އާއި މުއިއްޒުގެ މާޒީ ބަލާލުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހީ ފަހުން އެކަމާއި ދެރަވެ ހިތާމަ ކުރަން ޖެހިދާނެތީއެވެ.

މުއިއްޒު އާއި ބެހޭގޮތުން ކުރިން މުއިއްޒުއަށް ވަޒީފާދީގެން ގެންގުޅުނު ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ނަސޭހަތުގެ ބަސްކޮޅު އަހާލުން ކީއްތޯއެވެ. އެއީ ގާސިމަކީ މުއިއްޒުގެ ހަގީގަތް ރަނގަޅަށް އެނގޭ މީހަކަށްވާތީއެވެ.

"އޭރު ސަރުކާރަށް ވަޑައިގެންނެވި އިރު އަތްޕުޅުގައި އޮތީ ކޯއްޗެއްތޯ. ކިހާ ވަރެއްތޯ. ދެން އަޅުގަނޑުމެންނަށް ފެންނަނީ 15 ބުރިއަށް ގެ އަޅުއްވައިގެން އުޅުއްވާ މަންޒަރު. ޕްރޮޖެކްޓުގެ ސައިޑުން ބައެއް މީހުން ވާހަކަ ދައްކާއިރު, ހިންގެވި ޕްރޮޖެކްޓެއްގެ ސައިޑުން ނަގާލި ކޮޅުދާއްޔަށް ނެގި އެތިކޮޅުން އެކަން ކަން ނިމިފައި ހުރިވާހަކަ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މުއިއްޒުގެ އަތްޕުޅުގައި އެހާ ފައިސާ ހުރި ނަމަ ވަޒީރެއްގެ ގޮތުގައި ހުންނަވައި ޑިކްލިއާ ކުރެއްވި މާލީ ހިސާބުގައި އެ ތަފްސީލު ނެތީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

"އޭރު މިނިސްޓަރ ކަން ހަވާލުވެވަޑައިގެންނެވި އިރު އެ ބޭފުޅާވެސް ހުށަހަޅުއްވާނެ މާލީ ބަޔާން, ކިހިނެއްތޯ ހުށަހަޅުއްވާފައިއޮތީ މާލީ ބަޔާނުގައި އޮތީ. ރަނގަޅަށް ބަލާލި ބޭފުޅަކަށް އެނގިވަޑައިގަންނަވާނެ".

ޑރ. މުއިއްޒުގެ ވަޒީރު ކަމުގައި އިމާރާތް ކުރެވުނު ދަރުމަވަންތަ ހޮސްޕިޓަލާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް ޓެންޑަރ އަށް ހުޅުވާލުމުން ދެކުންފުންޏަކުން ހުށަހެޅި ކަމަށެވެ. ނަމަވެސް އެ އިމާރާތް އެޅުމަށް ހަވާލުކޮށްފައިވަނީ އޭގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ފަރާތްތަށެވެ. އެމީހުން ހުށަހަޅާފައިވަނީ 151 މިލިއަން ޑޮލަރަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެ މަސައްކަތް އެ ފަރާތާއި ހުށަހެޅީ މަޖްލިސްގެ މާލިއްޔަތު ކޮމެޓީއަށް ހުށަނާޅައި އަވަސް އަރުވާލައިގެން ކަމަށެވެ. ނަމަވެސް ފަހުން އެ ޕްރޮޖެކްޓުގެ ލިޔުންތައް ލިބުނު އިރު އެ އިމާރާތް 50 މިލިއަން ޑޮލަަރަށް އަޅައިދޭނެ ކަމަށް ދެވަނަ އަށް ބިޑު ހުށަހެޅި ފަރާތުން އަގު ހުށަހަޅާފައިވާ ކަމަށެވެ.

ގާސިމް ވިދާޅުވީ އެ ޕްރޮޖެކްޓްސްއިން އެކަނިވެސް 100 މިލިއަން ޑޮލަރު ދައުލަތަށް ގެއްލިފައިވާ ކަމަށެވެ.