ސުޕުރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އާ ދެކޮޅަށް ހެކި އުފައްދައިގެން ވުޖޫދުގައި ނެތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް: މަހާޒް އާ ދެކޮޅަށް ހެކި އުފައްދައިގެން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ދަނީ މަސައްކަތް ކުރަމުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އާ ގުޅޭ މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. މައްސަލައިގެ ތަފްސީލު އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި މައްސަލައަކީ ހެކި އުފައްދައިގެން ކުރިއަށް ގެންދާ ތަހުގީގެއް ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

މި މައްސަލަ ކުރިމަތިވެފައި މިވަނީ ސުޕްރީމް ކޯޓުގައި ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކާ ގުޅޭ މުހިންމު މައްސަލައެއް ބެލެމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގެނެވުނު އިސްލާހެއް ބާތިލުކުރުމަށް އެދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހެޅުއްވި މައްސަލައެކެވެ.

މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ މަހާޒް، އަޒްމިރާލްދާ އަދި ސުއޫދު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ މަސައްކަތެއްގެ ބައެއް ކަމަށް ބެލެވެއެވެ. މިއީ ދިވެހި ރައްޔިތުންގެ މެދުގައި އިތުބާރު އޮތް މުއައްސަސާއެއް ކަމަށްވާ ސުޕްރީމް ކޯޓުގެ މިނިވަންކަމަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތެއް ކަމަށް ފާހަގަކުރެވެއެވެ.

ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަކީ ސަރުކާރަށް މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެންމެ ދެތިން ގަޑިއިރުގެ ތެރޭގައި 78 މެންބަރުންގެ ވޯޓުން ފާސްކުރި އިސްލާހެކެވެ. މި އިސްލާހަކީ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކުރާ އިސްލާހެކެވެ.

މި އިސްލާހާ މެދު ގާނޫނީ ވަކީލުންނާއި މަދަނީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ މި މައްސަލައިގައި ތަދައްހުލްވާނެ ކަމަށް ބުނެފައެވެ. އެމްޑީޕީން ބުނެފައިވަނީ މި އިސްލާހަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ރައްޔިތުންނަށް ލިބިފައިވާ ހައްގުތަކަށް އަރައިގަންނަ އިސްލާހެއް ކަމަށެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުގެ ކުރިމަގު ކަނޑައަޅާނެ ނިންމުމަކަށް ވާނެއެވެ. އެހެންކަމުން މި މައްސަލަ މިހާ ސީރިއަސްކޮށް ބަލަމުންދާ ދަނޑިވަޅެއްގައި ފަނޑިޔާރު މަހާޒް އާ ދެކޮޅަށް މައްސަލައެއް ތަހުގީގުކުރަން ފެށުމަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ސިޔާސީ ދާއިރާގެ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.