
ތިލަފުށީގައި ޤާއިމްކުރަމުންދާ ވޭސްޓް-ޓު-އެނާރޖީ މަޝްރޫއުގެ މައި ކޮންޓްރެކްޓަރ، ސްޕެއިންގެ އާބަސަރ އެސް.އޭ.ޔޫ އިން އެ މަޝްރޫއު އެއްކޮށް ހުއްޓާލާފައިވާކަން އެ ކުންފުނިން އެންވަޔަރަންމަންޓް މިނިސްޓްރީއަށް ފޮނުވި ސިޓީއަކުން ހާމަވެއްޖެއެވެ.
އާބަސަރއިން މަޝްރޫއު ހުއްޓާލުމަށް ނިންމާފައިވަނީ ސަރުކާރުން އަދާކުރަންޖެހޭ މާލީ އިލްތިޒާމްތައް އަދާނުކުރުމުގެ ސަބަބުންނެވެ. އެގޮތުން މަޝްރޫއުގެ 17 އިންސައްތަ ސަރުކާރުން ޚަރަދުކުރާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، އެ ފައިސާ ދެއްކުމުގައި 7 މަސްދުވަހުގެ ލަސްވުމެއް ދިމާވެފައިވެއެވެ. އަދި ސަރުކާރުން މި ފައިސާ ނުދެއްކުމުން، އޭޑީބީ އިން ވަނީ މަޝްރޫއުގެ 100 އިންސައްތަ ޚަރަދުކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް، ސަރުކާރުން ދައްކަންޖެހޭ އިންޑެކްސޭޝަން ފައިސާ (ޖީއެސްޓީ) ނުދެއްކުމުގެ ސަބަބުން ކޮންޓްރެކްޓަރު ވަނީ މަޝްރޫއު ހުއްޓާލުމަށް ނިންމާފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީއަށް ފޮނުވި ސިޓީގައި އާބަސަރ އިން ބުނެފައިވާ ގޮތުގައި، ސަރުކާރުން ވަނީ މަޝްރޫއަށް ފައިސާ ދެއްކޭނެ މާލީ ޤާބިލުކަން ހުރިކަމުގެ އެކަށީގެންވާ ހެކި ހުށަނާޅައެވެ. އަދި އޮޕަރޭޝަނަލް ފޭސްގެ ޚަރަދުތަކަށް އެކަށީގެންވާ ހެކި ފޯރުކޮށްދީފައެއް ނުވެއެވެ. މީގެ އިތުރުން، ކުންފުނިން 2024 ޖޫން 12 އިން ޖުލައި 10 އަށް އިތުރު މުއްދަތު ދިނުމުން ވެސް، އޮގަސްޓް 12، 2024 ގެ ނިޔަލަށް އެއްވެސް މާލީ މަޢުލޫމާތެއް ސަރުކާރުން ހުށަހަޅާފައެއް ނުވެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މޯލްޑިވްސް ގްރީން ފަންޑުން 2024 ވަނަ އަހަރަށް މި މަޝްރޫއުގެ ބަޖެޓް ފާސްކޮށްފައިވާނެއެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ނުވަތަ މިނިސްޓްރީ އޮފް ފިނޭންސްއިން ފާސްކޮށްފައިވާ ބަޖެޓެއް ސަރުކާރުން ދައްކާފައެއް ނުވެއެވެ. އަދި ސްޓެލްކޯ އިން ލިބޭނެ އާމްދަނީގެ އެއްވެސް ހެއްކެއް ނުވަތަ މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުތައް ބަލަހައްޓާނެ ކަމުގެ އެއްވެސް ހެއްކެއް ސަރުކާރުން ހުށަހަޅާފައެއް ނުވެއެވެ.
މި ހުރިހާ ސަބަބުތަކަށްޓަކައި، ނޮވެމްބަރު 11، 2024 ގައި އާބަސަރ އިން ވަނީ ރަސްމީކޮށް އެއްބަސްވުން ހުއްޓާލުމުގެ ނޯޓިސް ދީފައެވެ. އަދި އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްޤު ކުންފުނިން ވަނީ ރިޒާވްކޮށްފައެވެ. މި މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ޗައިނާގެ ސީއެންޓީވައި އާ ހަވާލުކުރެވިފައެވެ.
މަޝްރޫއު ހުއްޓާލުމާ ގުޅިގެން 500 ދުވަހަށްވުރެ ގިނަ ދުވަހުން މަޝްރޫއު ލަސްވާނެ ކަމަށް ލަފާކުރެވެއެވެ. ތިލަފުށީގައި ދުވާލަކު 1000 ޓަނުގެ ކުނި އުފެދޭއިރު، މިހާރުވެސް ތިލަފުށީގެ ކުނި މެނޭޖްކުރުމުގެ ޤާބިލުކަން ވަނީ މަތީ މިންވަރެއްގައެވެ. އެހެންކަމުން މި މަޝްރޫއު ލަސްވުމުގެ ސަބަބުން ވަމްކޯއަށް ކުނި މެނޭޖްކުރުމުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ.
އާބަސަރ އިން އެންވަޔަރަންމަންޓް މިނިސްޓްރީއަށް ފޮނުވި ސިޓީގައި، މޯލްޑިވްސް ގްރީން ފަންޑުގެ ހިންގުން އޮންނަ ގޮތާއި، މި ފަންޑުގެ ދަށުން މަޝްރޫއަށް ކަނޑައެޅިފައިވާ ވަކި ބަޖެޓެއް އޮތްކަން ސާބިތުކޮށްދިނުމަށް އެދިފައިވެއެވެ. އަދި ފައިނޭންސް ކުރެވޭ އަދަދު އަދި މުޅި އެއްބަސްވުމުގެ ފައިނޭންސިންގ މެކޭނިޒަމްތައް ހާމަކުރުމަށްވެސް އެދިފައިވެއެވެ.
މި މަޝްރޫއަކީ އޭޑީބީގެ އެހީގައި ކުރިއަށްގެންދާ އެންމެ މުހިއްމު އެއް މަޝްރޫއު ކަމަށްވެފައި، މި މަޝްރޫއު ލަސްވުމުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށާއި ކުނި މެނޭޖްކުރުމުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ފާހަގަކުރެވެއެވެ. އަދި މި މައްސަލައިގެ ސަބަބުން ދެ އަހަރާ ހަމައަށް މަޝްރޫއު ލަސްވެދާނެ ކަމަށް ލަފާކުރެވެއެވެ.