ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަނީ

މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ނިމުމާމެދު ސަރުކާރުގެ ކަންބޮޑުވުން އިތުރުވެ، އެކަމާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ލިބޭ މައުލޫމާތުން ދައްކާގޮތުގައި، ރޭގެ ވަގުތެއްގައި ބޭއްވުނު މަޝްވަރާތަކެއްގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް މަސައްކަތްކުރުމަށް ނިންމާފައިވެއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލުކޮށްފައިވާ ކަމަށް ބެލެވެއެވެ.

ސުޕްރީމް ކޯޓުގެ މައްސަލަ މި މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ސަރުކާރުން ކުރިން ގެންގުޅުނު ސުޕްރީމް ކޯޓު އުވާލުމުގެ ވިސްނުން ބަދަލުކޮށް، މިހާރު ވަކި ފަނޑިޔާރުންތަކެއް އަމާޒުކޮށްގެން މަސައްކަތްކުރަން ފަށާފައިވާކަން ފާހަގަކުރެވެއެވެ. މި ގޮތުން އަމާޒުކުރެވޭ ފަނޑިޔާރުންގެ ތެރޭގައި ޑރ. އަޒްމިރާލްދާ ޒާހިރު، އައިޝާ ޝުޖޫން މުހައްމަދު އަދި ޑރ. ހުނުއް ސުއޫދު ހިމެނޭކަމަށް ލިބޭ މައުލޫމާތުން ދައްކައެވެ.

ސުޕްރީމް ކޯޓު މުޅިން އުވާލުމުގެ ބަދަލުގައި މި ގޮތަށް ވަކި ފަނޑިޔާރުންތަކެއް އަމާޒުކުރުމަށް ނިންމާފައިވަނީ، ކޯޓު އުވާލުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުމާ ކުރިމަތިލާންޖެހިދާނެ ކަމަކަށްވާތީ ކަމަށް ބެލެވެއެވެ.

މި މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް ރައީސް މުއިއްޒު ބާރުއަޅުއްވާ ކަމަށް މައުލޫމާތު ލިބެއެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމައިދިނުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ލުޔެއް ލިބިދާނެކަމުގެ އުންމީދު އޮތްކަމަށް ބެލެވުނު ނަމަވެސް، އެކަން އެގޮތަށް ވުމަކީ ދުރު ކަމެއްކަމަށް ބެލެވެއެވެ.

މި ކަންކަމުގެ ސަބަބުން މަޖިލީހުގެ މެންބަރުންގެ މެދުގައި އޮތް ބިރުވެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. ގާނޫނުއަސާސީގެ އިސްލާހުގެ ދަށުން މެންބަރުންގެ މިނިވަންކަން ހަނިވެފައިވާއިރު، މިހާރު ކޮންމެ މެންބަރަކުވެސް އެ މެންބަރެއްގެ ގޮނޑި ގެއްލިދާނެކަމުގެ ބިރުވެރިކަމުގައި ތިބިކަން ފާހަގަކުރެވެއެވެ.

މިއީ ދިވެހިރާއްޖޭގެ ދީމިޤްރާތީ ނިޒާމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ގާނޫނީ ވަކީލުންނާއި މަދަނީ ޖަމިއްޔާތަކުން ފާހަގަކުރަމުންދެއެވެ. ފަނޑިޔާރުގެއާއި މިނިވަން މުއައްސަސާތަކުގެ މިނިވަންކަމަށް އަސަރުކުރާނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެ ފަރާތްތަކުން ގޮވާލަމުންދެއެވެ.