އެމްއޭސީއެލްގެ ޑީއެމްޑީ ލައްމާނު ކުންފުނި ލޫޓުވަނީ, ބައިއަޅަނީ މުއިއްޒުއަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ ޑީއެމްޑީ ލައްމާނު ކުންފުނި ކުންފުނިން ނާޖާއިޒު ފައިދާ ނަގަމުން އަންނަ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފިއެވެ.

އެމްއޭސީއެލްއިން އެއާޕޯޓުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސީވޯޓަރ ރިވާރސް އޮސްމޯސިސް (އެސްޑަބްލިޔުއާރުއޯ) މަޝްރޫޢުގެ އަގު އާދައިގެ އަގަށްވުރެ ތިން ގުނަ ބޮޑުކޮށްދީފައިވަނީ ލައްމާނުގެ މަސްލަހަތު ހިމެނޭ ރީޕްލާން ކިޔާ ކުންފުންޏަކަށެވެ.

މި މަޝްރޫޢަކީ 11.9 މިލިއަން ޑޮލަރުގެ އަގުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. ނަމަވެސް، އިންޑަސްޓްރީގެ އަންދާޒާތަކުން ދައްކާ ގޮތުގައި، ދުވާލަކު 1،000 ޓަނުގެ ޖާގައިގެ 2 އެސްޑަބްލިޔުއާރުއޯ ޔުނިޓް ޤާއިމްކުރުމަށް ހިނގާނީ އެންމެ 3 މިލިއަން ޑޮލަރެވެ.

މި މަޝްރޫޢުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުތައް އުފެދިފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މި މައްސަލަ ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް މި މައްސަލަ ވަނީ އޭސީސީން މަޑު ޖައްސާލާފައެވެ. އޭސީސީގެ ރައީސާއި ނައިބް ރައީސް އަކީ ރައީސް އައްޔަން ކުރާ ބަޔަކަށް ހެދުމާއި ގުޅިގެން އޭސީސީވަނީ ޕެރެލައިޒްވެފައެވެ..

ސަރުކާރުގެ ކުންފުނިތަކުގެ ކަރަޕްޝަން ތަކަކީ ސީދާ ރައީސް މުއިއްޒުއަށް ބައިއެޅިގެން ހިންގޭ ޖަރީމާތަކެއްކަމަށް އާއްމު ރައްޔިތުން ދަނީ ތުހުމަތު ކުރަމުންނެވެ.