
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގެ މައްސަލަ ފަށަން ތާވަލު ކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓު އުވާލުމާ ގުޅޭގޮތުން މުއިއްޒު އަރިސް މެންބަރުންނާއި މަޝްވަރާކޮށްފިއެވެ
ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާ ގުޅިގެން މިހާރު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ އިތުރު ބޮޑު ހަލަބޮލިކަމަކަށް ވެއްޓިފައެވެ. މި އިސްލާހުގެ ދަށުން މަޖިލިސް މެންބަރެއްގެ މެންބަރުކަން ގެއްލޭނެ ހާލަތްތައް އިތުރުކޮށް، މެންބަރުންގެ މިނިވަންކަން ހަނިކުރުމަށްފަހު، މިހާރު ވަނީ ސުޕްރީމް ކޯޓުގެ ބާރުތަކާ މެދުވެސް ސުވާލު އުފެދިފައެވެ.
ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރައީސް މުއިއްޒުގެ ގާތް ލަފާދޭ ބޭފުޅުންނާއި ބައެއް މަޖިލިސް މެންބަރުންނާއެކު މި މަހު ތެރޭގައި ސުޕްރީމް ކޯޓު އުވާލުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ބެލެވެއެވެ. މިއީ މިވަގުތު ސުޕްރީމް ކޯޓުގައި އޮތް ގާނޫނުއަސާސީގެ އިސްލާހާ ގުޅޭ މައްސަލައަށް އަސަރުކުރާނެ ކަމެކެވެ.
އިސްލާހުގެ މައްސަލަ ކޯޓަށް ހުށަހެޅި ސަބަބަކީ، އެ އިސްލާހު ގާނޫނުއަސާސީގެ އަސާސީ އުސޫލުތަކާ ފުށުއަރާ ކަމަށް ބެލެވޭތީއެވެ. މި މައްސަލަ ފެބްރުއަރީ 17 އަށް ތާވަލުކުރެވިފައިވާއިރު، އިދިކޮޅު އެމްޑީޕީން ވަނީ މައްސަލައަށް ތަދައްހުލްވާން ނިންމާފައެވެ.
މި އިސްލާހުގެ ސަބަބުން މަޖިލިސް މެންބަރުން ތިބީ މެންބަރުކަން ގެއްލިދާނެކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. އެއްވެސް މެންބަރަކަށް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވޭ ހާލަތެއްގައި ނޫނެވެ. ޕާޓީގެ ވިޕްލައިނަށް ތަބާވާން މަޖުބޫރުވެފައިވާ މެންބަރުންނަށް ރައްޔިތުންގެ މަސްލަހަތަށްވުރެ ޕާޓީގެ އަމުރަށް އިސްކަންދޭން ޖެހިފައިވެއެވެ.
އެހެންނަމަވެސް މިހާރު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިން މި އިސްލާހު ބާތިލުވެއްޖެނަމަ، މެންބަރުންނަށް މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. މިއީ ރައީސްގެ އިމްޕީޗްމަންޓް ފަދަ ބޮޑެތި ސިޔާސީ ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ގާނޫނީ ވަކީލުންނާއި މަދަނީ ޖަމިއްޔާތަކުން މި އިސްލާހާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ފަރާތްތަކުން ފާހަގަކުރަނީ މިއީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑަށް ގެނެވޭ ނުރައްކާތެރި ބަދަލެއް ކަމަށެވެ. ސުޕްރީމް ކޯޓު އުވާލުމުގެ މަޝްވަރާތައް ފެށިފައިވާކަމުގެ މައުލޫމާތު ފެތުރިފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ދީމިޤްރާތީ ނިޒާމަށް ކުރިމަތިވެފައިވާ އިތުރު ގޮންޖެހުމެކެވެ.
މި މައްސަލައަކީ ހަމައެކަނި މަޖިލީހުގެ މެންބަރުންނާ ގުޅުންހުރި މައްސަލައެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ދީމިޤްރާތީ ނިޒާމުގެ މުސްތަގުބަލަށް ސީދާ އަސަރުކުރާނެ މައްސަލައެކެވެ. ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމު ދެމެހެއްޓުމަށްޓަކައި، ސުޕްރީމް ކޯޓުގެ މިނިވަންކަން ހިމާޔަތްކުރުމަކީ މިވަގުތު ކޮންމެހެން މުހިންމު ކަމެކެވެ.