ވިލިނގިލި ހޮސްޕިޓަލް އިސްލާހު ކުރުމަށް މުޒާހަރާ އެއް ބޭއްވުމަށް ރައްޔިތުން ނިންމައިފި

ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައި މުޒާހަރާއެއް ބޭއްވުމަށް ވަނީ ނިންމައިފައި

ގއ. ވިލިނގިލި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހުންގެ ފުރާނައަށް ވަމުންދާ ގެއްލުންތަކާއި ގުޅިގެން، އެ ރަށުގެ ރައްޔިތުން ވަނީ މި މަހުގެ 8 ވަނަ ދުވަހު މުޒާހަރާ އެއް ކުރުމަށް ނިންމައިފައެވެ. މި މުޒާހަރާ އަކީ ވިލިނގިލި ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަށްވެ، އެކަށީގެންވާ ފަރުވާ ނުލިބި ގިނަ ބަޔަކު ނިޔާވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ކުރާ މުޒާހަރާއެކެވެ.

ވިލިނގިލި ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުލިބި މިދިޔަ އަހަރު ޖަނަވަރީ މަހު 13 އަހަރުގެ ކުޑަކުއްޖަކު ނިޔާވުމާއި، 35 އަހަރުގެ އަންހެނަކާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނިޔާވުމުގެ ހިތާމަވެރި ހާދިސާ ހިނގިތާ އަހަރެއް ވަނީ ވެފައެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން ވިލިނގިލި ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ރައްޔިތުން ދަނީ ތުހުމަތު ކުރަމުންނެވެ.

މިއަހަރުގެ ތެރޭގައި ވެސް އެ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުލިބި ގިނަ ބަޔަކު ނިޔާވަމުންދާތީ، އެކަމާ ކަންބޮޑުވެ ރައްޔިތުން ވަނީ މުޒާހަރާއަށް ނިކުންނަން ނިންމައިފައެވެ. ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައި މި މުޒާހަރާ އޮންނާނީ ވިލިނގިލި ހޮސްޕިޓަލް ކުރިމަތީގައެވެ.

ވިލިނގިލީގެ ރައްޔިތުން ބުނާ ގޮތުގައި ޑރ. މުއިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާއަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭކަމަށާއި، ރާއްޖޭގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. އެހެންކަމުން މި މުޒާހަރާގެ ސަބަބުން ސަރުކާރުގެ ސަމާލުކަން އެ ރަށުގެ ހޮސްޕިޓަލަށް ލިބި، ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ލިބޭނެ ކަމަށް އެ ރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ.