
އާންމު ބަލިމީހުންނަށާއި އެމަޖެންސީ ހާލަތްތަކުގައި އެންމެ ގިނައިން ބޭނުންކުރާ ނޯމަލް ސަލައިން އެސްޓިއޯގެ ބޭސްފިހާރަތަކުން ހުސްވެއްޖެއެވެ. މި ބޭހަކީ އެމެޖެންސީ ހާލަތްތަކުގައި ދޭ އެންމެ އަސާސީ އެއް ފްލުއިޑް އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭސް އިމްޕޯޓަރު، އެސްޓީއޯގެ ފާމަސީތަކުން މިހާރު މި ބޭސް ވަނީ ލިބެން ނެތް ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދީފައިވެއެވެ. އަދި އެހެން ބޭސްފިހާރަތަކުން ވެސް މި ބޭސް ވަނީ ހުސްވެފައެވެ.
މިއީ ހޮސްޕިޓަލުތަކުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ކޮންމެހެން ބޭނުންވާ ބޭހެއް ކަމަށް ޞިއްޙީ މާހިރުން ފާހަގަކުރައްވައެވެ. ޚާއްޞަކޮށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށާއި، އެމަޖެންސީ ހާލަތްތަކުގައިއޮޕަރޭޝަން ކުރާ މީހުންނަށާއި، ޑީހައިޑްރޭޝަންގެ މައްސަލަ ދިމާވާ ބަލިމީހުންނަށް ފަރުވާ ދިނުމަށެވެ.
މިވަގުތު ބަލިމީހުނަށް ފަރުވާ ދިނުމުގައި ބޭނުން ކުރަނީ ހޮސްޕިޓަލުތަކުގައި ހުރި އެންމެ ފަހު ސްޓޮކުންނެވެ. އަދި، މިސްޓޮކް ހުސްވާންވާއިރަށް ނުލިބި ލަސްވެއްޖެނަމަ، ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގައި އަސާސީ ބޭސްތައް ހުސްވުމުގެ މައްސަލަ ދިމާވަމުންދާ ދުވަސްވަރެކެވެ. ފާއިތުވި މަހު އައިވީ ފުލުއިޑް އަދި އެނޮކްސަޕެރިން (ކްލެކްސޭން) އިންޖެކްޝަން ވެސް ވަނީ ހުސްވެފައެވެ.
ބޭސް ހުސްވެފައިވާތީ، ސަރުކާރުގެ ބަހެއް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ. އެސްޓީއޯއިން މައުލޫމާތު ލިބުނު ގޮތުގައި، ދެން އެންމެ އަވަހަށް މި ބޭސް ލިބޭނެ ތާރީހެއް ވެސް މިހާތަނަށް ޔަގީންވެފައިނުވާ ކަމަށެވެ.
ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި މިފަދަ އަސާސީ ބޭސްތައް ހުސްވުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.