
ހުޅުމާލޭގައި ތަރައްގީކުރަން ފެށި ވޯޓާ ތީމް ޕާކް އެޅުމަށް ގެނެސްފައިވާ 20 މިލިއަން ރުފިޔާގެ އަގުހުރި އިމާރާތްކުރުމުގެ ސާމާނާއި މެޝިނަރީތައް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ބައެއް ބޯޑު މެންބަރުން އަޑީގައި ތިބެގެން ވިއްކާ ހުސްކޮށްފައިވާ ކަން ހާމަވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިއަދު ލީކްކޮށްލާފައިވާ އެޗްޑީސީގެ އިންސިޑެންޓް ރިޕޯޓެއްގައިވާގޮތުން އެޗްޑީސީގެ ރިއަލް އެސްޓޭޓް ޗީފް އަހުމަދު ސަނީހު ހަނީފް އަދި ބޯޑުގެ 3 މެންބަރަކު ގުޅިގެން ވަނީ 20 މިލިއަން ރުފިޔާގެ އަގުހުރި ޢިމާރާތްކުރުމުގެތަކެއްޗާއި މެޝިނަރީ ވަގަށް ނަގައި، ޑިސެމްބަރު 15 ވަނަ ދުވަހުގެ ރޭ 8:30 ގައި ރޯމް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ވިއްކާލާފަ އެވެ.
މި ތަކެއްޗާއި އިކުއިޕްމަންޓްތަކަކީ ވޯޓާ ތީމް ޕާކް ތަރައްގީކުރާ ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ޕްރައިވެޓް ލިމިޓެޑްގެ މުދަލެވެ. މި ތީމް ޕާކް ސައިޓް ވަނީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ސަބަބުން އެންމެންނަށް ބަންދުކުރެވިފަ އެވެ.
ނަމަވެސް އެޗްޑީސީގެ އިންސިޑެންޓް ރިޕޯޓްގައި ބުނެފައިވާގޮތުން ޑިސެމްބަރު 15 ވަނަ ދުވަހުގެ ރޭ 8:30 ގައި އެތަން ސާފުކުރުމަށް ކަމަށް ބުނެ ސިލްވާ ސޭންޑްސް ޕްރައިވެޓް ލިމިޓެޑް ކުންފުނި ސައިޓަށް ގެންގޮސް، ހުރިހާ ތަކެއްޗާއި އިކުއިޕްމަންޓްތައް ނަގައި، ރޯމް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލާފައިވާ ކަމަށެވެ.
މި ތަކެތީގެ ތެރޭގައި އެކްސްކަވޭޓަރާއި، ކްރޭން، ލޮރީ، ކޮންޓެއިނާ، ވެލި ގައު، ކުލަ ފަދަ ތަކެތި ހިމެނެ އެވެ. މިކަމުގައި ބައިވެރިވި އެންމެންނަށް ލިބުނު ފައިސާއިން ސިލްވާ ސޭންޑްސްއަށް ކޮމިޝަން ދީފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.
އެޗްޑީސީގެ އެމްޑީ ފަޒުލްގެ ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރަމުންދާއިރު، އޭނާ އާއެކު އެޗްޑީސީ ބޯޑުގެ ހުރިހާ މެންބަރުން މިހާރު ވަނީ ސަސްޕެންޑްކޮށް ޕާސްޕޯޓް ހިފަހައްޓާފަ އެވެ.
މީގެ އިތުރުން ފަޒުލްގެ ބޭބެ ފަޒީލް ރަޝީދުއަށް ބިންވެރިޔާ ސްކީމުގެ ދަށުން ނުލިބޭ ގޯއްޗެއް ދިންކަމަށް ކުރެވޭ ތުހުމަތާއެކު ފުލުހުންނާއި އޭސީސީން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.