ސަރުކާރުން މަސައްކަތް ކުރަނީ ކޮރަޕްޝަން ފޮރުވަން, ހީނާ ވަލީދައް ފިޔަވަޅު އަޅާނީ ރައްޔިތުން އެންސްޕާ ދޮށައް އެއްވެގެން!

އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އަމާޒުވެފައިވާ ތުހުމުތަކުތަކާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަތައް ފޮރުވަން ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޑެޕިއުޓީ ސީއީއޯކަމުން އިއްޔެ ވަކިކުރި ފާތިމަތު ޝިއުނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

މަގާމުން ވަކިކުރުމާ އެކު ސޯޝަލް މީޑިއާގައި އާންމުކުރި ލިޔުމެއްގައި ޝިއުނާ ވިދާޅުވީ، ސަރުކާރަށާއި އެންސްޕާއަށް އަމާޒުވެފައިވާ އެއްވެސް ކޮރަޕްޝަނުގެ މައްސަލައެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

"މި ފުރުސަތުގައި ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް ކުރަ މަސައްކަތްތައް ހަރުކަރުށި އިބާރާތުން ކުށްވެރިކުރަން،" އޭނާ ވިދާޅުވި އެވެ.

އެންސްޕާއަށް ރައްދުވާ ކޮރަޕްޝަނުގެ މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅުން އޮތް އެމްއެމްޓީވީ ހިންގަން އެ އެޖެންސީއަށް އޮފީހެއް ހޯދުމަށް ކަމަށް ބުނެ ފައިސާތަކެއް ދިނުމެވެ.

ޝިއުނާ ވިދާޅުވީ ކޮރަޕްޝަނުގެ ބައިވެރިއެއްގެ ގޮތުގައި ދޭހަވާގޮތަށް މި ދަނޑިވަޅުގައި އޭނަ ވަކިކުރި ނަމަވެސް، އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް ރައްދުވާ މި ތުހުމުތުތަކާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ކަމަށް އައްޔަންކުރެވުނު ތާރީހުން ފެށިގެން މިއަދާ ހަމައަށް އެންސްޕާއިން އެމްއެމްޓީވީއާ ގުޅިގެން ބާއްވާފައިވާ އެއްވެސް ބައްދަލުވުމެއްގައި ވެސް އަޅުގަނޑު ބައިވެރިވެފައެއް ނުވާނެ،" ޝިއުނާގެ ލިޔުމުގައި ވިދާޅުވެފައިވެ އެވެ.

ސަރުކާރުން އިއްޔެ މި ނިންމުން ނިންމުމާއެކު މި ނޫހުން ވާނީ ޝިއުނާ ވަކިކުރި ސަބަބު ސާފުކުރުމަށް ހީނާއާ ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް މިހާތަނަށް ޖަވާބެއް ނުދެއްވަ އެވެ.

އެމްއެމްޓީވީ އާއި އެންސްޕާއާ ދެމެދު ވެވުނު ފަސް އަހަރުގެ އެއްބަސްވުމަކީ މަހަކަށް 580،000ރ. ގެ ރޭޓުން ކުލި ދައްކާ ގޮތަށް، ޖުމްލަ 34.8 މިލިއަން ރުފިޔާގައި އަގުކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ކަންކަން ސޯޝަލްމީޑިއާއަށް ތިލަވެ އާންމުންނާއި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުންގެ ފާޑުކިޔުން އަމާޒުވުމުން އެންސްޕާއިން ވަނީ އެއްބަސްވުން އުވާލާފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ތަހުގީގުކުރަން ފަށާ އެންސްޕާއިން ލިޔުންތަކެއް ވެސް ގެންދިޔަ އެވެ. ނަމަވެސް އޭގެ ފަހުން މައްސަލާގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން ވެސް ސަރުކާރުގެ އެކި ކުންފުނިތަކާއި ވުޒާރާތަކާ ގުޅޭ ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް މި ހަފުތާގެ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ. އޭގެތެރެއިން ބައެއް މައްސަލަތައް ފުލުހުންނާއި އޭސީސީއިން ގެންދަނީ ތަހުގީގުކުރަމުންނެވެ.