
ރައީސުލް ޖުމްހުރިއްޔާގެ ދައުރާއި މަޖްލިސް މެމްބަރުންގެ ދައުރު 10 އަހަރަށް ދިގު ކުރުމަށް މަޝްވަރާ ކުރެވެން ފަށައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބުމާއި ގުޅިގެން މިހާރުވެސް ރައީސް މުއިއްޒު އަންނަނީ އޭނާގެ ސަޕޯޓަރުން މެދުވެރިކޮށް ވެރިކަމުގެ ދައުރު 5 އަހަރުން 10 އަހަރަށް ބަދަލު ކުރަން ޖެހޭ ކަމަށް ބުނެ ކެމްޕެއިން ކުރަމުންނެވެ.
މުއިއްޒުއަށް ކޮންމެ ދުވަހަކު މިހާރު ސަނާ ކިޔަމުން އަންނަ ޒާހިދު ރަމީޒު ދިވެހިރާއްޖެ ތަރައްގީގެ ބޮޑުބައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ތަރައްޤީގެ ބޮޑު ބައި 5 އަހަރުންވެސް ނިންމާލެވޭނެއެވެ.
" އެކަމަކު ހަމަޖެހުމާއި ސެކިއުރިޓީ ލިބޭނީ އެއް ވެރިކަމެއް ދިގުދެމިގެން ދާނަމައެވެ. އަހަރެންގެ ހިޔާލަކީ 5 އަހަރުން 10 އަހަރަށް ނިޒާމު ބަދަލުކޮށްލުމެވެ. މިހާރުގެ ރައީސް މުއިއްޒު އަށް އެއިތުބާރު އަހަރެން ކުރަމެވެ. މާލަސްނުކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާއިއެކު ކޮންމެހެންވެސް މިކަން ކުރަން ޖެހޭކަމަށް ފެނެއެވެ." ޒާހިދު ބުނެފައިވެއެވެ.
ޒާހިދުގެ އިތުރުންވެސް މުއިއްޒުގެ ސޯޝަލް މީޑިއާ ޓީމުން އަންނަނީ ވެރިކަމުގެ ދައުރު 10 އަހަރަށް ބަދަލު ކުރުމާއި ގުޅޭ ޕޯސްޓު ސޯޝަލް މީޑިއާގައި ގިނަ ކުރަމުންނެވެ.
އަލަށް މަޖްލިސްއަށް އިންތިހާބުވި މެމްބަރަކު ބުނީ ރައީސް މުއިއްޒުގެ އެވިސްނުން ހުރިކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ މިހާރު މި ލިބުނު ބޮޑު މެޖޯރިޓީގެ ބޭނުން ހިފައި, ވެރިކަމުގެ ދައުރު 10 އަހަރަށް ބަދަލު ކުރަން, މިއާއި އެކު މަޖްލިސް މެމްބަރުންގެ ދައުރުވެސް 10 އަހަރަށް ހަދާ ގޮތަށް މެމްބަރުންނަށް އޮފާ ކުރާނީ, އޭރުން މެމްބަރުންނަށްވެސް 10 އަހަރު ލިބިގެންދާނެ. ބޮޑަށް ބެލެވެނީ މަޖްލިސްގެ ސުޕަ މެޖޯރިޓީ މިކަމަށް ލިބޭނެ ހެން" އިންތިހާބީ މެމްބަރަކު ވިދާޅުވިއެވެ.
ޕީއެންސީގެ އިސް އެހެން އޮފިޝަލަކުވެސް ވިދާޅުވީ އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބުމުން އެމީހުންނަށް ނުކުރެވުނު އެތައް ކަމެއް ރައީސް މުއިއްޒު ކުރައްވާނެކަމަށެވެ.
"މުޅި ރާއްޖެއިން ރައީސަށް މިއޮތީ ތާއިދު ދައްކާލާފައި, ރައީސް ގެންނަން ބޭނުންވާ ތަރައްޤީ 5 އަހަރުން ނުގެނެވޭނެ, އެއީ ޔަގީންކަމެއް. އެހެންވީމާ ދައުރު 10 އަހަރަށް ހަދާލަން ރައްޔިތުން ދެކޮޅެއް ނުވާނެ" ރައީސް އޮފީހުގެ ޕޮލިޓިކަލް އޮފިޝަލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 93 މެމްބަރުންގެ ތެރެއިން އެމްޑީޕީއަށް ލިބުނު 12 ގޮޑި ފިޔަވައި ދެން ހުރި 81 ގޮޑީގެ ކޮންޓްރޯލް އޮތީ ރައީސް މުއިއްޒުއަށެވެ. މިއަދަދަކީ ގާނޫނު އަސާސީއަށް ހިތުހުރިގޮތެެއް ހަދާލެވޭނެ ބޮޑު މެޖޯރިޓީއެކެވެ.