
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް މައްޗަންގޯލި އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް މުހައްމަދު (ޖަނާބު) އަދި ނައިބް ރައީސަކަށް ނިލަންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ފާތިމަތު ސައުދާ ހަމަޖައްްސަން މަޝްވަރާ ކުރެވުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އާދީއްތަ ދުވަހު ބޭއްވުނު މަޖްލިސް އިންތިހާބުން ރައީސް މުއިއްޒު ވަނީ ސުޕަ މެޖޯރިޓީ ނަގާފައެވެ. މުއިއްޒުގެ ޕީއެންސީއިން ވަނީ 66 ގޮޑި ހޯދާފައެވެ. މަޖްލިސްއަށް އިންތިހާބުވި އާ މެމްބަރުން އަންނަ މޭއި 28 ވަނަ ދުވަހު ހުވާ ކުރުމަށް ތައްޔާރުވަމުން އަންނައިރު މަޖްލިސްގެ ރައީސާއި ނައިބް ރައީސް ނެގުމުގައި މިހާރުވެސް ހިޔާލު ތަފާތުވުންތައް ފެންމަތިވާން ފަށާފައެވެ.
މަޖްލިސް އިންތިާބަށް ފޮނަދޫ ދާއިރާއަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ އެޑްވައިޒަރ އަބްދުއް ރަހީމް (އަދުރޭ) ކުރިމަތިލީވެސް މަޖްލިސްގެ ރައީސްކަމަށް އަންނަން އިއްލާން ކުރުމަށްފަހުއެވެ. އަދުރޭ ވަނީ މިހާރުވެސް ދަނީ މަޖްލިސް ރައީސްކަމަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ.
ޕީއެންސީގެ އެތެރޭގެ މައުލޫމާތު ހުރި ގޮތުން ރައީސް މުއިއްޒުގެ ނަންބަރ ވަން އޮޕްޝަން އަކީ މަޖްލިސްގެ ކުރިންވެސް ރައީސް ކަން ކުރެއްވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް (ޖަނގިޔާ ނާޒިމް) އަށް މަޖްލިސް ރައިސަކަށް ގެނައުމަށެވެ. ޖަނގިޔާ ނާޒިމަކީ ރައީސް މުއިއްޒުގެ ދެބެއިންގެ ދެދަރި މީހެކެވެ.
މަޖްލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގައިވެސް އަދުރޭ އާއި ނާޒިމް އާއި ދެމެދު ވަނީ މައްސަލަ އުފެދިފައެވެ. އަދުރޭ މަސައްކަތް ކުރަމުން ދިޔައީ ނާޒިމް މަޖްލިސްއަށް ނުހޮވަން ކުރަން ޖެހުނު ކަންކަން ސަރުކާރު ތެރެއިން ކުރުގައެވެ. ނަމަވެސް ޑރ. މުއިއްޒު ގެންދެވީ އެކަންކަން ގާތުން ބަލައި މަޑުން ހުރެ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން މަޖްލިސް އިންތިހާބަށް ހަފްތާއަށް ވެފައިވަނިކޮށް މުއިއްޒު ވަނީ ދިއްގަރުގައި ހޮސްޕިޓަލެއް އެޅުމަށްވެސް ނިންމަވާފައެވެ. އަދި ގޮޑި ހޯދުމަށް ކުރެެވެން ހުރި ހުރިހާ ކަމަކަށް ނާޒިމް އަށް ހުރީ ސަރުކާރުގެ ދޮރުތައް ހުޅުވާދީފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިންތިހާބުގެ ނަތީޖާ އެނގުމާއި އެކު ރައީސް މުއިއްޒު ވަނީ މަޖްލިސްގެ ރައީސްގެ ކަންކަން ތިމަން މަނިކުފާން އަންގަވާ ގޮތަކަށް ކުރިއަށް ގެންދިއުމަށް މަޑު ކުރުމަށް އަންގާފައެވެ.
މުއިއްޒު އާއި އަރިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވީ މަޖްލިސް މިވަރުގެ ސުޕަ މެޖޯރިޓީއެއް ލިބުމުން މަޖްލިސްގެ ރައީސަކަށް މުއިއްޒު ހަމަޖައްސާނީ އިތުބާރު ހިފޭ ގާބިލް މީހެކެވެ. އެމީހަކަށް އަދުރޭ ނުވާނެކަމަށެވެ. އެގޮތުން މިދެދުވަހުގެ ކަންކަމަށް ބަލައި ރައީސް މުއިއްޒުގެ ޅިޔަނު ޖަނާބު މަޖްލިސް ރައީސަކަށް އަދި ނައިބް ރައީސަކަށް ކޮއްކޯފުޅު ސައުދާ ހަމަޖައްސަވަފާނެއެވެ. އެއީ މިހާރު އަދުރޭ އާއި ނާޒިމް އާއި ދެމެދު އުފެދިފައިވާ މައްސަލަ ގަނޑު މައިތިރި ކުރުމުގެ ގޮތުން ކަމަށެވެ.
ކޮންމެ އަކަސް މަޖްލިސްގެ ރައީސަކަށް އަދުރޭ އައުމަށް ކުރަމުން އަންނަ މަސައްކަތް އަދުރޭ މަޑުޖައްސާނެކަމަށް ނުބެލެވެއެެވެ. އަދި ސިޔާސީ ގޭސް އެނބުރުމުގައި ޖަނގިޔާއަކީ ކޮންމެ ފަދަ ކަމެއްކޮށްފާނެ ސިޔާސީ ހިޔަޅެކެވެ. ރައީސް ޔާމީނާއި މުއިއްޒު ދުރުކޮށް, ސިޔާސީ ގޮތުން މުއިއްޒުގެ ކޮންޓްރޯލް ނާޒިމް ނަގާފައިވަނީ ހިތަށް ނުގަނެވޭހާ މޮޅަށެވެ. އެކަން ރައީސް މުއިއްޒު ހިތާއި ހިތުން ގަބޫލް ކުރެއެވެ.
ރައީސް އޮފީހާއި ކެބިނެޓުގެ ގިނަ މަގާމުތަކުގައި މުއިއްޒު ބަހައްޓާފައިވަނީ އާއިލީ އިތުބާރު ކުރެވޭ މީހުންނެވެ. އެހެން ކަމުން މަޖްލިސްގެ ރައީސް ހޮވުމުގައި ވެރިކަން ދެމެހެއްޓޭނެ ހުރިހާ އިތުބާރު ހުރި ފޯމިއުލާއަކަށް މުއިއްޒު ގެންދަވަނީ ވިސްނަމުންނެވެ. މިވަގުތު އެ ފޯމިއުލާއަކީ ޖަނާބު އާއި ސައުދާއެވެ.