ސިޔާސީ މަގާމުތައް 3000 އިން މައްޗަށް, މަޖްލިސް އިންތިހާބަށްފަހު ގިނަ ބަޔަކު ވަޒީފާއިން ވަކި ކުރަނީ

 މަޖްލިސް އިންތިހާބާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކަށް ސިޔާސީ މަގާމު ބަހަމުން އަންނަ އިރު އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖްލިސް އިންތިހާބުގެ ނަތީޖާއަށް ބަލައި ގިނަ ސިޔާސީ މަގާމުތަކުން މީހުން ވަކި ކުރުމަށް ސަރުކާރުން ނިންމައިިފިއެވެ.

ރައިސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ މަޖްލިސް މެޖޯރިޓީ ނެގުމަށް ގިނަ އަދަދެއްގެ ބަޔަކަށް މިހާތަނަށް ސިޔާސީ ގިނަ މަގާމުތަކެއް ހަމަޖައްސާފައިވާކަމަށެވެ. އޭގެ ތެރޭގައި ފެނަކަ, ސްޓެލްކޯ, ވެމްކޯ, އެމްޓީސީސީ އަދި އެޗްޑީސީއަށް ގިނަ ބަޔަކު ވަނީ ވައްދާފައެވެ. މީގެ އިތުރުންވެސް އެމްޕީއެލްއިން ވެސް ވަނީ ގިނަ ބަޔަކަށް ވަޒީފާދީފައެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ ޑެޕިއުޓީ މިނިސްޓަރުންނާއި, ސްޓޭޓް މިނިސްޓަރުންގެ އިތުރުން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އަދަދު މިހާރު 3000 އިން މައްޗަށް ވަނީ އަރާފައެވެ. އަދި ބައެއް މިނިސްޓްރީތަކުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަޒީރުންނަށްވެސް ނޭގެއެވެ. އަދި ސީދާ ރައީސް މުއިއްޒުއަށްވެސް ސިޔާސީ އަދަދެއް ނޭގޭނެކަމަށް ރައީސް އޮފީހުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ފާއިތުވި ދެމަހުގެ ސިޔާސީ މަގާމުތަކުގެ މުުސާރައަށް ދައުލަތުން ބޮޑު ހޭދައެއްކޮށްފައިވާ އިރު މި ހަރަދު އަންނަ މަހުން ފެށިގެން ނުކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރ މިހާރު ވަނީ ރައީސަށް އަންގާފައެވެ. އަދި ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މިހާރު ވަޒީފާ ދީފައިވާ ގިނަ ފަރާތެއް ވަޒީފާއިން ވަކި ކުރާނެއެވެ.

"މަޖްލިސް ލިބުނަސް ނުލިބުނަސް މިހާރު އަލަށް ވަޒީފާދޭ އެންމެން ކަހަލަ ގޮތަކަށް ވަޒީފާއިން ވަކި ކުރުމަށް ވަނީ ނިންމާފައި, މަޖްލިސް މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ އިތުރު ސިޔާސީ މަގާމު އުފެއްދުމުގެ ބޭނުމެއްނެތް, އަނެއްކޮޅުން މަޖްލިސް ނުލިބިއްޖިއްޔާ ހަރަދު ކުޑަކުރުމަށް ވަޒީފާއިން ވަކި ކުރާގޮތަށް ނިންމާފައި ވަނީ" އޮފިޝަލް ވިދާޅުވިއެވެ.

މަޖްލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ވޯޓު ހޯދުމަށް ބައެއް ރަށްރަށުން 50 އިން 60 އިން މީހުންނަށް އަންނަނީ ވަޒީފާ ދެމުންނެވެ. އެމީހުން މަސައްކަތް ކުރަން ނިކުންނާނެތަނެއް , ކުރާނެ މަސައްކަތެއް ނުދައްކައެވެ. ބައެއް ކުންފުނިތަކަށް ނަގާފައިވާ މުވައްޒަފުން ސޮއި ކުރަނީ ކުންފުނިން ހަދާފައިވާ ވައިބާ އަދި ވަޓްސްއަޕް ގްރޫޕެއްގައެވެ. އެމީހުން ކުރަން ޖެހޭ މަސައްކަތަކީ ސަރުކާރު ކެންޑިޑޭޓު ޕްރޮމޯޓު ކުރުމުގެ މަސައްކަތެެ.