ޔާމީންގެ އެންމެ ހަރަކާތަކުން މުއިއްޒުގެ ސަރުކާރު ކޮށިއަރުވާލައިފި, މިހާރު މުޅި ސަރުކާރު އޮތީ ޑިފެންސަށް އެރި

ޕީއެންއެފް އުފެއްދުމަށް ބައްވަންޖެހޭ ގާނޫނީ ޖަލްސާ ބޭއްވުމުގެ ހުރިހާ ކަމެއް ކުރިއާލާ އިންތިޒާމްކޮށް ހަމަ ޖައްސަމުން އައިސްފައިވެއެވެ. ޖަލްސާ ބޭއްވުމަށް ގިޔާސުއްދީނު ހޯލު ކުއްޔަށް ހިފާ އެތާނގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ހަމަޖެހިގެން ދިޔައީ ސިއްރަކުން ނޫނެވެ. ހޯލު ކުއްޔަށް ދިން އިރު ސްކޫލުގެ އިމްތިހާނު ބޯމަތިވެފައިވާކަމެއް ބަންދަށްފަހު ސްކޫލު ހުޅުވަން ތައްޔާރު ވާން ޖެހޭ ކަމެއް ގިޔާސުއްދީނު މެނޭޖްމަންޓަކަށް ނޭގެއެވެ.

އިމްތިހާނަށް ތައްޔާރުވުމަށާއި ސްކޫލު ހުޅުވަން ތައްޔާރު ވުމަށް އޮތް ހަމައެކަނި ވަގުތުކޮޅަކީ ފިތުރު އީދު ވިލޭރޭ ކަމަށް ވުމުންވާނީ އެހެންތާއެވެ. ސްކޫލު ހުރިހާ ކުދިންނާއި މުއައްޒަފުންނާއި ޓީޗަރުން ހޭބޯނާރާ ސްކޫލުގައި މަސައްކަތް ކުރާނީ އީދުވިލެރޭ ވިއްޔާއެވެ. އެހުރިހާ ކަމެއް އެހެން އޮތް އިރު ސްކޫލު ހޯލު ޕީއެންސީއަށް ކުއްޔަށްދީގެން ސްކޫލު ހިންގުމަށް ހުރަސް އެޅޭކަން އެނގުނީ ޕީއެންސީން ޖަލްސާ ބާއްވަން ހޯލު ތައްޔާރުކޮށް ނިންމާ ޖަލްސާއަށް މީހުން އަންނަން ތައްޔާރުވީމައެވެ.

ވެގެން އުޅުނީކީ އެހެނެއް ނޫނެވެ. ރައީސް ޔާމީނުގެ ޕާޓީ ރަޖިސްޓްރީ ވާތީ މުއިއްޒު މޭކެރީއެވެ. ހުޅުހުޅުން ވާގިދޫވީއެވެ. ކުރާނެ ނުކުރާނެ ކަމެއް ނޭނގުނީއެވެ. ހަދާނެ ނުހަދާނެއެއް ނޭނގިގެން ސްޓެލްކޯ ލައްވާ ގިޔާސުއްދީންގެ ކަރަންޓް ކަނޑުވާލީއެވެ. ކަރަންޓް ކަނޑުވާލުމުން އަމިއްލަ އިންޖީނަކުން ކަރަންޓް ދީގެންވެސް ޕީއެންއެފް ޖަލްސާ ބާއްވަން ތައްޔާރުވުމުން ގޮތް ހުސްވީއެވެ.

އެހެން ކަމުން މުޅި ތައުލީމީ ނިޒާމް ހުއްޓޭ ފަދަ ނުރައްކާތެރި ކަމަކަށް ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާވެގެން އެޑިއުކޭޝަން މިނިސްޓަރ ބިމުން ކެޓިގެން އުޅެނުގަނެއެއް ނުވާނެތާއެވެ. ގިޔާސުއްދީނު ސްކޫލުގެ މެނޭޖްމަންޓަށް އަންގައިގެން ހޯލު ކުއްޔަށް ދިންދިނުން ބާތިލު ކުރުވާ ކުއްޔަށް ދެއްކިފައިސާ އަނބުރާ ޕީއެންސީއަށް ދިނުމަށް މަޖުބޫރު ކުރުވިއެވެ. ހޯލު ކުއްޔަށް ހިފުމަށް ދެއްކި ފައިސާ ރިފަންޑް ކުރަންވީ އެކައުންޓެއް އަންގަން ގިޔާސުންދީނުން ޕީއެންއެފަށް އެންގީ މެއިލަކުންނެވެ.

ބޭއްވުމަށް ހުއްދަނުދޭ އެއްވުމެއް ގިޔާސުއްދީނުގައި ބާއްވަން އުޅޭކަމަށްހަދާ ކުއްލިއަކަށް ގިޔާސުއްދީނު ސްކޫލު ރައްކާތެރި ކަމުގެ އޯޑަރެއް އެޑިއުކޭޝަނުން ފުލުހަށް ފޮނުވުމުން ފުލުހުން ނިކުމެ ގިޔާސުއްދީންގައި ޕީއެންސީގެ ޖަލްސާ ބޭއްވުން ހުއްޓުވިއެވެ. ގިޔާސުއްދީނު ސްކޫލް ހޯލުގައި ޖަލްސާގެ ހުރިހާކަމެއް އިންތިޒާމްކޮށް ނިންމިފަހުންނެވެ. ހުއްދަނުދޭ ޖަލްސާއެއް ގަވައިދާ ހިލާފަށް ބާއްވާކަމަށްވީ ޖަލްސާ ފަށަން މީހުން ދާންފެށި ހިސާބުންނެވެ. ބަޔަކު ގަވައިދާ ހިލާފަށް ވަދެ ސްކޫލު ހޯލުގައި ބަޔަކު ކަމެއް ކުރާކަން ސްކޫލު މެނޭޖްމަޏްޓަށާއި އެޑިއުކޭޝަނަން އެނގެނީ ޖަލްސާ ފަށަން ސުން ސިކުންތައް ވީމައެވެ.

ޖަލްސާއަށް މީހުންގޮސް ހަމަވުމުން ފުލުހުން ލައްވާ ޖަލްސާ ހުއްޓުވުމުން ގޮތް ހުސްވެ ޖަލްސާ ނުބާއްވާ ގެއަށް ވަންނާނެ ކަމަށް މުއިއްޒު ހީކުރި ކުރުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ. ގޮށްމުށުން ފިކުރު މަރާނުލެވޭނެކަން މުއިއްޒަކަށް ނޭގުނެވެ. މުއިއްޒު ސައިޒުކޮށް ޕީއެންއެފުން އެ ޕާޓީ އުފައްދުމުގެ ގާނޫނީ ޖަލްސާ ބާއްވައިފިއެވެ. ހަމަރަނގަޅަށް މުއިއްޒު ކޮށިއަރުވާލީއެވެ.