ދީންވެރި މުއިއްޒު މިއުޒިކާއި ލަވަޔާއި ނެށުމުގެ ހަރަކާތްތަކާއެކު ފިތުރު އީދު ފާހަގަކޮށްފި

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި ބޭއްވި ޝޯގެ ތެރެއިން. ފޮޓޯ: ވަގުތު / ވަގުތު.އެމްވީ

ރަމަޟާން މަހުގެ އަޅުކަމަށްފަހު މުސްލިމުންނަށް އަންނަ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ރޭ މާލޭ ސިޓީގައި ހަވާ އެރުވުމާއިއެކު ސްޓޭޖު ޝޯއެއް ބާއްވައިފި އެވެ.

އާޓިފިޝަލް ބީޗުގައި ރޭ 9:00 ގައި ބޭއްވި މި ޝޯގައި ރާއްޖޭގެ މިޔުޒިކީ ފަންނާނުންގެ ހުށަހެޅުންތައް ފެނިގެން ގޮސްފައި ވެއެވެ. މީގެ އިތުރުން ބިދަބިން ބޮޑުބެރު ގުރޫޕާއި އެ ގްރޫޕުގެ ނެށުންތެރިންގެ އިތުރުން އަންހެން އިތުރު ނަށާ ގްރޫޕެއްގެ ހުށަހެޅުންތައްވެސް ފެނިގެން ދިޔަ އެވެ. އަދި ރާއްޖޭގެ ފިލްމީ ތަރި ޖާދު އެންޑް ގްރޫޕުގެ ހަރަކާތްތަކެއްވެސް ހުށަހަޅައިދިނެވެ.

ރޭ 9:00 އިން ގާތްގަނޑަކަށް 12:00 އަށް ކުރިއަށް ގެންދިޔަ މި ސްޓޭޖު ޝޯ ބަލައިލުމަށް މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް އާޓިފިޝަލް ބީޗަށް ޖަމާވި އެވެ. އެއާއެކު ބޮޑުތަކުރުފާނު މަގަށް މީހުން ތޮއްޖެހި ދުއްވާ އެއްޗެއްސައް ނުދުއްވި ގާތްގަނޑަކަށް ގަޑިއެއްހާއިރަށް އެމަގު ޓްރެފިކް ވިއެވެ.

ބޮޑުތަކުރުފާނު މަގު ސަރަހައްދު އެންމެ ބޮޑަށް ޓްރެފިކް ވެގެންދިޔަ ވަގުތުގައި އެސަރަހައްދުގައި ފުލުހަކު ހަރަކާތްތެރިވަމުން ނުދާތީ ގިނަ ވަގުތުތަކެއް ބަރުގޮނު އެޅުމުގައި ވޭތުވެގެން ދިޔަ އެވެ. ފަހުން އެސަރަހައްދަށް ފުލުހުން އައިސް މަގުގެ ޓްރެފިކް ބެލެހެއްޓި އެވެ.

ރޭ ބޭއްވި ސްޓޭޖު ޝޯގައި އަންހެނުންނާއި ފިރިހެނުން "ސޭންޑްވިޗު" ހެދިގެން ފޯރި ނަގަމުން ދިޔައިރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކެމްޕެއިނުގައި އެންމެ ބޮޑަށް ޕްރޮމޯޓު ކުރީ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ސިޔާސަތެވެ. އަދި މިހާރު މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައިވެސް ރައީސް މުއިއްޒުއާއި ސަރުކާރުގެ އިސް ވެރިން ގެންދަވަނީ އެހެން ޕާޓީއަކަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ އެހެން ދީންތައް ރާއްޖެއަށް ގެންނާނެކަމަށްބުނެ ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ސްޓޭޖު ޝޯއާއި ގުޅިގެން ސަރުކާރަށް ނިސްބަތްވާ އެއްވެސް ދީނީ އިލްމުވެރިޔަކު މިހާތަނަށް ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެ އެވެ. އަދި އިސްލާމިކް މިނިސްޓްރީންވެސް މިކަމާއި ގުޅޭގޮތުން ބަހެއް ވިދާޅެއް ނުވެ އެވެ.

ޔޫތު މިނިސްޓްރީގެ އިންތިޒާމުތަކާއިއެކު ރޭ ބޭއްވި މިސްޓޭޖު ޝޯގައި އެ މިނިސްޓްރީގެ ނަން ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކޮށްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި މިގޮތަށް ކަން ކުރީ ސަރުކާރަށް އަމާޒުވެދާނެ ފާޑުކިޔުންތަކަށް ބެލުމަށްފަހު އެވެ. އެހެންނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ސްޕޮންސަރުން ހޯދުމާއިއެކު ފަންނާނުންނަށް ފައިސާ ދޫކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ޔޫތު މިނިސްޓްރީންނެވެ