މުއިއްޒު މަސްވެރިންނަށް: "ދެވެން އޮތް އެއްޗެއް މިދަނީ ދެމުން"

މަސް ކިރައިގެން ލިބެންޖެހޭ ތިން މަހުގެ ފައިސާ ހޯދުމަށް މަސްވެރިން ކުރަމުންދާ މުޒާހަރާއާއި ގުޅިގެން މަސްވެރިންނަށް ވަރަށް ހުތުރުކޮށް މުހާތަބުކޮށް ރައީސް މުއިއްޒު ވާހަކަ ދައްކަވައިފިއެވެ.

ގދ. ތިނަދޫ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މަސް ބާނާވަރަކުން ފައިސާ ދޭން ޖެހޭކަން އެނގޭކަމަށާއި ދެވެން އޮތް އެއްޗެއް ދެމުންދާ ކަމަށެވެ.

“އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު އެތައް ސަތޭކެ މިލިއަން ރުފިޔާއެއްގެ ފައިސާ މަސްވެރިންނަށް ނުދީ ހުރި. ޖުމުލަ 442 މިލިއަން މަސްވެރިންނަށް ދޭން ހުރި ފައިސާއިން ދެވިއްޖެ. ހަމަ މަސް ބާނާ ވަރަކުން ފައިސާ ދައްކަން ޖެހޭނެކަން އެނގޭ. މިހާރު ވެސް ދޭން އެބަ އޮތް 298 މިލިއަން ރުފިޔާ. އޭގެ ތެރެއިން ވެސް ހަމަ އަޅުގަނޑުމެންނަށް ފައިސާ ދެވެން އޮތް މިންވަރަކުން ދެމުން މިދަނީ،” މުއިއްޒު ވިދާޅުވި އެވެ.

“އެހެންވީމާ މިކަންކަން އަޅުގަނޑުމެން ކުރަމުންދާކަން ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަ އެނގެން ޖެހޭނެ” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ރޭ ތިނަދޫގައި ވާހަކަ ދެއްކެވީ ވަރަށް ރުންކުރުކޮށް މަސްވެރިންނަށް ގަދަރު ކުޑަވާ ގޮތަށެވެ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޭން ވައުދުވެގެންނެވެ.

މަސްވެރިންނަށް ފައިސާ ނުދީ މިހާރު މުއިއްޒުގެ ބަހަނާއަކީ ކުރީ ސަރުކާރުން މަސްވެރިންނަށް ބޮޑު އަދަދަކުން ފައިސާ ނުދީ ހުރުމުގެ ސަބަބުން އަދަދު ބޮޑުވެފައިވާ ކަމަށް ބުނެ ދައްކާ ބަހަނާއެވެ. ނަމަވެސް މުއިއްޒު ވެރިކަމަށް ވަޑައިގެން ކަންކަން ހައްލު ކުރުމަށް 2 މަސް ދުވަސް ލިބުނު އިރު އޭރު ވިދާޅުވީ މަސްވެރިން ބޭނުންވާ ގޮތަށް ފައިސާ ދޭނެކަމަށެވެ.

މުއިއްޒު ރޭ ތިނަދޫގައި ވާހަކަ ދައްކަވަމުން މަސްވެރިންގެ ގަދަރު ވެއްޓޭގޮތަށް ވާހަކަ ދައްކަވާފައިވާއިރު, މަސްވެރިން ކިރުވާފައިވާ މަހަށް މިހާރު ވެސް 300 އަށް ވުރެ ގިނަ ރުފިޔާ ދައްކަން އެބަ ހުއްޓެވެ. އެ ފައިސާ ދެއްކުމާމެދު މަސްވެރިންނާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ.

ނަމަވެސް ކޫއްޑޫ ފިޝަރީޒު ކޮމްޕްލެސްގައި ބަނދަރުގައި އޮތް 27 އުޅަނދުގެ މަސްވެރިން ޑިމާންޑްކުރަމުންދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ގަނޑުކޮށް ދިނުމަށެވެ. އަދި އެނޫން އެއްވެސް ހައްލެއް ގަބޫލު ނުކުރާނެކަމަށްވެސް މަސްވެރިން ދަނީ ބުނަމުންނެވެ.

މަސްވެރިން މުޒާހިރާ ކުރަން ފެށުމާއެކު ކޫއްޑުއަށް ވަޑައިގެން ޝިޔާމް މަސްވެރިންގެ ކިބައިން އެދުނީ, އަންނަ މާރޗްމަހުގެ 5 ވަނަ ދުވަހާއި ހަަމައަށް މަސްވެރިންގެ އިހުތިޖާޖު މަޑުޖައްސާލަ ދިނުމަށެވެ.

އެހެންނަމަވެސް އޭގެ ޖަވާބުގައި މަސްވެރިން ބުނެފައިވަނީ ސަރުކާރުން ދިން އެތައް ތާރީޚެއް މިޙާރު ފަހަނައަޅައިގެން ހިގައްޖެ ކަމަށާއި, 5 މާރޗްއާއި ހަމައަށް މަޑު ނުކުރާނެ ކަމަށެވެ. އަދި ރައީސް. މުއިއްޒުއަކީ ވަގެއް ކަމަށާއި, ވެރިކަމަށް ވަަޑައިގެންނެވީ ރައީސް ޔާމިނުގެ ނަން ޖެހި ހުސް ގޮނޑި ދައްކައިގެން ކަމަށްވެސް މަސްވެރިން ބުނެފައި ވެއެވެ. އަދި “ހުސް ގޮނޑި” ކޮބައިތޯ ސުވާލުކޮށް, މަސްވެރިން ވަނީ މަސްވެރިންނާއި ބައްދަލުކޮށް ޝިޔާމް ދައްކަވަމުން ގެންދެވި ވާހަކަތައް ހުއްޓުވާފައެވެ.

މިމަހުގެ 18 ވަނަ ދުވަހު މަސްވެރިން ކުރަންފެށި މުޒާހިރާ ހޫނުވާން ފެށުމާއެކު, ޝިޔާމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ, މިހާރު މަސްވެރިންނަށް ދޭންޖެހިފައިވާ 280 މިލިއަން ރުފިޔާ އަންނަ މާރޗްމަހުގެ 5 ވަނަ ދުވަހުގެ ކުރިން ދައްކާ ޚަލާސް ކުރާނެކަމަށެވެ.

އެހެންނަމަވެސް, ދައުލަތް ބަނގުރޫޓުވެ, ބޭންކު އޮފް މޯލްޑިވްސް އިނދަޖެހި, މިސަރުކާރުން އައިއެމްއެފްގެ ”ބޭންކްރަޕްސީ ޕެކޭޖް“އަށް ވަންނަން ނިންމާފައިވާއިރު, މިފައިސާ މި ސަރުކާރަށް މަސްވެރިންނަށް ދެވިދާނެކަމަށް މަސްވެރިން ގަބޫލެއް ނުކުރެއެވެ. އަދި ފައިސާ ދޭނެކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރާނެކަމަށްވެސް މުޒާހިރާކުރަމުންދާ މަސްވެރިން ވަނީ ބުނެފައެވެ.

މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުން ދިޔަނަމަވެސް, ސަރުކާރުން ދަނީ ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް މުވައްޒަފުން އިތުރު ކުރަމުންނެވެ. އަދި ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް ސަރުކާރުން މަދު ކޮށްފައެއް ނުވެއެވެ.

އެގޮތުން ފާއިތުވި ހަފްތާގައި 48 މީހުންގެ ބޮޑު ވަފްދަކާއެކު މުއިއްޒު ޔޫއޭއީއަށް ވަޑައިގެންފައިވާއިރު, އޭގެ ކުރީ ހަފްތާގައިވަނީ, މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށްފަހު, އަހަރަކަށް 60 މިލިއަން ރުފިޔާ ބަޖެޓް ކޮށް, އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށް, ތުރުކީގައި އާ އެމްބަސީއެއްވެސް ހުޅުވާފައެވެ.

މިހަފްތާގައި މުއިއްޒު ވަނީ ކޯޓު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި, ކުރީގެ ގާޒީއެއް ކަމުގައިވާ, ރާޣިބަށް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ ނައިބުކަން ދީފައެވެ. އަދި އިއިއްޔެ ވަނީ ދެ ފިލްމީ ތަރިންކަމަށްވާ މަޖޫ އާއި އާމިރާ، ޔޫތް މިނިސްޓްރީގެ ސީނިޔާ ޕޮލިޓިކަލް ޑިރެކްޓަރުން ގޮތުގައި މުއިއްޒު އައްޔަން ކޮށްފައެވެ. އަދި މިއިން ކޮންމެ މީހަކަށް މަހެއްގެ މައްޗަށް 30،000ރ މުސާރައާއި އެކި އިނާއަތް ތަކުގެ ގޮތުގައި ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރުގެ ސިޔާސީ ވަޒީފާތައް 1500 އަށް ވުރެ އިތުރުވެފައިވާއިރު، ސަރުކާރުން ދަނީ އަސްލު އަދަދު ތައް ހާމަ ކުރުމަށް ދެކޮޅު ހަދަމުންނެވެ. އަދި މީގެ ތެރޭގައި 303 މީހުންނަކީ މިނިސްޓަރުން ފެންވަރުގެ ބޮޑު މުސާރަ ދޭ މަގާމުތަކެވެ. މި މަޤާމުތަކަށް ސަރުކާރުން އެތައް މިލިއަނެއް ކޮންމެ މަހަކުވެސް ހޭދަ ކުރެއެވެ.