ތިނަދޫ އެއާޕޯޓު އެޅުމުގެ ނަމުގައި ހުވަދޫން 12 ރަށެއް ތައިލެންޑުގެ ޕޭން ފެސިފިކް ކޮމްޕެނީއަަށް ވިއްކާލައިފި

ގދ. ތިނަދޫ ފަޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއަރޕޯޓެއް އެޅުމަށް މިރޭ ސޮއި ކުރި ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއިން އެ ސަރަހައްދުގައި 12 ރިސޯޓު ތަަރައްގީ ކުރާނެކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބުދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫއަށް މިހާރު ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ގދ. ތިނަދޫ ފަޅުގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުން ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއު ކުރުމަށްފަހު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބުދުالله މުއްތަލިބު ވިދާޅުވީ މި އެއަރޕޯޓު ތަރައްގީ ކުރަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރުމަކާ ނުލާ ކަމުގައެވެ. އަދި އޭނާ ވިދާޅުވި އޭގެ ބަދަލެއްގެ ގޮތުން އެއަރޕޯޓު ތަރައްގީކުރާ ކުންފުންޏަށް ރިސޯޓު ތަރައްގީ ކުރުމަށް 12 ރަށް ދިނުމަށް ސަރުކާރުން އެއްވަސްވެފައިވާ ކަމުގައެވެ.

މިއާ އެކު މިތަނަށް ވަރަށް ގިނަ އެނދުތަކާއި ރިސޯޓުތައް އެބަ އާދޭ. މި ކޮންޓްރެކްޓާ އެކަނި ވެސް 12 ރިސޯޓެއް ތަަރައްގީ ކުރަން ހުށަހަޅާފައިވޭ. މިއީ 2،400 އަށް ވުރެ ގިނަ އެނދު. އެހެން ކަމުން މިއީ ހުވަދު އަތޮޅަށް ލިބޭ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު. 

މުއްތޮލިބު ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ ފަޅުގައި އެއަރޕޯޓު ތަރައްގީ ކުރުމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑަށް ހުވަދޫ އަޮތޮޅު 12 ރަށް 99 އަހަރަށް ދިނުމަށް އެއްބަސް ވެފައެވެ.

ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓެއް 60 މިލިއަން ޑޮލަރަށް ފޭސް ވެލިއުއިން ބެލި ކަމުގައިވި އަގުކުރެވޭއިރު, މިރަށްތަކުގެ އެސެޓް ވެލިއު 720 މިލިއަން ޑޮލަރަށް އަރައެވެ.

އަދި މިރަށްތައް 99 އަހަރަށް ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއިން ދިނުމުން, މި ކުންފުނިން އެކަނި ހުވަދޫ އަތޮޅުގެ ފަތުރުވެރިކަމަށް އަތްގަދަކޮށް, މި ސިނާއަތަށް ދިވެހިންނަށް ވަނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރުމަތިވާނެކަމަށް ސިނާއަތުގެ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

އަދި އެއަރޕޯޓެއްގެ ބޭނުމުގައި ރާއްޖޭގެ އެންމެ ރީތި ރަށްތައް ހިމެނޭ އަތޮޅުން 12 ރަށް ބޭރުގެ ކުންފުންޏަކަށް 99 އަހަަރަށް ވިއްކާލުމަކީ ފައިސާ ކޮޅެއްގެ ދަހިވެތިކަމުގައި މުއިއްޒު ގައުމަށްވާ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ.

ސޯސް: ދިޔަވަރު