
ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު އިދިކޮޅު ލީޑަރު ޑރ މުހައްމަދު މުއިއްޒަށް ކާމިޔާބު ކުރެވިއްޖެ ނަމަ ކުރިންވެސް ރާވާފައި އޮތްގޮތަށް، ހުޅުމާލޭ ބްރިޖުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ފީ ނެގުމުގެ ކަންކަން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދީ ޕީޕީއެމުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއަށް ފޮނުވި ސިޓީއެއް ލީކުވެއްޖެއެވެ.
ޗައިނާގެ ސީސީސީ ކުންފުނިން އެޅި ސިނަމާލެ ބްރިޖުން ފީ ނެގުން ލަސްވަމުންދާތީ އެކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވާކަމުގެ ޝަކުވަކޮށް، ހުށަހެޅި މައްސަލައާއި ގުޅިގެން ޗައިނާ ކުންފުނީގެ ދިފާއުގައި ޗައިނާ އެމްބަސީން ޕީޕީއެމަށް ސިޓީ ފޮނުވާފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ފަހުންނެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިންވެސް ޗައިނާއިން ބޭނުންވީ ބްރިޖުން ފީ ނެގުމުގެ ކަންކަން ޑރ މުއިއްޒު އާއްމުކޮށް އިއުލާނު ކުރެއްވުމަށެވެ.
ޗައިނާ އެމްބަސީން ފޮނުވި ސިޓީގެ ޖަވާބުގައި ޕީޕީއެމުން ބުނެފައިވަނީ ކުރިން ރޭވިފައިވާގޮތުން ދެފުރޮޅުލީ އުޅަނދަކުން 5 ރުފިޔާ އަދި ހަތަރު ފްރޮޅުގެ އުޅަނދުތަކުން 10 ރުފިޔާ ނެގުމަށް ނިންމާ ރައީސް ޔާމީންގެ ވެރިކަމުގައި އެކަމަށް ބޭނުންވާ ޓޯލް ސިސްޓަމް ބެހެއްޓުމަށްވެސް ބަޖެޓް ކުރެވުނު ކަމަށެވެ.
ނަމަވެސް އެކަން ހުއްޓުވީ މި ސަރުކާރުންކަމަށާއި އެހެންކަމުން ސީސީސީއަށް ލިބެންޖެހޭ ހަތަރު ބިލިއަނަށް ވުރެ ގިނަ ފުރިހާ މިހާތަނަށް ނުލިބޭކަމަށްވެސް ޕީޕީއެމްގެ ސިޓީގައި ވެއެވެ.
ނަމަވެސް އެ ވައުދަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޯމަތިވެފައި ވަނިކޮށް އާއްމު ކުރެވޭނެ ވައުދެއް ނޫންކަމަށައި އެކަމުގެ ސަބަބުން އެތައް ވޯޓެއް ގެއްލޭނެކަމަށް ޕީޕީއެމްގެ ސިޓީގައި ވެއެވެ. ނަމަވެސް ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބަށްފަހު ފްރިޖުން ފީ ނަގާނެކަމަށާއި ޗައިނާ ކުންފުންޏަށް ނުލިބިވާ ފައިސާ ހޯދާދޭނެކަމަށްވެސް ޕީޕީއެމުން ބުނެފައި ވެއެވެ.
މި ސިޓީއާ ގުޅޭގޮތުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދަށް މި ނޫހުން ގުޅުމުން ވިދާޅުވީ އެޕާޓީން ބޭރުގެ މިޝަންއަކަށް ފޮނުވި ސިއްރު ސިޓީއެއް ލީކްވިގޮތް ބެލުމަށް ޕީޕީއެމްގެ އެތެރޭގައި ތަހުގީގެއް ހިންގަމުން ގެންދާކަމަށާއި ބްރިޖް އެޅި ކުންފުންޏަށް ފައިސާ ނުލިބިވަނީ އެއްބަސްވުމާއި އެއްގޮތަށް މި ސަރުކާރުން ފީ ނަގަމުން ނުގެންދިއުމުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް ސޯލިހްކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ މަސް ގަންނަ އަގު ބޮޑުކުރުމާއި އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރުމާއި ކަރަންޓް އަގު ކުޑަކުރުންފަދަ ކަންކަން ކުރަންވާނީ ބްރިޖް އެޅި ކުންފުންޏާއި ކުރީގެ ސަރުކާރާއި ވެފައިވާ އެއްބަސްވުމަށް އަމަލުކޮށް އެކުންފުންޏަށް ފައިސާ ދިނުމަށްފަހު ކަމަށެވެ. އެހެން އެގޮތަށް ނުހިނގާނަމަ ކުރިމަގުގައި އެފަދަ މަޝްރޫއެއް ނުހިންގޭނެކަމަށް ހީނާ ވިދާޅުވިއެވެ.
ކުރުސީއަށް މައުލޫމަތު ދެއްވި ޗައިނާ އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ ޕީޕީއެމަށް ފޮނުވި ސިޓީއަކީ އެގައުމުގެ ކުންފުންޏެއްގެ ހައްގު ގެއްލިފައިވާތީ ލިބިފައިވާ ޝަކުވާއަކާއި ގުޅިގެން ފޮނުވި ސިޓީއެއްކަމަށެވެ. އަދި ވީހާވެސް އަވަހަށް ބްރިޖުން ފީ ނެގިގެންދާނެކަމަށް އުއްމީދުކުރެވޭކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.