ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ބެހެއްޓުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ އިންތިޒާމު ގާނޫނީ ގޮތުން ހަމަޖެއްސުމުގެ މަސައްކަތް ރައްޔިތުންގެ މަޖިޅިހުގެ މެމްބަރުންތަކެއް ފަށައިފިއެވެ.
ރައީސް އިތުބާރު އޮތްތޯ ބެލުމަށް ވޯޓަކަށް ރައްޔިތުންނަށް ދިނުމަށް މަސައްކަތް ފަށާފައި މިވަނީ ރައީސް މުއިއްޒު މަޖްލިސްގެ ތެރެއިން އަޒަލު ކުރުމުގެ އަޑިގަދަވެފައިވަނިކޮށެވެ.
ކުރުސީ އާއި ވާހަކަދެއްކި މަޖްލިސްގެ މެމްބަރަކު ވިދާޅުވީ ކުރިއަށް އޮތް މަޖްލިސް އިންތިހާބުގެ ވޯޓު ކަރުދާސް ކޮޅާއި އެކު ރައީސްގެ އިތުބާރު އޮތްތޯ ބެލުމުގެ ވޯޓަކަށް އެހުމަކީ މިވަގުތު ކޮންމެހެންވެސް ގިނަ ރައްޔިތުން ބޭނުންވާ އެއްކަމެވެ.
މުއިއްޒުގެ ވެރިކަމަށް 3 މަސްވާން ދާއިރު މިވެރިކަމަކީ މިހާތަނަށް ރައްޔިތުންގެ އިތުބާރު އެންމެ އަވަހަށް ގެއްލުނު ވެރިކަމެވެ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ހެއްދެވި ދޮގުތައް ރައްޔިތުންނަށް ފަޅާ އަރައި, ގައުމު ބަނގުރޫޓުވަމުންދާތީ ރައްޔިތުން މިހާރު އިންތިޒާރު ކުރަނީ މިވެރިކަން ގާނޫނީ ހަމަތަކުގެ މަތިން ބަދަލު ކުރުމަށެވެ.
މަޖްލިސް މެމްބަރު ވިދާޅުވީ ރައީސްގެ އިތުބާރާއި ގުޅޭ މައްސަލަ މަޖްލިސްގެ ތަޅުމުގައި އަޒުލު ކުރުމަށްވުރެ ރައްޔިތުންގެ ވޯޓަކުން ނިންމުން މާރަނގަޅުކަމަށް ގިނަ މެމްބަރުން ގަބޫލް ކުރާ ކަމަށެވެ.
"ރައީސް މަޖްލިސްއިން ވެސް އަޒަލު ކުރެވިދާނެ, އެއާއި އެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އައުލަބިއްޔަތު ލިބިއްޖެނަމަ އެބާރުގައި މަޖްލިސްއިން ރައީސް އަޒަލު ކުރުމަކީ އެންމެ ރަނގަޅުގޮތް" މެމަބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މަޖްލިސް އިންތިހާބުގެ ވޯޓާއި އެކު ރައީސްގެ އިތުބާރުނެތަކަމަށް ރައްޔިތުން ނިންމަިއފިނަމަ އެގޮތަށް މަޖްލިސްއަށް ހުށަހަޅައި އަޒަލު ކުރުމަކީ އެންމެ މަސްލަހަތު ރަނގަޅުގޮތެވެ. އަދި އެއީ ގާނޫނީ ގޮތުންވެސް އެންމެ ރަނގަޅު ގޮތެވެ.
މަޖްލިސް އިންތިހާބުގެ ވޯޓާއި އެކު ރައީސްގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަކީ މިވަގުތު އެންމެ ހަރަދު ކުޑަ ގޮތްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
"މަޖްލިސް އިންތިހާބަށް އިލެކްޝަން މިވަނީ ތައްޔާރުވެފައި, މިކަމަށް އިތުރަށް ބޭނުންވަނީ އިތުރު ކަރުދާސްކޮޅެއް, އެގޮތަށް ވޯޓު ނެގިއްޖެނަމަ ކުޑަ ހަރަދަކުން މިކަން ރައްޔިތުންނަށް ނިންމޭނެ" ވޯޓުގެ ކަންކަމުގައި އުޅުއްވާ މެމްބަރު ވިދާޅުވިއެވެ.
ރައީސް މުއިއްޒު މަޖްލިސްގެ ތެރެއިން އަޒަލު ކުރުމުގެ އަޑު ގަދަވެފައިވާ އިރު ރައީސް މުއިއްޒު ވަނީ 52 މިލިއަން ހަރަދު ކުރައްވައި މަޖްލިސްގައި ތިއްބެވި އެމްޑީޕީގެ 14 މެމްބަރަކު ގަނެލާފައެވެ. މިއީ ފަހުގެ ތާރީހެއްގައި ރައީސަކު މަޖްލިސް މެމްބަރުން އެންމެ ގިނަ އަދަދަކަށް ގަނެލި ފަހަރެވެ.