
ކުރިއަށް އޮތް މަޖްލިސް އިންތިހާބަށް ފަހު ޑޮލަރު ރޭޓަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން ޑޮލަރު ރޭޓަށް ބަދަލު ގެންނަނީ އައިއެމްއެފް އިން ސަރުކާރަށް ލަފާ ދިނުމާއި ގުޅިގެންނެވެ.
މައުލޫމާތު އެނގޭ ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކު ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު މިސްރާބު ހުރީ ވަރަށް ނުރައްކާތެރި ހާލަތަކާއި ދިމާލަށް ކަމަށާއި, ޑޮލަރު ރޭޓަށް ބަދަލު ނުގެނެސް އިގްތިސާދު ހަމައަށް ނޭޅޭނެކަމަށް އައިމްއެމްއިން ސަރުކާރަށް ލަފާ އަރުވާފައިވާ ކަމަށެވެ.
އައިއެމްއެފް އިން ވަނީ ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ކަންބޮޑުވާ ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް އިއްޔެ ސަރުކާރުން ވަނީ ޖަވާބުދީފައެވެ. އެގޮތުން ޑޮލަރު ރޭޓު މަތި ކުރުމާއި އާސަންދަ ކަނޑާލުމާއި ކާޑާއި, ތެލަަށް ދެމުން އަންނަ ސަބްސިޑީ ކަނޑާލުމަށް ރިޕޯޓުގައި ވަނީ ސަރުކާރަށް ލަފާދީފައެވެ.
ރައީސް މުއިއްޒުގެ ސަރުކާރު ހިންގުމަށް ބޭނުންވާ ބަޖެޓު ސަޕޯޓު ނުލިބުމާއި ގުޅިގެން ދައުލަތް ބަނގުރޫޓުވަމުން އަންނަ އިރު ކުރިއަށް އޮތީ އިގްތިސާދު އިތުރަށް ގޯސްވާނެ ދުވަސްތަކެވެ. އެގޮތުން ރޯދައަށް ބޭނުންވާ ކާބޯތަކެެއްޗާއި, ބޭހުގެ އިތުރުން ތެޔޮ ގަތުމަށް އެކަށީގެންވާ އަދަދަށް ދައުލަތުގައި ފައިސާ ނެތެވެ. ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ މިހާރު ހޯދަނީ ޓީބިލް ވިއްކައިގެންނާއި ސުކޫކު ވިއްކައިގެންނެވެ.
އައިއެމްއެފްގެ ރިޕޯޓުގައި ސަރުކާރަށް މަޝްވަރާ ދީފައިވާ ކަންކަމާއި ގުޅިގެން ސަރުކާރުން ދޭ ޖަވާބަކީ އެކަންކަން ކުރެވޭނީ މަޖްލިސް އިންތިހާބަށް ފަހުއެވެ. އެއީ މަޖްލިސް އިންތިހާބަށް އޭގެ އަސަރު ކުރާނެތީކަމަށް ސަރުކާރުގެ ޖަވާބުގައިވެއެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުގައި ވާ ގޮތުން އައިއެމްއެފްއިން ސަރުކާރަށް ދީފައިވާ މަޝްވަރާ އަކީ ބަނގުރޫޓުވާ ގައުމުތަކުގެ އިގްތިސާދު އަލުން ނަގައި ކޮޅަށް ޖެހުމަށްދޭ ޕެކޭޖެކެވެ. މި ޕެކޭޖްގައި ހިމެނޭ ކަންކަން ކުރުމުގައި އައިއެމްއެފް އިން އެގައުމުތަކާއި އެކު އިގްތިސާދު އިޔާދަ ކުރުމަށް އެހީވެދެއެވެ.
އަވަށްޓެރި ސްރީލަންކާ ބަނގުރޫޓުވެ އެގައުމު އިގްތިސާދީ ކާރިސާއަކަށް ވެއްޓުމުން އެގައުމު ނަގައި ކޮޅަށް ޖެހުމުގައިވެސް އައިއެމްއެފްއިން ދީފައިވަނީ މިފަދަ ޕެކޭޖެކެެވެ.
ޑރ. މުއިއްޒުގެ ސަރުކާރުން ރާއްޖެ އިގްތިސާދީ ބޮޑު ކާރިސާއަކަށް ވައްޓާލާފައިވަނީ ރާއްޖޭގެ ފޮރިން ޕޮލިސީގެ ދޯހަޅިކަމުންކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.