
ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒުގެ ސަރުކާރުން ހިންގާ ޖަރީމާތަކާއި, މުއިއްޒުގެ ވަތުބަތާނަ ހާމަ ކުރަމުން އަންނަ ތިން ނޫހަކަށް ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.
މީޑިއާ ކައުންސިލުން ފިޔަވަޅު އަޅަން ނިންމާފައިވަނީ ކުރުސީ.ކޮމް, ދިޔަވަރު.ކޮމް އަދި ދޮންއަމާ.ކޮމްއެވެ. މިތިން ނޫހަކީވެސް މުއިއްޒުގެ ސަރުކާރުގެ އިސްވެރިން ކޮންމެ ދުވަހަކު އެންމެ ގިނައިން ކިޔާ ނޫސްތަކެވެ. އެނގިފައިވާ ގޮތުގައި ރައީސް އޮފީހުގެ ތެރޭގައިވެސް އެންމެ މަގުބޫލް ތިން ނޫހަކީ މިއީއެވެ.
އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ތިން ވެބްސައިޓާ ގުޅޭ ގޮތުން އެ އޮފީހަށް ވަރަށް ގިނަ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެ ވެބްސައިޓުތަކާ ދެކޮޅަށް ޖުމުލަ 16 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އަށް މައްސަލައަކީ ރައީސް އޮފީހުން ހުށަހެޅި މައްސަލަތަކެވެ. އޭގެ އިތުރުން ބައެއް މިނިސްޓްރީތަކުން ހުށަހެޅި މައްސަލަތައް ވެސް ހިމެނެ އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރަކު ނަން ހާމަ ނުކުރާ ގޮތަށް ވިދާޅުވީ މި ބަޔާން ނެރުނީ ކަމިޝަންގެ ރައީސް އާއި ބައެއް މެމްބަރުންނަށް ރައީސް އޮފީހުގެ މިނިސްޓަރ އިބްރާހިމް ހަލީލު ބިރުދައްކައިގެންނެވެ. ނަމަވެސް ބަޔާން ނެރެގެން މީޑިއާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނެތްކަމަށް މެމްބަރު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރައީސް މުއިއްޒު އަންގައިގެން ދިޔަވަރު އަދި ކުރުސީ ރާއްޖެއިން ނުވަދެވޭ ގޮތަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އިން ބްލޮކް ކުރިއެވެ. އެއާއި އެކު މިދެ ސައިޓު ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައެެވެ. ސަރުކާރަށް އާއްމުންނާއި ބައެއް ޖަމިއްޔާތަކުން ކުރިމަތި ކުރި ޕްރެޝަރުގެ ސަބަބުން ވަށަފަރު މުއިއްޒުވަނީ އެނިންމުން އުނބަށް ޖަހާފައެވެ.
ކުރުސީ, ދިޔަވަރު, އަދި ދޮންއަމާ އަކީ މުއިއްޒުގެ ވަކިތަކުން މިނިވަންވެ ތިބެ ސަރުކާރުން ހިންގާ ޖަރީމާތައް ގެނެސްދޭ ހަމައެކަނި ތިން ވެބްސައިޓެވެ. މި ސައިޓުތަކަށް ފިޔަވަޅު އެޅިއަސް މުއިއްޒު ޖެހޭނީ ހަމަ އަޒަލު ކުރާށެވެ.