
ރައްޔިތުންގެ މަޖިލީހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިމްޕީޗު ކުރުމުގެ ކުރިން ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ)ގެ ތާއިދު ދައްކާލުމަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
ހުކުރު ދުވަހު ހަވީރު ރަސްފަންނުގައި ބާއްވާ ބޮޑު އެއްވުމަކީ ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ބާރުގަދަ 14 ގޭންގު ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ބާއްވަނީ "ވާނުވާ އުވާލުން" ނަމުގައެވެ.
މި ހަރަކާތުގެ މައުލޫމާތު އެނގޭ ފަރާތަކުން ކުރުސީއަށް މައުލޫމާތުދިން ގޮތުގައި މިއެއްވުމަކީ ސެމްބެ ތާއިދު ސަރުކާރަށް ދައްކާލުމަށާއި, ގޭންގުތަކުގެ ބާރު ސަރުކާރަށް ދައްކާލުމަށް އިންތިޒާމް ކުރާ ހަރަކާތެކެވެ.
މުއިއްޒުގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމަށް މަޖްލިސްއިން މަސައްކަތް ކުރަމުން އަންނަ އިރު, ރައީސް އަޒަލުކޮށްފިނަމަ ރައީސް ކަން ނައިބް ރައީސް ސެމްބެއަށް ލިބޭނެއެވެ. އަދި އެކަމަށް ސެމްބެ ތައްޔާރުވެ ހުރިކަމަށްވެސް މައުލޫމާތު ލިބެއެވެ.
މުއިއްޒު ރިޔާސީ އިންތިހާބު ކުރުމުގައި ގޭންގުތަކުގެ ދައުރު ބޮޑެވެ. އެގޮތުން ކެމްޕެއިނަށް ހަރަދު ކުރާނެ ފައިސާ އާއި ދަތުރުފަތުރު ގޭންގުތަކުން ހަމަޖައްސައިދިނެވެ. އަދި ވެރިކަމަށް ވަޑައިގެން ގޭންގުތަކުން ބޭނުންވި މީހުން ވަނީ ސަރުކާރުގެ އިސް މަގާމުތަކަށް ގެނެސްފައެވެ.
ހުކުރު ދުވަހުގެ ހަރަކާތް އިންތިޒާމް ކުރުމުގައި ގޭންގުތަކުން މަސައްކަތް ކުރާއިރު އެކަން ހުއްޓުވުމަށް ހޯމް ލޭންޑު ސެކިއުރިޓީ ވަޒީރު އަލީ އިހްސާން އާއި ފުލުހުންގެ އިސް ފަރާތްތަކަށް މަސައްކަތް ކުރުމުގެ ގާބިލް ކަމެއް ނެތެވެ. ފުލުހުންގެ މުވައްސަސާއަށް ވެސް ގޭންގެ ބާރު ވަނީ އިންތިހާއަށް ގަދަކޮށްފައެވެ.