ބޭންކު ތަކުގައި ޖަމާކޮށްފައި ހުރި އާއްމުންގެ ޑޮލަރުތައް ސަރުކާރަށް ނަގަނީ

ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ ބޭރުގެ ދަރަނި ދެއްކުމަށް ބޭނުންވާ ޑޮލަރު ލިބުން ތާށިވެ ބޭންކުތަކުގައި އާއްމުން ބަހައްޓާފައިވާ ޑޮލަރު ދައުލަތަށް ނެގުމަށް ފިނޭންސް މިނިސްޓްރީއިން ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ދައުލަތުން ދައްކަން ޖެހޭ ބޭރުގެ ދަރަނި އާއި ރައްޔިތުންނަށް ބޭނުންވާ ކާނާ އާއި ތެލާއި ބޭސް ގަތުމަށް ބޭނުންވާ ފައިސާގެ ތެރެއިން މިހާރު ސަރުކާރުގައި ހުރީ 1 މަހަށްވާ ފައިސާއެވެ. އަދި އިތުރަށް މި މަހު ފައިސާ ނުލިބިއްޖެނަމަ ރައްޔިތުންގެ އެކައުންޓުތަކުން ސަރުކާރަށް ފައިސާ ނެގުމަށް ފިނޭންސް މިނިސްޓަރ ލަފާ ދެއްވާފައިވާ ކަމަށެވެ.

"ރާއްޖެ މިހާރު މިވަނީ ބަނގުރޫޓުވެފައި ހަގީގަތުގައި, ފައިސާއެއް ނެތް, ފައިސާ ހޯދަން މި ސަރުކާރުން މިހާތަނަށް އެތައް ގައުމަކަށް ގޮސްފި, އެއްވެސް ބަޔަކު ބަޖެޓް ސަޕޯޓެއް ނުދިން, މިއީ ވަރަށް އުދަނގޫ ހާލަތެއްގައި މިދަނީ" 

އޮފިޝަލް ވިދާޅުވީ ކުރިއަށް ރަމަޟާން މަސް އޮތުމުން ރައްޔިތުންގެ ހަރަދުވެސް ބޮޑުވާނެކަމަށެވެ. އަދި އޭގެ ސަބަބުން މާކެޓަށް ބޮޑެތި ލޮޅުންތަކެއް އަންނަނާނެއެވެ.

މީގެ އިތުރުން ބޭންކު އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކާޑުތަކުގެ ލިމިޓް ދަށް ކުރުމަށް ބޭންކުން ވަނީ ނިންމާފައެވެ. އަދި ވިޔަފާރިވެރިންނަށް ޓީޓީ ހަދައިދިނުން ބީއެމްއެލް އިން ވަނީ މަޑުޖައްސާލާފައެވެ.

ފިނޭންސްއިން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އާއި ސަރުކާރުން ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ބޮޑު އަދަދެއްގެ ފައިސާ އަދިވެސް ދެވެން ނެތެވެ. އެ ފައިސާ ނުދެވި އެތައް ބަޔަކު ބިކަވަމުން އަންނަ އިރު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ފައިސާ ހޯދޭނެ ގޮތްވެސް ސަރުކާރަށް ވަނީ މުޅިންހެން ބަންދުވެފައެވެ.

ފާއިތުވި މަސްތަކުގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ދިނުމަށް ބޭންކުތަކުންނާއި ޕެންޝަން ފަންޑުން ސަރުކާރުން ވަނީ ފައިސާ ބޮންޑުގެ ގޮތުގައި ގަނެފައެވެ.

"ވެރިކަމަށް މުއިއްޒު އައީ ވަރަށް ހައްސާސީ ވަގުތެއްގައި, އައިސް ފުރަތަމަވެސް ކުޅުނީ އިގްތިސާދާއި, ކެމްޕެއިން ވައުދުތަކަކީ މުޅި އިގްތިސާދު ފުޑިގެންދާނެ ފަދަ ވައުދުތައް, މިސާލަކަށް ހިޔާ ފްލެޓު ކުޑަކޮށްދިނުން, އަދި ދެން ހުރި ފްލެޓުތަކުގެ ކުލިވެސް ކަނޑާ އަދި ލިބެން ޖެހޭ ފައިސާ މައުފުކޮށްދިނުން, މިއީ ވަރަށް ވިސްނުންތެރިކަމާއި އެކު އިގްތިސާދަށް ލޮޅުން ނާރާނެ ގޮތަށް ވިސްނުންތެރިކަމާއި އެކު ނިންމަން ޖެހޭ ކަންކަން, އެކަމަކު އެގޮތަކަށް ނޫން މި ފެންނަނީ"

މީގެ އިތުރުންވެސް އޮފިޝަލް ވިދާޅުވީ ރާއްޖެ މިފެންނަނީ އަވައްޓެރި ލަންކާއަށްވީ ގޮތަށް ދައުލަތް ބަނގުރޫޓުވެ މީހުން މަގުތަކަށް ނިކުންނަ މަންޒަރެވެ.

"ރައްޔިތުން މާ ގިނަ ދުވަހަށް މަޑުން ނުތިބޭނެ, ރާއްޖެ މިގޮތަށް ބަނގުރޫޓުވާއިރު މި ރާއްޖޭގައި އިންވެސްޓުކޮށްގެން އެބަތިބި އެތައް ބަޔަކު, މުޅި ގައުމުގެ އިގްތިސާދު ބަރޯސާ މިވަނީ ޓޫރިޒަމަށް, މިއީ ވިސްނުން އިސް ކުރަން ޖެހޭ ވަގުތު"

ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އާއްމުންގެ އެކައުންޓުތަކުގައި ހުރި ފައިސާ ނަގަން ވިސްނުމަކީ މުޅި ދައުލަތް ބަނގުރޫޓުވުމުން ދެން އަޅާނެ ފިޔަވަޅެވެ. މިއީ އެންމެ 3 މަސް ދުވަހުގެ ތެރޭގައި މުއިއްޒު ގައުމު ވައްޓާލި ފުންވަޅުގަނޑެވެ.