
ރައީސް ޔާމީންގެ ފޮޓޯ އާއި ހުސް ގޮޑި ރައްޔިތުންނަށް ވިއްކައިގެން އައި ސަރުކާރުގެ ހޯމް މިނިސްޓަރ އަލީ އިހްސާން ރައީސް ޔާމީނަށް މި ސަރުކާރުން އެއްވެސް ލުޔެއް ނުދޭނެ ކަމަށް ބުނެފިއެވެ.
ހޯމް މިނިސްޓްރީއިން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ރައީސް ޔާމީންގެ ބަންދާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހްސާން ރައީސް ޔާމީންގެ ނަން ވިދާޅުނުވެ ވިދާޅުވީ އެއްވެސް މީހަކަށް މި ސަރުކާރުން އުސޫލުން ބޭރުން ލުޔެއް ނުދޭނެކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު އެންމެ ބާރަށް ދެއްކެވީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންކޮށްދެއްވާނެ ވާހަކައެވެ. މުއިއްޒު އޭރު ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއް ކަމަށެވެ. އަދި އެމަނިކުފާނަކީ މައުސޫލު ބޭފުޅެއް ކަމަށް އެކި ޕޯޑިއަމްތަކުގައި މުއިއްޒު އޭރު ވިދާޅުވިއެވެ. ނަމަވެސް މުއިއްޒުގެ ވެރިކަމަށް 90 ދުވަސް ވާން ކައިރިވެފައިވާ އިރު އަދިވެސް ޔާމީން ހުންނެވީ ޖަލު ހުކުމުގައެވެ. މިހާރު މުއިއްޒު ސަރުކާރުގެ އިސް ފަރާތްތަކުން ރައީސް ޔާމީނަކީ ވަގެއް ކަމަށް ދޭހަވާ ގޮތަށް އަންނަނީ ވާހަކަ ދައްކަވަމުންނެވެ.
"ވަކި ބޭފުޅަކަށް ވީތީވެ ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ސިޔާސަތެއް، އެއީ ގާނޫނާ ގަވާއިދުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބިދޭ ބާރެއް ނޫން. އަޅުގަނޑުމެން ސަރުކާރުން ނުކުރާނެ ކަމަކީ ވަކި މީހަކަށް ވީތީ ވަކި ގޮތަކަށް އެމީހަކާ ދޭތެރޭ އަމަލެއް ނުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރަކީ ކޯޓުތަކަށް އަތްބޭނުމާއި ނުފޫޒު ފޯރުވާނެ ސަރުކާރެއް ނޫން ކަމަށް ކުރީން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވާ ކަމަށެވެ. ގާނޫނުން ލިބިދޭ ރައްކާތެރިކަމާ ހިމާޔަތް ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ ކަމަށެވެ.
"އުސޫލެއްގެ ގޮތުން ޖަލަށް ކޮށްފަ އޮންނަ ހުކުމަކަށް ލުޔެއް ނުދެވޭ އަޅުގަނޑުމެންނަކަށް. ދެން ހުކުމް ލުއިކޮށްދެވޭން މި އިންނަކީ ކްލިމެންސީ ބޯޑާ، ޕެރޯލް ބޯޑާ، ރައީސުލްޖުމްހޫރިއްޔާގެ މައާފާ،" އިހްސާން އިތުރަށް ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީނާއި ސަރުކާރުގެ އިސްވެރިންނާ މައްސަލަ ޖެހި، އެމަނިކުފާނު މިހާރު ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ. ރައީސް ޔާމީންގެ ޝަރީއަތްތައް ނުހިނގާތީ އާއި އެމަނިކުފާނުގެ ޖަލު ހުކުމެއް ލުޔެއް ނުދޭތީ ވަރަށް ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.