
ރައީސް ސޯލިހުގެ ސަރުކާރުން މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް ދޫކުރި ގޯތިތަކާއި ފްލެޓު މައްސަލާގައި ބޮޑު މުޒާހަރާއެއް ސަރުކާރާއި ދެކޮޅަށް ކުރުމަށް ތައްޔާރުވާން ފަށައިފިއެވެ.
މާލެ ސަރަހައްދުގެ ގޯތިތަކާއި ގުޅިގެން މުޒާހަރާ ކުރުމަށް ތައްޔާރުވާ ފަރާތުން ކުރުސީއަށް މައުލޫމާތު ދެމުން ބުނީ ވެރިކަމަށް ވަޑައިގަތުމަށް މިހާރުގެ ރައީސް މުއިއްޒު ކެމްޕެއިން ކުރެއްވި އިރު ދެއްކެވި އެންމެ މުހިއްމު ވާހަކައަކީ މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް ވީ އެންމެ އަވަހަކަށް ހަވާލު ކުރުމަށްފަހު އެތަނުގައި ގެ އިމާރާތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދިނުން ކަމަށެވެ.
ނަަމަވެސް މިހާރު މުއިއްޒު މަސައްކަތް ކުރައްވަނީ އެ ގޯތިތައް ދޫކުރި ބިންތައް ތަރައްޤީ ކުރުމުގެ ބަދަލުގައި ފުށިދިއްގަރު ފަޅު ހިއްކައި އެތަން އާބާދު ކުރުމަށެވެ. އަދި ބިން ދޫކޮށްފައިވާ ތަންތަން އެކި ތަފާތު ބޭނުންތަކަށް ބޭނުން ކުރުމަށް މުއިއްޒު އަންނަނީ ބަދަލު ކުރަމުންނެވެ. އެގޮތުން އުތުރުތިލަފަޅުގައި ބޯހިޔާވަހިކަމަށް ދޫކޮށްފައިވަނިކޮށް އެތަނުގައި ދަނޑުގޮވާން ކުރުމަށް ބިން ދޫކުރުމަށް މުއިއްޒު ވަނީ ނިންމާފައެވެ.
"މިހާރު މި ފެންނަނީ މުއިއްޒުގެ އެއްވެސް އިހްލާސްތެރިކަަމެއް ނެތްކަން, ކެމްޕެއިންގައި ވައުދުވީ ބިން ހޯދަން, އަދި ދޫކުރާ ހުރިހާ ބިމެއްގައި އިމާރާތްކޮށްދޭނެކަމަށް ވައުދުވީ, އެކަމަކު މިހާރު އެވައުދުވެސް މުއިއްޒު އޮޅާލައިފި, ބަލަން ތިބެވެންނެތް" މުޒާހަރާ އިންތިޒާމު ކުރުމުގައި އުޅޭ ފަރާތަކުން ބުންޏެވެ.
ފްލެޓާއި ގޯތީގެ މައްސަލާގައި ގިނަ އަދަދެއްގެ ރައްޔިތުންގެ ނުރުހުން ވަނީ ރައީސް މުއިއްޒުއަށް އަމާޒުވެފައެވެ. އެގޮތުން ފްލެޓު ލިބުނު އެތައް ބައެއްގެ ފްލެޓު ފޭރިގެންފައިވާ ކަމަށް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.
"މުއިއްޒު އަކީ ފްލެޓުން ވައްކަން ކުރި މީހެއް, އެތައް ބައެއްގެ ހައްގުތައް މީގެ ކުރިންވެސް ފޭރިގެން ހުރި މީހެއް, އޭނާ އިތުރަށް ރައީސް ކަމުގައި ބަހައްޓައިފިއްޔާ ރާއްޖެ ބޮޑު ނުރައްކަލަކަށް ވެގެންދާނެ"
ބިމުގެ މައްސަލާގައި ބާއްވާ މުޒާހަރާ ބާއްވާނެ ވަކި ތާރީހެއް އަދި ނިންމާފައި ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް މުޒާހަރާ ބާއްވާނެ ދުވަސް ހާމަ ކުރާނެކަމަށް އިންތިޒާމް ކޮމެޓީގެ އޮފިޝަލް ވިދާޅުވިއެވެ.