
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަަދަލު ކުރުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިހާރު މިވަނީ ހަތަރު އަގޮޅިއެއްގައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު ރައީސް ނަޝީދު އާއި އެމަނިކުފާންގެ ފިކުރުގައި ތިބި 15000 މީހުންގެ ސަޕޯޓު މިވަނީ ފާޅުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ގިނަ ވޯޓު ހޯއްދެވި މުއިއްޒުއަށް ދޭން ފަށާފައެވެ.
މުއިއްޒުއަށް ނަޝީދުގެ ސަޕޯޓަރުން ތާއިދު ކުރާއިރު ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ މެމްބަރުންނާއި ރައީސް ސޯލިހުއަށް ނަޝީދުގެ ސަޕޯޓަރުން އަންނަނީ ހުއްޓުމެއް ނެތި ފުރައްސާރަ ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނިޒާމީ ވޯޓަކަށް ދިއުމަށް ހުށަހެޅުނު ގަރާރު ފާސްވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖްލިސް މެމްބަރުން ތާއިދުކޮށްގެންނެވެ.
އެމްޑީޕީގެ މަޖްލިސް މެމްބަރުންނާއި, އާއްމު މެމްބަރުންގެ އެންމެ ބޮޑު އެދުމަކީ އަންނަ ހޮނިހިރު ދުވަހުގެ އިންތިހާބުގައި ރައީސް ސޯލިހު އިންތިހާބު ކުރުމެވެ. އެކަމަށް އެމްޑީޕީން ވަކިވެގެންދިޔަ ޑިމޮކްރަޓްސްގެ އެހީތެރިކަން ބޭނުމެވެ. ނަމަވެސް އެމީހުންގެ ފަރާތުން ފެންނަނީ އެއަށްވުރެ ޒާތީވެ ރައީސް ސޯލިހު ފެއިލް ކޮށްލުމަށް ކުރާ ހުތުރު މަސައްކަތެކެވެ.
ސުވާލަކީ އެމްޑީޕީ މެމްބަރުންގެ ތާއިދު ނެތި ރާއްޖޭގެ ނިޒާމީ ވޯޓެއް ރައީސް ނަޝީދު އާއި އޭނާގެ ސަޕޯޓަރުންނަށް ކާމިޔާބު ކުރެވިދާނެތޯއެވެ. ރައީސް ނަޝީދުއަށް ވެރިކަން ކުރެވެން އޮތް ހަމައެކަނި މަގަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ކަމަށްވާއިރު އެ ފުރުސަތު އެމްޑީޕީ މެމްބަރުން ނަޝީދުއަށް ދޭން ޖެހެނީ ކީއްވެ ހެއްޔެވެ. އެމްޑީޕީއަށް ތާއިދު ކުރި 86000 މެމްބަރުން ރައީސް ނަޝީދުގެ ހުށަހެޅުމަށް ތާއދު ކުރަން ޖެހެނީ ކީއްވެހެއްޔެވެ.
ޔަގީން ކުރެވޭ އެއްކަމަކީ މިއަދު ރައީސް ނަޝީދު އާއި އޭނާގެ އެންމެ އަރިސް މީހުން ޑރ. މުއިއްޒުއަށް ތާއިދުކޮށް އެމްޑީޕީ އާއި ރައީސް ސޯލިހު ފެއިލްކޮށްލުމަށް ކުރާ މަސައްކަތް ހިތާއި ރޫހުން ރައީސް ސޯލިހު އާއި އެމްޑީޕީ މެމްބަރުން ހަނދާނުން ނުފިލާނެކަމެވެ. ނަޝީދު ޖަލަށްލެވި, ރާއްޖޭގައި އަނިޔާވެރިކަން އިންތިހާއަށް އޮތް ކަޅު މާޒީއަށް ރާއްޖެ ގެންދަން މިއިން އެއްވެސް ރައްޔިތަކު ބޭނުން ނުވެއެވެ.
ވެރިކަމަށްޓަކައި ނަޝީދު ހިންގަވާ ޕްރޮޕަގެންޑާ ދިވެހިންނަށް މިއަދު ސާފެވެ. އެ ސަކަރާތަކަށް ދިވެހިން އެނބުރިދާކަށް ނެތެވެ. ނަޝީދު އާއި އޭނާގެ ސަޕޯޓަރުން މިހާރު މަސައްކަތް ކުރައްވާ އުސޫލުން އެމީހުން ބޭނުންވާ ބަރުލަމާނީ ރާއްޖެއަށް ގެނެވޭނީ ކިހިނަކުން ހެއްޔެވެ. ވޯޓުގެ ކުރިން މިކަމަށް ވިސްނަވާށެވެ.