މުއިއްޒު މަޖްލިސް އިންތިހާބުގެ ކެމްޕެއިނަށް ތ އަތޮޅަށް ވަޑައިގެންފި, ދުވާލަކަށް ހަރަދަށް 480,000 ރުފިޔާ

ބަޖެޓު ނެތިގެން އަތޮޅު ތެރޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް ހުއްޓާލާފައިވަނިކޮށް 30 މީހުންގެ ބޮޑު ވަފްދަކާއި އެކު މަޖްލިސް އިންތިހާބުގެ ކެމްޕެއިންނަށް ޑރ. މުއިއްޒު ތ. އަތޮޅަށް ވަޑައިގެންފިއެވެ.

މުއިއްޒުގެ ތ. އަތޮޅު ދަތުރުގެ ދުވާލެއްގެ ހަރަދަށް 480,000 ރުފިޔާ ހަރަދު ހިގާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ, މި ދަތުރުފުޅުގައި ރައީސް މުއިއްޒު އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެއްވުމަށް ލޯނޗްފަހަރު ބޭނުން ކުރެއްވުމުގެ ބަދަލުގައި ގިނައިން ބޭނުން ކުރައްވަމުން ގެންދަވަނީ އެއަރޓެކްސީ ޗާޓަރު ކުރައްވައިގެން ކަމުގައެވެ.

އަދި ދަތުރުފުޅުގައި މާލެއިން 30 މީހުންގެ ވަފުދެއް ގެންދެވިއިރު, އެހުރިހާ ބޭފުޅުންގެ ޓިކެޓާއި, ކެއުމާއި ހުރުމުގެ ޚަރަދާއި އަދި އޭގެ އިތުރުން އެ ހުރިހާ ބޭފުޅުންގެ އަތޮޅުތެރޭގެ ދަތުރު ޚަރަދުތައްވެސް ހަމަޖައްސަވަމުން ގެންދަވަނީ ރައީސް އޮފީހުގެ ބަޖެޓުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ވާގޮތުން, ކެމްޕޭންގެ ޚަރަދުތައް ދައުލަތުގެ ބަޖެޓުން ކުރުމަކީ މަނާކަމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުތައް ކަމަށްވިޔަސް, ރަސްމީ ކަންކަމާއި ގުޅުން ނެތް ދަތުރުތަކާއި ޚަރަދުތައް ދައުލަތުގެ ބަޖެޓުން ކުރުމަކީ ގާނޫނީގޮތުން މަނާ ކަމެކެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ނިމުމާއެކު, ރައްޔިތުންނާއި ބައްދަލުކުރުމުގެ ނަމުގައި މުއިއްޒުވަނީ އަތޮޅުތަކަށް މަޖިލިސް ކެމްޕޭންގެ ދަތުރުތައް ފައްޓަވާފައެވެ. ރައްޔިތުންނާއި ބައްދަލުކުރުމުގެ ނަމުގައި މުއިއްޒު ރަށްތަކަށް ޚަރަދު ކުރައްވަމުން ގެންދަވަނީ, ކުރިޔަށް އޮތް މަޖިލިސް ކެމްޕޭންގެ ޚަރަދުގެ ބޮޑުބައި ދައުލަތުގެ މާލިއްޔަތުން ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މުއިއްޒުވަނީ ކުރިޔަށް އޮތް ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް ދައުލަތުގެ މާލިއްޔަތުން 328 މިލިއަން ރުފިޔާ ޚަރަދު ކުރެއްވުމަށް ނިންމަފާވައެވެ. އަދި މިހާރު މުއިއްޒުވަނީ ފާޅުގައި, ދައުލަތުގެ މާލިއްޔަތުން ޚަރަދު ކޮށްގެން ކެމްޕޭން ކުރައްވަން ފައްޓަވާފައެވެ.