ގޭންގުތައް ފުޓުބޯޅަ ދަނޑު މައްޗަށް, މެޗުގައި ހަމަނުޖެހުން ހިންގައި ސޮބާއަށް ހަމަލާދީފި

މިއަދު ހިނގި ހަމަނުޖެހުމުގެ ތެރެއިން.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މާލޭގައި ހަރަކާތްތެރިވާ ގޭންގެއް ކަމަށްވާ ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނެޓްތެރޭގައި ހިންގި ހަމަނުޖެހުމުގައި ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ހަމަލާ ދިފި އެވެ.

މެޗުގެ 82 ވަނަ މިނެޓް ކުޅެވުނު ފަހުން، ހިންގި ހަމަނުޖެހުމުގެ ތެރޭގައި ކުޑަހެންވޭރަށް ސަޕޯޓުކުރަން ތިބި ގޭންގު މެމްބަރުންގެ ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަދެ އިތުރަށް ހަމަނުޖެހުން ހޫނު ކުރި އެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި ގޭންގުގެ މީހަކު ވަނީ ސޮބާގެ މޫނު މަތީގައި ގޮތްމުށުން ޖަހައިފަ އެވެ. އޭނާގެ އަނގަމަތި ފަޅައިގެން ދިޔަ އެވެ.

ހިންގި ހަމަނުޖެހުމާ ހެދި މެޗު އިތުރަށް ފުރިހަމަ ނުކުރެވުނެވެ. މެޗުގެ ކުޅުން މެދުކަނޑާލިތާ ގާތްގަނޑަކަށް 25 މިނެޓް ފަހުން މެޗުގެ އޮފިޝަލުން ނިންމީ މެޗުގެ ފަހު 10 މިނެޓް އިތުރަށް ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ފަހުން ގޮތެއް ނިންމުމަށެވެ.

މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު، ވިކްޓަރީގެ އެނަޓޮލީ އަށް ކުރި ފައުލަކާ ގުޅިގެން އެނަޓޮލީ ގަސްތުގައި ހާޒިމް ގައިގައި ކޮޅުފައިން ޖެހުމުންނެވެ. އަދި އެއާ ގުޅިގެން ރެފްރީ މުހައްމަދު ޖާވިޒް އެނަޓޮލީ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ނިންމުމާ ގިޅިގެން މައްސަލަ ހޫނުވި އެވެ. އޭގެ ކުރިން ވެސް ކުޑަހެންވޭރުން ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރި އެވެ.

މިއަދުގެ މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން.
މިއަދުގެ މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން.

ހަމަނުޖެހުމާ ގުޅިގެން މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް އެހީވުމަށް އިތުރު ފުލުހުން ވެސް ދަނޑަށް ހާޒިރުވި އެވެ.

މެޗު ހުއްޓާލި އިރު ވިކްޓަރީ ދިޔައީ 3-1 ން މެޗުގެ ނަތީޖާ ލީޑް ކުރަމުންނެވެ. އެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު ވިދާޅުވީ މެޗާ މެދު ގޮތް ނިންމާނީ އިމަޖެންސީ ކޮމިޓީން ކަމަށެވެ.

"މުބާރާތާ ބެހޭ އިމަޖެންސީ ކޮމިޓީ ބައްދަލު ކުރުމަށްފަހު މެޗާ ދޭތެރޭ ގޮތެއް ނިންމާނެ. ނިންމުން މީޑިއާ އާ ހިއްސާ ކުރާނެ،" އެފްއޭއެމްގެ މީޑިއާ ގުރޫޕުގައި ޝިބާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ވެސް ދެވަނަ ޑިވިޝަނުގައި، މާލޭގައި ހަރަކާތްތެރިވާ ގޭންގަކަށް ނިސްބަތްވާ ބުރު ސްޕޯޓްސް އާއި ޓީނޭޖް ބައްދަލު ކުރި މެޗުގައި ވެސް ބޮޑު ހަމަނުޖެހުމެއް ހިނގި އެވެ. އެ ހަމަނުޖެހުމުގައި މެޗުގެ ރެފްރީ އަށް ވެސް ހަމަލާ ދީފައި ވެއެވެ. މެޗުގެ ފަހު ވަގުތުގައި ހިންގި އެ ހަމަނުޖެހުމުގައި އެ މެޗު ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލި އެވެ. ފަހުން ނިންމީ އެ މެޗުގެ ބާކީ ބައި ނުކުޅޭ ގޮތަށެވެ.