
ޑރ. މުއިއްޒުގެ މަތިބަރު ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންނާއި މިނިސްޓަރުންގެ އަދަދު 300 އިން މައްޗަށް އަރައިފިއެވެ.
މުއިއްޒު ސަރުކާރުން މަގާމުދޭ ގިނަ މީހުންގެ މައުލޫމާތު މިފަހުން ރައީސް އޮފީހުގެ ވެބްސައިޓުން އާއްމު ކުރުން ވަނީ މެދުކަނޑާލާފައެވެ. އާއްމު ރައްޔިތުންގެ ފާޑު ކިއުން ސަރުކާރަށް އަމާޒުވާން ފެށުމުން ގިނަ މިނިސްޓްރީތަކުންވެސް މިހާރު ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު އާއްމެއް ނުކުރެއެވެ.
ދާދި ފަހުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އެމްއޭފްގެ ކަރަޕްޝަންގެ މުގުލުގައި ބައްސާމުއާއި އެކު އުޅުނު ހުސެއިން ޖަވާޒު (ޖަވާ) ވަނީ ހަމަޖައްސާފައެވެ. ޖަވާއަށް މަގާމުދިން ކަންވެސް ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ.
ދައުލަތުގެ ހަރަދު އިންތިހާއަށް ބޮޑުވެ ގައުމުގެ ދަރަނިތައް ނުދެއްކޭ ހާލަތަށް ދާއިރުވެސް އަދިވެސް ސިޔާސީ މަގާމުތަކަށް މީހުން ލުން ދަނީ އިތުރުވަމުންނެވެ. ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ ކަރަޕްޓް, ޑްރަގް ލޯޑުންގެ އިތުރުން ގޭންގު ލީޑަރުން މިސަރުކާރުގެ މަތީ މަގާމުތަަކަށް އިސް ކުރުމެވެ.