ސާޖިދާ ލިސްޓަށް 1780 ފްލެޓް، އޭސީސީ މެމްބަރުންނަށް 105 ފްލެޓް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހުޅުމާލޭގައި އަޅަންފެށި 13000 ފްލެޓްގެ ތެރެއިން ފުރަތަމަ ނިމޭ 4000 ފްލެޓްގެ ތެރެއިން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު (ފްލެޓް ވަގު) ގެ ލިސްޓަށް 1780 ފްލެޓް އަދި އެކަން ސާޖިދާއަށް ކޮށްދިން އޭސީސީގެ މެމްބަރުންގެ އާއިލާތަކަށް 105 ފްލެޓް ލިބޭނެގޮތަށް އިންތިޒާމްތައް ހަމަޖައްސައިފިއެވެ.

ފްލެޓްތައް ދޭނެ ގޮތުގެ މައުލޫމާތު އިއްޔެ އޭސީސީން ހައުސިން މިނިސްޓަރަށް އަންގާފައިވާކަމަށް އޭސީސީން ބުނެފައިވާއިރު ދޭނެ މީހުންގެ ލިސްޓް ފައިނަލްކޮށް އެގްރިމެންޓްކުރުމަށް އެގްރިމެންޓްތައް ޕްރިންޓްވެސްކޮށް ނިންމާފައިވާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން މީގެ 10 ވަރަކަށް ދުވަސްކުރިން ވަނީ ބުނެފައެވެ.

އޭސީސީން މައްސަލަ ނުނިމެނީސް ފްލެޓްދޭނެ މީހުން ކަނޑައަޅާ ލިސްޓް ޕްރިންޓްކޮށްފައިވާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނުމުން ގިނަ ބައެއްގެ ވަނީ އެކަމުގައި ނުކުއްސަރުކަންތައްތަކެއް ހުރިކަމަށް ބުނެ ފާޑުވެސް ކިޔާފައެވެ.

ފްލެޓް ދޭނެ މީހުން ކަނޑައަޅާ އެގްރިމެންޓްތައް ޕްރިންޓްކޮށްފައިވާކަމަށް ބުނެ، ފަހިދިރިއުޅުން ކޯޕަރޭޝަނުން ދެން ބުނީ ފްލެޓް ލިސްޓާމެދު އެންޓިކޮރަޕްޝަން ކޮމިޝަނުން ގޮތެއް ނިންމާތާ ތިން ދުވަސް ތެރޭގައި އެގްރިމެންޓްތަކުގައި ސޮއިކޮށް ނިންމާނެކަމަށެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން އެހެން ބުނިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހުޅުމާލޭގައި އަޅަން ފަށާފައިވާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ފްލެޓް ލިބޭ 4000 މީހުންގެ ލިސްޓްބާތިލްކޮށް ނުވަތަ ބަދަލު ގެނައުމަށް މިސަރުކާރާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންނާއި ހަދާފައިވާ ޑީލުގެ ތެރެއިން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ހާއްސަކުރާ ލިސްޓުން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ޕީއެންސީއަށް ވިއްކާލި 13 މެމްބަރުންނަށް ފްލެޓް ދޭން ނިންމާފައިވާކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

އެއާއެކު އޭސީސީން މައްސަލަ ނިމޭނެ ގޮތެއް ނިމޭނެ ތާރީހެއްވެސް ނޭންގި ތިއްބާ ފްލެޓް ލިބޭމީހުންގެ އެގްރިމެންޓްތައް ނިންމާ، ސޮއިކުރަން ފަހިދިރިއުޅުން ކޯޕަރޭޝަނުން ނިންމީ ކިހިނެއްކަމެއް ސާފެއް ނުވެއެވެ. އެހެންކަމުން ވަކިގޮތަކަށް ލިސްޓް ނިންމާ ފްލެޓް ދޭނެމީހުން ކަނޑައަޅާ އެގްރިމެންޓްތައްވެސް ނިންމާ ސޮއިކުރުމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އެގްރިމެންޓްތައް ޕްރިންޓްވެސް ކޮށްފައިވާކަން މިވަނީ ހާމަވެފައެވެ.

ސުވާލަކީ އޭސީސީން މައްސަލަ ނިންމީމަ ނޫނީ ނުދޭން ސަރުކާރުން ނިންމާ ހިފަހައްޓާފައިވާ ފްލެޓްތަކެއް އޭސީސީން އެމައްސަލަބަލާ ނިންމުމުގެ ކުރިން ފްލެޓް ލިބޭމީހުން ކަނޑައަޅާ، އެގްރިމެންޓްތައް ނިންމާ ސޮއިކުރަން، ފަހިދިރިއުޅުން ކޯޕަރޭޝަނުން ނިންމީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ. އެހެންކަމުން ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ފްލެޓް ލިސްޓް މޮޑެލާ ސާޖިދާ ބޭނުންވާގޮތަށް އޭސީސީގެ މެމްބަރުންނާއި ގޮނޑިވިއްކާލި މަޖިލިސް މެމްބަރުންނަށް ބައި އެޅޭގޮތަށް ފްލެޓްތައް މިހާރު ބަހާ ނިންމާލިކަން މިއޮތީ ސާފުވާށެވެ.

އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ކުރިން ތިބި 13 މެމްބަރަކު ރިޝްވަތު ނެންގެވުމަށްފަހު ޕީއެންސީއަށް ބަދަލުވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެމެންބަރުން ރިޝްވަތުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނެންގެވުމުގެ އިތުރުން ވަޒީފާތައް ހަމަޖެއްސުމާއި ފްލެޓް ލިސްޓަށް އެމެންބަރުން ބޭނުންވާ ބަޔަކު ލުމަށް ވަނީ ޝަރުތުކޮށްފައެވެ.

އެގޮތުން މެމްބަރުން ބޭނުންވާ މީހުންނަށް ފްލެޓް ދިނުމަށް ފްލެޓުން ވައްކަން ކުރުމުގައި އިސްކޮށްތިބި ފަރާތްތަކާއި ޕީއެންސީން މަޝްވަރާކޮށްފައިވަނީ ރޭގެ ވަގުތެއްގައި މ ދިމްޔާތުގައެވެ. އެހެންކަމުން ސާޖިދާގެ ލިސްޓަށް ފްލެޓް އިތުރު ކުރުމަށް މިހާރު ލިސްޓުގައިތިބި ގިނަ ބަޔަކު ލިސްޓުން އުނިކުރަމުން ގެންދާކަމަށް އޭސީސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މެމްބަރުންނަށް ފްލެޓް ދިނުމަށް ސާޖިދާ ލިސްޓު ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު މި ނޫހަށް އެނގިފައިވާ ގޮތުގައި އޭސީސީގެ މެމްބަރުން ބޭނުންވާ 50 މީހަކަށް ފްލެޓް ދިނުމަށް ސަރުކާރުން ކުރިން ވަނީ އެއްބަސްވެފައެވެ. އަދި އެކަމަށް އޭސީސީގެ މެމްބަރުންވެސް އެއްބަސްވުމަށްފަހު އެ އަދަދު 75 އަށް އިތުރު ކުރުމަށް ސަރުކާރަށް ދަނީ ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް ފަހު ވަގުތު އޭސީސީ މެމްބަރުން ބޭނުންވާގޮތަށް 105 ފްލެޓް ދޫކުރުމަށް ސަރުކާރުން އެއްބަސްވެފައިވާކަމަށް އޭސީސީގެ އޮފިޝަލަކު ޔަގީން ކޮށްދެއެވެ.

ފްލެޓް ލިސްޓް އުވާލުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ބޮޑެތި ވައްކަންތަކެއް ކުރިކަން ސާބިތުވެފައިވާ ރައީސް މުއިއްޒުގެ މިހާރުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައިހުރި ނައިފަރު އިކްރާމް އަބްދުއްލަތީފާއި ރައީސްގެ ގެކޮޅު މުލިއާގޭގެ މިނިސްޓަރަކަށް މިހާރުކުރި މުއިއްޒުގެ ބޭބެ އިގްބާލް އާދަމްއާއި އޭސީސީގެ މިހާރުގެ ރައީސް އާދަމް ޝާމިލްއެވެ.

މީގެއިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހުޅުމާލޭގައި އަޅަން ފަށާފައިވާ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުން މިހާތަށް އެންޓިކޮރަޕްޝަން ކޮމިޝަން މެދުވެރިކޮށް، ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބޭނުންވެގެން 1780 ފްލެޓް ނަގާފައިވާއިރު އެކަމަށް މަގުފަހިކުރުމަށް އަދި އެ އަދަދަށް ކުރީގެ ލިސްޓުން މީހުން ބާކީވާނެގޮތަށް އޭސީސީން މައުލާމާތައް ބަދަލުގެނެސް ލިސްޓް ފައިނަލް ކުރެވޭނެ އިންތިޒާމް މީގެ 15 ވަރަކަށް ދުވަސްކުރިން ހަމަޖެއްސިކަމަށްވެސް އޭސީސީގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ހައުސިން މިނިސްޓްރީން ފައިނަލްކޮށް ސޮއިކުރުމަށް ޕްރިންޓްކޮށްފައިވަނީ އޭސީސީން މަޝްވަރާ ދީފައިވާ ލިސްޓެއްކަމަށްވެސް ވަނީ އެނގިފައެވެ.

އޭސީސީގެ އޮފިޝަލަކު ކުރިން މިނޫހަށް ވިދާޅުވީ އޭސީސީގެ މެމްބަރުން އިސްވެތިބެ ހައުސިން މިނިސްޓްރީގެ ޕޯޓަލްއަށް ވަދެ ފްލެޓް ލިބުނު ބައެއް މީހުންގެ މައުލޫމާތު ބަދަލުކޮށް ބައެއް މީހުންގެ ޑޮކިއުމަންޓްތައް އުނިކުރުންފަދަ ކަންކަންވެސް ކުރަމުން ގެންދާކަށެވެ. ޕޯޓަލްގެ މައުލޫމާތާ އޭސީސީއަށް ނުކުޅެވޭނެކަމަށް ހައުސިން މިނިސްޓްރީން ބުނިނަމަވެސް އޭސީސީގެ ތެރޭގައި ކުރަމުންދާ މަސައްކަތަކީ ޕޯޓަލްގެ މައުލޫމާތުތައް ބަދަލުކޮށް ގިނަ ބަޔަކު ލިސްޓުން އުނިކުރުމުގެ މަސައްކަތްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން 1100 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތާއި ކުޅެ ލިސްޓުން އުނިވާގޮތަށް ބަދަލު ގެނެސްފައިވާކަމަށާއި އެއީ މެޑަމް ސާޖިދާ އަންގައިގެން ސާޖިދާ ބޭނުންވާ ބަޔަކަށް ފްލެޓް ދިނުމަށް ކުރަމުންދާ މަސައްކަތެއްކަމަށް އޭސީސީގެ ތެރެއިން މައުލޫމާތު ލިބޭކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުން އަގުބޮޑު ގޯތިތައް ކުރީ ސަރުކާރުން ދިން އިރު އޭސީސީގެ މެމްބަރުން އަނގައި ނުބުނެތިބީ އެމީހުން ބޭނުންވާ ބައެއް މީހުނަށް ގޯތި ލިބިފައިވާތީކަމަށާއި ފްލެޓް ލިސްޓަށް އޭސީސީން އަތްބޭނީ އެމީހުން ބޭނުންވާވަރަށް ފްލެޓް ދިނުމަށް ކުރީ ސަރުކާރުން އެއްބަސް ނުވުމުންނެވެ. ބަދަލުގައި މުއިއްޒުވަނީ އޭސީސީ މެމްބަރުން ބޭނުންވާ ބަޔަކަށް މި ލިސްޓުން ފްލެޓް ދޭނެކަމަށް ބުނެފައެވެ.

ރާއްޖޭގައި ހިނގައިދިޔަ ބޮޑެތި ވައްކަންތައް ކުރި މީހުންގެ އަތުން އޭސީސީގެ މެމްބަރުން އާއްމުކޮށް ރިޝްވަތު ނަގާ އެމީހުންގެ މައްސަލަތައް އޮއްބާލާފައިވާއިރު ނިކަމެތިންގެ ފްލެޓްތަކަށް އޭސީސީން އަތްބާނާގެން އުޅެނީ އޭގެންވެސް ބައެއް ކާލުމުގެ ބޭނުމުގައެވެ.