ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު ރިޒާވް ދަށްވެ ވިޔަފާރިވެރިންނާއި ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ވިއްކުން ހުއްޓާލައިފިއެވެ.
ބޭންކުގެ އިސް އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ހުރީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ބޭންކުގެ ޑޮލަރު ރިޒާވު މިހާރު ހުރީ ކޮންމެ ވަގުތަކުވެސް ކާޑު މުއާމަލާތްވެސް ހުއްޓާލަން ޖެހިދާނެ ހިސާބެއްްގައެވެ.
ރާއްޖޭގެ އިގްތިސާދީ މަސްރަހު ދިރާސާ ކުރާ ފަރާތަކުން ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވީ ރާއްޖެ މިހާރު މިދަނީ ބަނގުރޫޓުވާން ކަމަށެވެ. އަދި އަންނަ މާޗު މަހުގެ ނިޔަލަށް ދައުލަތަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ ނުލިބިއްޖެނަމަ ދައުލަތް ބަނގުރޫޓުވާނެކަމަށެވެ.
އޭނާ ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ރާއްޖޭގެ ގިނަ ވިޔަފާރިވެރިން ބޭންކަށް ފައިސާ ޖަމާ ކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިހާރު ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން ވަރަށް އަވަހަށް ބޭންކުގައި ހުރި އާއްމުންގެ ފައިސާ ސަރުކާރަށް ނެގުމަކީ އެކަށީގެންވާ ކަމެެއް ކަަމަށެވެ.
"މިމަހުވެސް ދައުލަތުން އެބަޖެހޭ 4 ބިލިއަން ރުފިޔާގެ ބޮންޑު ދައްކަން, އެއީ އާއްމު ވިޔަފާރިވެރިން އަތުން ސަރުކާރުން ގަނެފައިވާ ބޮންޑު, އެ ނުދެއްކި އަދި މިދަނީ, މިހާރު ވިޔަފާރިވެރިން އެތިބީ ބޭންކަށް ފައިސާ ޖަމާ ނުކޮށް, އަނެއް ކޮޅުން ބޭންކުގައި ޑޮލަރެއް ނެތް, ކިރިޔާ ބެލެންސު ހުރީ ކާޑު މުއާމަލާތް ކުރެވޭ ވަރަށް"
ބޭންކުން އަންނަނީ މިވަގުތު ވިޔަފާރިވެރިންނަށް ޑޮލަރު ވިއްކެން ނެތްކަމަށް އަންގަމުންނެވެ. ރިމަޟާން މަހަށް ބޭނުންވާ ކާބޯތަކެތި ގަތުމަށް ވިޔަފާރިވެރިން ބްލެކު މާކެޓުގައި ޑޮލަރު ގަންނަމުން އަންނަ އިރު ރޯދައަށް ގެންނަ ކާބޯތަކެތި އަގު ބޮޑުވާނެކަމަށް މިހާރުވެސް ވަނީ ބެލެވިފައެވެ.