
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީ ނުބާއްވައި ބައެއް ދާއިރާ ތަކުގެ ޓިކެޓު އަދުރޭ ބޭނުންވާ ފަރާތްތަކަށްދިން މައްސަލަ ހޫނުވެ ރައީސް މުއިއްޒު އާއި އަދުރޭ ހޫނު ޒުވާބަކަށް ގޮސްފިއެވެ.
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި 60 ވުރެ ގިނަ މީހުންނަށް ވަނީ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމި ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
އެކި މީހުންނަށް ފޮނުވި ސިޓީގައި ކެންޑިޑެސީ ބަލައި ނުގަންނަން ނިންމި ކަމަށް ދައްކާފައި ވަނީ އެކި ބަހަނާ އެވެ. އެގޮތުން ބައެއް މީހުންނަށް ފޮނުވި ސިޓީގައި ވަނީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި ޕާޓީގެ މެމްބަރުންގެ ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމަށް ވެސް ބައެއް މީހުންނަށް ފޮނުވި ސިޓީގައިވެ އެވެ.
މި މައްސަލަ އާއި ގުޅިގެން ޕީޕީއެމް/ ޕީއެންސީގެ އެތެރޭގައި ވަނީ ބޮޑު ކޯޅުންގަޑެއް އުފެދިފައެވެ.
ޕީއެންސީގެ މައުލޫމާތު އެނގޭ މީހަކު މިރޭ ކުރުސީއަށް މައުލޫމާތު ދެމުން ބުނީ އަދުރޭގެ ނިންމުމާއި ގުޅިގެން މުއިއްޒު އާއި އަދުރޭ ދެމެދު ވަނީ މައްސަލަ ޖެހިފައެވެ. ޓިކެޓު ކެންސަލް ކުރި ބައެއް މީހުންނަކީ މުއިއްޒުގެ ފަރާތުން ކުރިމަތިލާފައިވާ މީހުންނެެެވެ.
އަދުރޭ ވަނީ މުއިއްޒު އަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޕީއެންސީ ޓިކެޓު ލިބުނު ގޮތް ހަދާންކޮށްދީފައެވެ. އަދި ޕީއެންސީގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ގޮތް މުއިއްޒުއަށް ނޭގޭނެ ކަމަށް ބުނެ ރައްދު ދީފައެވެ.