
ބޭންކު އޮފް މޯލްޑިވްސް މެދުވެރިކޮށް 30 މިލިއަން ޑޮލަރުގެ ލޯން ހަމަޖައްސަވައި ނުދިނުމުން އެކަމުގެ ރުޅީގައި އެމްޑީއޭގެ ރައީސް އަދި ވިޔަފާރިވެރިޔާ ސަން ޝިޔާމް ރައީސް ސޯލިހު ދޫކުރައްވައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒުއަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.
މައުލޫމާތު އެނގޭ މީހަކު ކިޔައި ދިން ގޮތުގައި ޝިޔާމް ބޭނުންވީ ބޭންކު އޮފް މޯލްޑިވްސްއަށް ހުށަހަޅާފައި އޮތް 30 މިލިއަން ޑޮލަރުގެ ލޯން ރައީސް ސޯލިހު ލައްވައި އެޕްރޫވް ކުރުވާށެވެ. ނަމަވެސް ބޭންކުން ޝިޔާމްގެ ލޯން ރިޖެކްޓު ކުރުމާއި ގުޅިގެން ރައީސް ސޯލިހުއަށް ކުރި ތާއިދު ވަނީ ގެންގޮސްފައެވެ.
ރައީސް ސޯލިހުއަށް ތާއިދުކޮށް ޝިޔާމް މީގެ ކުރިން ބުނެފައިވަނީ ރައީސް ސޯލިހުއަށް ތާއިދު ކުރީ ވަކި ކަމެއް ބޭނުން ވެގެން ނޫން ކަމަށެވެ. އަދި ރައީސް ސޯލިހުއަށް ތާއިދު ކުރީ އަދުލުވެރި ވެރިކަމެއްކޮށް ގައުމަށް ހެޔޮ ބަދަލު ގެނެސްދެއްވާފައިވާތީއެވެ.
ސިޔާމް ވިދާޅުވީ މި ވެރިކަމުގައި ކޯޓުތަކަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި މި ފަސް އަހަރުގެ ދައުރު ރައީސް ނިންމަވާލެއްވީ އެންމެ ނައިބު ރައީސަކާ އެކު ކަމަށާއި މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ވެސް ބަދަލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުންވެސް ގައުމު ހަމަޖެހިއްޖެ ކަމަށާއި ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު ވެސް ރިކޯޑް އަދަދަކާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"އާއިލާތަކަށް އުފާވެރިކަން. މިކަންކަމުން ރަމްޒުކޮށްދެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގެ ހިންގުންތެރިކަމާއި ކެތްތެރިކަމާއި ހިކްމަތްތެރިކަން،" ސިޔާމް މީގެ ކުރިން ރައީސް ސޯލިހުއަށް ތައުރީފުކޮށް ވިދާޅުވެފައިވެއެވެ.
ސިޔާމް ރައީސް ސޯލިހުއަށް ތާއިދު ކުރަން ނިންމި އިރު ހިލްޓަން އާއި ދެމެދު ސަން ސިޔާމް ހަދާފައިވާ އެގްރިމެންޓުގެ މައްސަލާގައި ސިޔާމްގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ.
ދާދި ފަހުން ސިޔާމް ސިންގަޕޫރަށް ވަޑައިގަތުމުން އެމަނިކުފާންގެ ޕާސްޕޯޓު އެގައުމުން ވަނީ ހިފަހައްޓާފައެވެ.
ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓިއިރު، ސަން ޓްރެވަލްސް ކުންފުނިން ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދައްކަން ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލާގައި ރާއްޖޭގެ ސިވިލް ކޯޓުން ވެސް ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރުނެވެ.
ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން އަމުރުކުރީ އެ މައްސަލާގައި ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ފައިސާ ނުލިބުމުންނެވެ.