
މަސްވެރިކަމަށް ކަނޑުމަހުގެ ބާވަތެއް ހޯދުމަށް ކަމަށް ބުނެ، ޑްރޯން ނުވަތަ ވައިގެ އެއްވެސް އުޅަނދެއް މަސްވެރިކަމަށް ބޭނުން ކުރުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މަނާ ކޮށްފިއެވެ.
މި ސަރުކާރު ވެރިކަމަށް އައީ، ރާއްޖޭގެ ޑްރަގް ކާޓެލް ތަކުގެ ފައިސާއާއި ވޯޓުންނެވެ. މި ގޮތުން މުއީއްޒުގެ ރަނިން މޭޓް ސެމްބެ އައްޔަން ކޮށްފައިވަނީ އޭނާއާއި ގޭންގް ތަކާއި އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ. ސެމްބެއަކީ ތައުލީމީ ގާބިލު، މީހުންގެ މަގުބޫލުކަން އެއްވެސް މިންވަރަކަށް އޮތް މީހެއްވެސް ނޫނެވެ.
ސަރުކާރުގެ އިސް ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ކަނޑުމަތީ ޑްރޯން ބޭނުން ކުރުން މަނާކޮށްފައިވަނީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ ފަރާތްތައް މަސްވެރިން ރިކޯޑްކޮށް ރިޕޯޓް ކުރަމުން ދާތީ އެކަން ހުއްޓުވުމަށެވެ. މި ގޮތުން ކަނޑުމަތީ ދިމާވާ ތަފާތު ހާދިސާތައް މަސްވެރިން ދަނީ ރިކޯޑް ކުރަމުންނެވެ. މީގެ ތެރޭގައި ބޭރުގެ ބޯޓު ފަހަރު ރާއްޖޭގެ ސަރަހައްދަށް ވަނުން ފަދަ ކަންކަން މަސްވެރިން ރިކޯޑް ކުރާ މައްސަލަ ގޭންގު ތަކުން ވަނީ މުއިއްޒާއި ހިއްސާކޮށްފައެވެ. އަދި އެކަންކަމަށް ހައްލެ ހޯދަ ދިނުމަކީ ޑްރަގް ލޯޑުންނަށް މުއިއްޒު ވެފައިވާ ވައުދެކެވެ. ބޭރުގެ ބޯޓު ފަހަރުތަކުން ރާއްޖޭގެ ސަރަހައްދަށް ޑްރަގް ގެނެސް، ޑްރަގް ލޯޑުން ގެންގުޅޭ ދޯނި ފަހަރުތަކުން ޑްރަގް ބަދަލުކޮށް ރާއްޖޭގެ ރަށްރަށަށް ގެންދެއެވެ.
އިންޑިޔާ އައުޓު ކެމްޕެއިން އަކީ ގޭންގު ތަކުގެ އެއްބާރުލުން ލިބިގެން ޕީޕީއެމް އިން އޭރު ހިންގި ކެމްޕެއިންއެކެވެ. އަޒާން، ޕޮކަންޑި މެންނަކީވެސް ގޭންގް މެމްބަރުންނެވެ. އަދި އެ ގޭންގް ތަކުން ރާވައިގެން ހިންގާފައިވާ ބޮޑެތި ކުށްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކެވެ. އިންޑިޔާއާއި އޮތް ގުޅުން ނުތަނަވަސް ކުރުމުގެ ސަބަބުން، ޕާކިސްތާނުން ރާއްޖެއަށް ވައްދާ ޑްރަގް ތަކާއި ގުޅިގެން ކުރިން އިންޑިޔާއިން ދެމުން ދިޔަ މައުލޫމާތު މިހާރު ވަނީ ހުއްޓިފައެވެ. އިންޑިޔާއިން ކަސްޓަމަށް ލިބެމުންދިޔަ، އިންޓެލް ހުއްޓިފައިވާ މި ދަނޑިވަޅުގައި ކަނޑު މަތީ ޑްރޯން އެރުވުން މަނާކުރުން ވެގެން ދާނީ ޑްރަގް ކާޓަލް ތަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައަކަށެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ތަފާތު ބޭނުންތަކަށް ޑްރޯން ބޭނުން ކުރަމުންދާއިރު، އެކަމުގެ ސަބަބުން މަސްވެރިކަން ކުރަން ފަސޭހަވެ، ދެމެހެއްޓެނިވި ގޮތެއްގައި، ރައްކާތެރިކަން އިތުރުވެގެންދެއެވެ.
އެގޮތުން, ހައި ރިޒޮލިއުޝަން ކެމެރާ ނުވަތަ ސެންސަރު ޖަހާފައިވާ ޑްރޯންތަކުން މަސްވެރިކަން މޮނިޓަރކޮށް ސާވޭ ކުރެވެއެވެ. މި ޓެކްނޮލޮޖީއަކީ މަހުގެ ސްޓޮކް ވަޒަންކުރުމާއި، ހިޖުރަކުރާ ގޮތްތައް ޓްރެކްކުރުމާއި، ކަނޑުގެ އިކޯސިސްޓަމްތަކުގެ ޖުމްލަ ސިއްހަތު ދިރާސާކުރުމުގައި އެހީތެރިވެދޭ ޓެކްނޮލޮޖީއެކެވެ.
އަދި, ފިޝް ފައިންޑަރ ނުވަތަ ސޮނާ ސިސްޓަމް ފަދަ ޚާއްޞަ ސެންސަރުތައް ހުންނަ ޑްރޯންތަކުން ވައިގެ ތެރެއިން މަސްއައިނުތައް ދެނެގަނެވޭނެއެވެ. މި މަޢުލޫމާތަކީ މަސްވެރިންނަށް މަސްވެރިކަން ކުރުމަށް އެންމެ ރަނގަޅު ތަންތަން ދެނެގަތުމަށް އެހީތެރިވެދޭ މަޢުލޫމާތެއް ކަމުން މަސްވެރިކަން ކުރާ މިންވަރު އިތުރުވެ، ތެޔޮ ބޭނުންކުރުން މަދުވެއެވެ.
ޑްރޯންތަކުން މަސްވެރިކަމުގެ ސިނާއަތަށް ގިނަ ފައިދާތަކެއް ލިބޭއިރު، މިފަދަ މުހިންމު ވަސީލަތެއް ސަރުކާރުން މަނާކުރި އެއްވެސް ސަބަބެއް ބަޔާން ނުކޮށެވެ.