ޝިއުނާ، މަލްޝާ އަދި މަހުޒޫމް ސަސްޕެންޑުކުރީ މުސާރަ ހިނގާގޮތަށް މުއްދަތެއް ނެތް ގޮތަށް: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މަގާމުން ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށާއި އެ މުއްދަތުގައި އެ ތިން ފަރާތަށްވެސް މުސާރަ ހިނގާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑު ކުރިއިރު، އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އަންނަނީ ކެމްޕެއިނެއް ކުރަމުންނެވެ. އެ ކެމްޕޭނުގެ ދަށުން ގިނަ އަދަދެއްގެ ހޮޓެލް އަދި ފްލައިޓު ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

މި މައްސަލަ ހޫނުވެ މި މަހުން އަށެއްގައި އިންޑިއާއިން ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ ސަފީރު ވަނީ އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ. އަދި، އެ ދުވަހު 12:00 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ވަޑައިގެންފައިވެ އެވެ.

ސަސްޕެންޝަނާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު، ވިދާޅުވީ ތިން ނައިބުން ސަސްޕެންޑުކޮށްފައިވަނީ ވަކި މުއްދަތަކަށް ނޫން ކަމަށާއި އެ ފިޔަވަޅު އެޅީ އެކަން އިތުރަށް ބެލުމަށް ކަމަށެވެ.

"އާންމު އުސޫލުގެ ދަށުން މީގެ ކުރިންވެސް ވަޒީރުންނާއި ނައިބުން ސަސްޕެންޑު ކުރީމަ މުސާރަ ހިނގާ އުސޫލުން މުސާރަ ހިނގާނެ، އޮފީހަށް ނުކުމެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުން ސަސްޕެންޑުކޮށްފައިވަނީ" މިވަގުތު ޗައިނާގައި ހުންނެވި ހަލީލު ވިދާޅުވި އެވެ.

ސަސްޕެންޑުކުރުމަށްފަހު ނައިބުން ސޯޝަލް މީޑިއާގައި ކުރަމުންދާ އިތުރު ޕޯސްޓުތަކާ ގުޅޭގޮތުން ސުވާލުކުރުމުން ހަލީލު ވިދާޅުވީ، އެކަމާ ރައީސް އޮފީހުގެ ފަރާތުން ބުނާނެ ވަކި އެއްޗެއް ނެތް ކަމަށެވެ.