މި ސަރުކާރުގެ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް މިނިސްޓަރުގެ ނައިބުންގެ ގޮތުގައި މިހާތަނަށް 15 ބޭފުޅަކު އައްޔަންކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް 15 ބޭފުޅަކު އައްޔަންކުރިއިރު، މި ސަރުކާރުގެ 22 މިނިސްޓްރީއަކަށް މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި 130 އަށް ވުރެ ގިނަ މީހުން އައްޔަންކޮށްފައިވެ އެވެ.
ހޯމް ލޭންޑު ސެކިއުރިޓީގެ ނައިބުންނަށް ދައުލަތުން މުސާރައިގެ ގޮތުގައި 525000 ރުފިޔާ ހަރަދުވާނެއެވެ. އަދި މިހާތަނަށް އައްޔަން ކުރެވުނު ނައިބް މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި 4,550,000 ރުފިޔާ ހަރަދުވާނެއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާނަކީ ވެސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އެމްއެންޕީގައި އުޅުއްވި ބޭފުޅެކެވެ. އޭނާއަކީ މި ސަރުކާރު ގެނައުމަށް އެއްވެސް މަސައްކަތެއް އަމަލީ ގޮތުން ކުރެއްވި ބޭފުޅެއް ނޫނެވެ.
ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ނައިބުންގެ ގޮތުގައި އައްޔަންކޮށްފައިވާ ބޭފުޅުންގެ ތެރޭގައި، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައަށް ފަހު، 2014 ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގަައި އޭނާ ހުންނަވައިގެން ރިލްވާން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަން ދެއްކުމަށްޓަކައި ފުލުހުންތަކަކާ ގުޅިގެން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް، މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން މައްސަލަ ބަލަން ފެށުމުން ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހަސަން އަލީ ހިމެނެ އެވެ.
ފަނޑިޔާރު ހަސަން ހައި ކޯޓަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރު އެވެ. އޭގެކުރިން ހައި ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އޭނާ އަދާ ކުރެއްވި އެވެ.
މީގެ އިތުރުން ބަރަހަނާ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި އާއްމުވި ދެ މީހަކު ވެސް މިނިސްޓަރުގެ ނައިބުންގެ ގޮތުގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް އައްޔަންކޮށްފައިވެ އެވެ. މީގެ އިތުރުން ކުރިން ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ވެސް މިނިސްޓަރުގެ ނައިބުގެ ގޮތުގައި އައްޔަންކޮށްފައިވެ އެވެ.
މިނިސްޓަރުގެ ނައިބުންގެ ގޮތުގައި އައްޔަންކުރާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ގާތްގަނޑަކަށް 35،000ރ. ލިބެ އެވެ.
މި ސަރުކާރުގެ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ އިތުރުން އެހެން ބައެއް މިނިސްޓްރީތަކަށް ވެސް ނައިބުންގެ ގޮތުގައި 4 ބޭފުޅުން އައްޔަންކޮށްފައިވެ އެވެ.
ހޯމް ލޭންޑް ސެކިއުރިޓީގައި މިނިސްޓްރީއަށް ނައިބުންގެ ގިނަ އަދަދެއްގެ ބޭފުޅުން އައްޔަންކޮށްފައިވާތީ ސޯޝަލް މީޑިއާގައި އަންނަނީ ފާޑުކިޔަމުންނެވެ.