
ދައްކަން މިއުޅެނީ އެހާ ފަސޭހަ އަދި ގަބޫލުކުރަން ވެސް އެހާ ފަސޭހަ ވާހަކަ ތަކެއް ނޫނެވެ. ނަމަވެސް ދިވެހި ގައުމު މިދާ މިސްރާބުން މި ވާހަކަތައް ދައްކަން މަޖުބޫރުވެގެން ދައްކާ ވާހަކަ ތަކެކެވެ. މީހުންގެ ވާހަކަ މިގޮތަށް ދެއްކުމަކީ ރަނގަޅުކަމެއް ނޫންކަން އެނގިހުރެ އަދި ފާފަފުއްސެވުމަށް ދުޢާކުރާ ހާލު މިވާހަކަ ފަށައިގަންނަމެވެ.
މިއީ ހއ ވަށަފަރު އައްޝައިހް ހުސައިން އަބްދުއްރަހްމާންގެ ހުރި ހަމައެކަނި ދަރި މ. ދިމްޔާތު ޑރ މުހައްމަދު މުއިއްޒުގެ ވާހަކައެވެ. މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ނަތީޖާ ނިކުންނަ ގޮތަކުން މާދަމާ މިގައުމުގެ ހުންގާނު ހިފާން ހުންނާނެ މީހާގެ ވާހަކައެވެ. އަޅުގަނޑު މިއީ ކާކުތޯ ބެލުން އެހާ މުހިއްމެއް ނޫނެވެ. ނަމަވެސް މިވާހަކަތައް ކިޔައިފިނަމަ އެހެން މީހަކަށް އަޅުގަނޑުމީ ކާކުކަން ނޭންގުނު ނަމަވެސް މުއިއްޒުއަށް ޔަގީނާއި ގާތަށް އަޅުގަނޑުމީ ކާކުކަން ފަހުމްވާނެއެވެ. އަދި މުއިއްޒުއަށް ވެރިކަން ލިބިއްޖެ ނަމަ އަޅުގަނޑު ހިފާ ހައްޔަރުކޮށް ޖަލަށްލާ އެތައް އަނިޔާއެއް ދޭން އަވަސްވެ ގަންނާނެކަންވެސް އެނގިހުރެ އުއްމަތުގެ ހައްގުގައި ގައުމުގެ ހައްގުގައި މި މައުލޫމާތު ހިއްސާ ކުރަމެވެ.
މުއިއްޒަކީ ހެޔޮލަފާ މާ ރަނގަނޅު މީހެއްކަމަށް ބަޔަކަށް ފެނުނު ނަމަވެސް ދެމޫނުގެ ވެރިއެކެވެ. މައްކާރު ހިޔަޅު އިޔަހޫދީ ބޮޑު ވަގެކެވެ. ހަމަ ވިސްނުމުން ވިސްނާ އަންނަނިވި ވާހަކަތަކާމެދު އެކަނިއިނދެ ފުންކޮށް ވިސްނާލުމުން މިދައްކާ ވާހަކަ ސާފުވާނެއެވެ.
މުއިއްޒުގެ ތަގުވާވެރިކާމާއި ދީނަށް ލޯބިކުރާ މިންވަރު ވަޒަންކޮށްލާށެވެ.
އަޅުގަނޑު ކުރިން ދެންނެވިހެން މުއިއްޒަކީ ގައުމު ނުދެކޭފަދަ އިލްމުވެރި ބޭފުޅެއްގެ ދަރިއެކެވެ. އަނބިކަނބަލުން ސާޖިދާ މުހައްމަދަކީ ހިންނަވަރު ބޮޑުޝެއިހް މަޝްހޫރު ބާބުލްއަވާލީ ޝެއިހްގެ އަންހެން ދަރިފުޅެވެ. އަޅުގަނޑު ހިތުން ދީނަށް ލޯބިކުރާ އުމުރުން 25 އަހަރުން މަތީގެ އެތައް ޒުވާނުންނާއި މެދު އުމުރުގެ މީހުން އަދި ދުވަސްވީ މީހުނަށްވެސް ބާބުލްއަވާލީ ޝައިހް ނޯޅޭނެއެވެ. އަދި ޝައިހްގެ ގެއާއި އާއިލާއެއްވެސް ނޯޅޭނެއެވެ.
ޝައިހަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ދީނީ ވާހަކަ ދައްކައިގެން އެތައް ފަހަރަކު ޖަލަށް ލެވި އަނިޔާ ލިބުނު ބޭފުޅެކެވެ. އަޅުގަނޑަކީވެސް ޝައިހާއެކު އެތައް ފަހަރަކު ހައްޔަރު ކުރެވުނު މީހެކެވެ.
ޝައިހް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއްކަމަކީ އައުރަ ނިވާކުރުމުގެ މައްސަލައެވެ. އެންމެ ގިނައިން ޖަލަށް ގެންދެވިފައިވަނީވެސް މައުމޫނުގެ އަނބި ނަސްރީނާއައި އަންހެން ދަރިން އައުރަ ނިވާ ނުކުރާކަމަށް ދެއްކުނު ވާހަކަތަކުގެ ސަބަބުންނެވެ. އެހެން ގޮތަކަށް ބުނާނަމަ ހިޖާބު ނުވެ ބުރުގާ ނާޅާތިބޭކަމަށް ބުނާ މައްސަލާގައެވެ.
ޝައިހްގެ ގެ ބާބުލް އަވާލީއަށް ޒިޔާރަތްކުރާ އެއްވެސް މީހަކަށް އޭރުވެސް އެގެއިން މޫނު ބުރުގާ އެޅި ކަނބަލަކު ނޫނީ ބައްދަލެއް ނުވާނެއެވެ. އަނބިކަނބަލުންނާއި ދަރިންގެ އަނބިންނާއި ދަރިން ވިޔަސްވެސް މެއެވެ. ސާޖިދާއަކީވެސް އެގޮތުން މޫނު އަޅުއްވައިގެން އުޅުއްވި ކަނބަލެކެވެ.
ނަމަވެސް ޝައިހް އަވަހާރަ ވުމުން މުއިއްޒުގެ ނުފޫޒުން ސާޖިދާ މޫނު ބުރުގާ ނަގަން ޖެހުމަކީ މުއިއްޒުގެ ތަގުވާވެރިކަން ހުރި މިންވަރެވެ. އިލްމުވެރިއަކު އަންހެން ދަރިއަކު އިތުބާރާއިއެކު ފިރިހެނަކާއި ހަވާލުކުރުމުން ޖެހީ ކޮޅުފައިންނެވެ. އެވަރުން ފުދުނީއެއް ނޫނެނެވެ. މިއަދު މުއިއްޒުގެ ދުނިޔަވީ އެދުމަކަށް ސާޖިދާ ނެރެ މަގުމަތީގައި ކާޅެއްހެން ހިންގުވަނީއެވެ. ސާޖިދާގެ ބައްޕަ ޝައިހް މިއަދު ދުނިޔޭގައި ހުންނެވި ނަމަ ކަރުނައަޅާ ރޯނެކަން އަހުރެން ހެކިވަމެވެ.
މުއިއްޒުގެ ބައްޕަ ޝައިހް އަބްދުއްރަހްމާން އަވަހާރަވީ 2015 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް މައްކާގައި ހުންނަވަނިކޮށެވެ. މުއިއްޒުވެސް އޭރު ވީއައިޕީގައި މައްކާގައި ހުންނެވިއެވެ. ބައްޕަގެ ޖަނާޒާގައި ބައިވެރިވިންތޯ މުއިއްޒުއާ ސުވާލުކޮށްބަލާށެވެ. އޭނާއަށް ހެއްދެވި ފަރާތް ހެކިކޮށް މި ސުވާލަށް ޖަވާބެއް ނުދެވޭނެއެވެ.
މުއިއްޒު ބޮޑުވެ މީހަކަށްވީ ބައްޕަ އަރިހުގައެވެ. ދޮން މަންމަގެ އޯގާތެރިކަމުގައެވެ. ދޮންމަންމަ އަކީ އަވަށްޓެރި ސްރީލަންކާއަށް ނިސްބަތްވާ ހުލްގުހެޔޮ ކަނބަލެކެވެ. އެކަމަނާ މުއިއްޒު ބެލީ އަމިއްލަ ދަރިއެއް ފަދައިންނެވެ.
ނަމަވެސް ބައްޕަ އަވަހާރަވުމުން މުއިއްޒުގެ ވަޒީރު ކަމުގެ ނުފޫޒުން ދޮންމަންމަ ޑީޕޯޓްކޮށްލީ ނިކަމެތިކަމާއި އެކުގައެވެ. އިމިގްރޭޝަންގެ ލިއުންތަކުން ފެންނަ ގޮތުން އެކަމަނާ ފޮނުވާލީ ދެން ރާއްޖެ ނާދެވޭ ގޮތަށެވެ. ސަބަބަކީ މުއިއްޒުގެ ބައްޕަގެ މިލްކިއްޔާތުން ހަލާލުބައި ދޭން ޖެހުމެވެ. މިބުނީ ދޮޅަހަކަށް ރުފިޔާ ނުދޭ ވާހަކައެއް ނޫނެވެ.
އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތަށް ދޮން މަންމައަށް ހަލާލުބައި ދިން ނަމަ، މ ދިމްޔާތު މިއަދު މުއިއްޒުގެ އެކަނި މިލްކަކަށް ނުވާނެކަން ބުއްދި ހަމަޖެހޭ ކޮންމެ މީހަކު ދަންނާނެއެވެ. ދާދިފަހުން މުއިއްޒު ރާއްޖޭގެ ނޫހެއްކަމަށްވާ އަދަދު ނޫހަށް ދިން އިންޓަވިއުގައި އޭނާ ދިމްޔާތު ހަދަން ލޯނު ނެގި ވާހަކައަކާއި އެކަމަށް ދެއްކި ޑައުން ޕޭމަންޓް ދެއްކީ 2002 ވަނަ އަހަރުން ފެށިގެން ބައްޕަ ގޭގައި ރައްކާކޮށްގެން ގެންގުޅުނު ނަގުދު ފައިސާއިން ކަމަށް ވިދާޅުވިއެވެ. އެއީ އެތައް މިލިއަން ރުފިޔާއެކެވެ.
ޝައިހް އަބްދުއްރަހްމާނަކީ ބޭންކް އެކައުންޓްތައްވެސް ގެންގުޅުއްވި ބޭފުޅަކަށްވާއިރު، ނަގުދު ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ގޭގައި ގެންގުޅުއްވިއިރު، އެކައުންޓްތަކުގައި އެއަށް ވުރެ ގިނަ މިލިއަން ހުންނާނެކަމަށް ބެލެވެއެވެ. އެހެންކަމަށް ވާއިރު ދޮންމަންމަ ޑީޕޯޓްކޮށްލިއިރު އެފައިސާއިން ދިން ހަލާލުބައި ދައްކަން މުއިއްޒުއާ ސުވާލެއް ކޮށްލާށެވެ. ހަމަ ގައިމުވެސް ނަގުދު ފައިސާއިން ލަންކާއަށް ދިވެހި ރުފިޔާއެއް ނުގެންދާނެތާއެވެ. ނުވިތާކަށް ބޭރު ފައިސާއިންވެސް ޑިކްލެއާނުކޮށް ގެންދެވޭނީ 10 ހާސް ޑޮލަރެވެ.
އެހެން ކަމަށްވާނަ ދޮންމަންމައަށް ދިން ހަލާލުބައިން ބޭރަށް ފޮނުވި ޑިކްލެއާކޮށްފައިވާ ފައިސާގެ ތަފްސީލެއް ނުވަތަ ޓްރާންސެކްޝަނެއްގެ ލިޔެކިއުން މުއިއްޒު އަތުގައި ހުންނަވާނެއެވެ. އަދި މުދާ ބެހުމާއި ހަލާލުބައި ކަނޑައެޅުމަށް ކޯޓުން ކޮށްފައިވާ ހުކުމެއްވެސް އޮންނަން ވާނެއެވެ. އިސްލާމްދީނުގައި މުއިއްޒުގެ ދޮންމަންމައަށް ހަލާލުބަޔާއި ވާރުތަ މުދާ ދޭން އޮންނަނީ މުއިއްޒުގެ ބާރުގެ ބޭނުންކޮށްގެން މުއިއްޒު ބޭނުންވާ ގޮތަކަށް ނޫނެވެ. މުއިއްޒުއަށް ޗެލެންޖް ކޮށްފައި ބުނަމެވެ. ދޮންމަންމަ ނިކަމެތިކޮށްލާ ޑީޕޯޓްކޮށްލިއިރު، ހަލާލުބައި ދިން ކަމުގެ ހުކުމެއްވެސް ލިޔެކިއުމެއްވެސް ދައްކަބަލާށެވެ. ނުދެއްކޭނެއެވެ. މުއިއްޒުގެ ތަގުވާވެރިކަން މިކަމުން ސާފުވާނެކަމަށް ދެކެމެވެ.
މުއިއްޒުގެ މެއިޑްގެ ކުއްލި ދަންޖެހުން, ފޮރުވިފައިވާ އެތައް ސުވާލެއް!
ޑރ. މުއިއްޒުގެ ގޭގެ މެއިޑު ކުއްލި ގޮތަކަށް ދަންޖެހި މަރުވެފައި ހުއްޓާ ފެނުނު ހާދިސާގެ ތަހްގީގު މިވަނީ މުއިއްޒު ބޭނުންވާ ގޮތަށް ނިންމާލާފައެވެ. ޝައްކާއި ވަހުމުން ހިމެނޭ އެ މައްސަލަ އޮތްބާލަން މާބާރުގަދަ އަތަކުން މަސައްކަތް ކުރީ ކީއްވެ ހެއްޔެވެ.
އެންމެ ރަނގަޅެވެ. މުއިއްޒުގޭގައި ގެންގުޅުނު މެއިޑް މަރުވީ ދަންޖެހިގެންނެވެ. ފުލުހުންގެ ތަހުގީގުވެސް އެތީ އެގޮތަށެވެ. މުއިއްޒުގެ އާރާއި ބާރު އޭރު އޮތް މިންވަރު އެސަރުކާރުގެ ނުފޫޒު އޭރު ފުލުހުންގެ މައްޗަށް އޮތްވަރުން އެފަދަ ގޮތަކަށް އެކަން އެއޮތީ ނިންމާލާފައެވެ.
ނަމަވެސް މެއިޑްގެ އާއިލާއިން މިއަދުވެސް ބުނަމުން އެދަނީ އޭނާ އަމިއްލައަށް މަރުވި ނަމަ އެކަން ކުރަން ޖެހުނު ސަބަބު ދައްކާށެވެ. މަރުވިއިރު މެއިޑް ބަނޑުބޮޑުކަމަށް ދައްކާވާހަކަތަކުގެ އަސްލެއް ހޯދަން އާއިލާއިން އުޅެނީ ކޮންމެވެސް ކަމެއް އެމީހުންނަށްވެސް ޝައްކުވާތީކަމަށް ބެލެވެއެވެ.
މުއިއްޒުގެ އާއިލާއާއެކު ނޫންގޮތަކަށް ގެއިން ބޭރަށް ނުނިކުންނަ މެއިޑް ބަލިވެއިނީ ކާކަށްތޯ ބަލަން އާއިލާއިން ބޭނުންވަނީ ކީއްވެތޯއެވެ. އޭނާ ބަނޑުބޮޑުކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށް އަދި މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ނުހަދާ އެކަން ހިއްދާލާ ނިންމާލީ ކީއްވެތޯ އާއިލާއިން ސުވާލުކުރާތާ އެތައް އަހެއް ވީއެވެ. މި ސުވާލަށް މިއަދު މުއިއްޒު ޖަވާބެއް ދޭން އެބަ ޖެހެއެވެ.
މި މައްސަލައަށް ފަހު މެއިޑް އާއި ރައްޓެހިވެގެން އުޅުނު ބިދޭސީ މީހާ ފުލުހަށް ގޮސް ބަޔާން ދިނެވެ. އެ ބިދޭސީ މީހާގެ ބަޔާނުގައި އެގޭ ތެރޭގައި ކަން ހިނގަމުން ދިޔަ ގޮތް ފުލުހުންނަށް ދިނެވެ. މެއިޑް ބަޑުބޮޑުވި ވާހަކަ އާއި އެކަމާއި ބޯގޮވައިގެން އުޅުނު ވާހަކަ ކިޔައިދީފައިވާނެއެވެ. އަދި މެއިޑް ދަން ޖެހުނު ކަން ފުރަތަމަ މުއިއްޒުއަށް އެނގުނީ ކިހިނެއްތޯ ވެސް ބިދޭސީ މިހާގެ ބަޔާނުގައި ބުނެފައިވާނެއެވެ.
މެއިޑްގެ ހަގީގަތް އެނގޭ ބިދޭސީ މިހާ ފުލުހުންނަށް ބަޔާނެއް ދިން ކަން މުއިއްޒުއަށް އެނގުނު ހިސާބުން އެ ބަޔާނަށްވީ ގޮތް އޭރުގެ ޕޮލިސް ކަމިޝްނާ އަބްދުالله ރިޔާޒާއި މުއިއްޒުއަށް އެނގޭނެއެވެ.
އެންމެ ފަހުން ބަޔާންދިން ބިދޭސީ މީހާ މިގައުމުން ވަނީ ޑީޕޯޓުކޮށްލާފައެވެ. ޑރ. ވަޙީދުގެ ވެރިކަމުގެ އާރާއި ބާރުގައި މުއިއްޒު އެ މައްސަލައަށް ވެސް ފަސް އަޅައި ފޮރުވާލިއެވެ. މުއިއްޒު ދަންނަ ބައެއް މީހުން ބުނާ ގޮތުގައި ބިދޭސީ މީހާ ރާއްޖެއިން ޑީޕޯޓުކޮށްލި ކަން އެނގުނު ހިސާބުން މެއިޑްގެ މަރުގައި ޝައްކުތަކެއްވާކަމަށް އެމީހުންނަށްވެސް ގަބޫލު ކުރަން ޖެހުނެެވެ.
ގަބޫލުކުރަން ދަތި މުއިއްޒުގެ ސިހުރު ހާހޫރައިގެ ކުޅިވަރު!
އަޅުގަނޑު ދަންނަ މުއިއްޒަކީ ސިހުރު ހާހުރައާއި ކުރިން ރަށްޓެހި މީހެއް ނޫނެވެ. ނަމަވެސް މުއިއްޒު މިކަމުގެ ތެރެއަށްވަނީ މާލޭ ސިޓީގެ މޭޔަރުކަން ލިބި، ރާއްޖޭގެ ރައީސް ކަމުގެ ހުވަފެން ދެކެން ފެށި ހިސާބުންނެވެ.
މޭޔަރުކަން ލިބުނު ހިސާބުން މުއިއްޒުވަނީ ރައީސްކަމުގެ ހުވަފެން ދެކި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެކަން ސާބިތުވަނީ އެކަމާ ނޫޅޭކަމަށް ތަކުރާރުކޮށް ބުނަމުންގޮސް ހަނި ފުރުސަތެއް ލިބުމުން ޕީއެންސީއަށް ބަދަލުވެ ޓިކެޓް ދަމައިގަތުމެވެ. އެކަމުގައި މުއިއްޒުއަށް އެންމެ ވަފާތެރި މަސައްކަތެއް ކޮށްދެމުން ގެންދިޔައީ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒްއެވެ. މިކަން ވަކިހިސާބަކުން ފަޅާއެރުމުން ޕީޕީއެމުން މިމައްސަލަ ބަލަންފެށުމުން އާދަމް ރަމީޒް ވަނީ އެޕާޓީން ވަކިވެފައެވެ.
ޓިކެޓް ހޯދުމަށް ކުޅުނު ސިހުރުގެ ކުޅިވަރުގެ އެންމެ އިސް މޭސްތިރިއަކަށް ހުރީވެސް ރަމީޒް އެވެ. ރަމީޒް ވަނީ މިކަމުގައި އިންޑިއާގެ ސިހުރުވެރިއެއްކަމަށްވާ ދަނޭޝް ގުބޭއާއި މިދިޔަ ތިން އަހަރެއްގެ ތެރޭގައި އެތައް ފަހަރަކު އަވަށްޓެރި ސްރީލަންކާގައި ބައްދަލުކޮށްފައެވެ. ރަމީޒު ލަންކާއަށްދާ ކޮންމެ ފަހަރަކު ގަނޭޝްވެސް ލަންކާއަށް ދިއުމަކީ އިއްތިފާގެއް ނޫނެވެ. އެއީ ރަމީޒު އިންޑިއާއަށް ދާން ބޭނުން ނުވާތީ ރޭވިގެން ދަތުރު ހަމަޖައްސާގޮތެވެ.
ދަނޭޝްއާއި ރަމީޒުގެ މީޓިން ތަކަށްފަހު، ސިހުރު ހަދަން ބޭނުންވާ ޕޮއިންޓްތައް ފާހަގަ ކުރުމާއި އެކަން ކުރާނެގޮތް ބެލުމަށް ދަނޭޝްވަނީ ރަމީޒުއާއެކު 2021 ވަނަ އަހަރު މާލެވެސް އައިފައެވެ. އިމިގްރޭޝަން ލިއުންތަކުން ފެންނަގޮތުގައި ދެމީހުން ދަތުރުކުރީވެސް އެއް ފްލައިޓަކުންނެވެ. އެއީވެސް އިއްތިފާގެއް ތޯއެވެ.
ެގޮތުން ސިހުރު ކާންދިނުމާއި ސިހުރު ވަޅުލުމަށް ދަނޭޝް ހެދި ޕްލޭންގެ ތެރެއިން 375 ބަކަރީގެ ލެއާއި މަސް ބޭނުންވެއެވެ. ލޭ ބޭނުންކުރީ ތިމަރަ ބޯޅަތަކެއްގައި ލޭބަންދުކޮށް ވަޅުލުމަށެވެ. މަސް ބޭނުންކުރީ މީހުންނަށް ކާންދިނުމަށެވެ. އެ މަސް ކާންދިނުމުގައި ޕީޕީއެމް ޕީއެންސީގެ ސެނެޓްގެ މެމްބަރުންނަށް އިސްކަން ދިނެވެ. ވަކި ދުވަސް ވަރެއްގައި ގެރިމަހުގެ ނަމުގައި ޕީޕީއެމްގެ ސެނެޓްގެ ބައެއް މެމްބަރުންނަށް ރަމީޒުގެ ފަރާތުން ބަކަރިމަސް އެކުލެވޭ ކެއުން ލިބުނުކަން މިހާރު ސާފުވެއެވެ. މި މަސްވަނީ އެއާޕޯޓްގެ މުވައްޒަފުންން ކެއުމަށް ބޭނުންކުރި ބައެއް ކާތަކެއްޗަށްވެސް އަޅާފައެވެ. އެވާހަކަ ފަހުން އަންނާނެއެވެ. އެއީ އީދަށް ކަތިލަންކަމަށް ބުނެ ގެނައި ބަކަރީގެ މަހެވެ.
ސިހުރު ވަޅުލުމަށް ބޭނުންވާ ޕޮއިމްޓްތައް ދަނޭޝް ފާހަގަ ކުރުމުން އެކަން ކުރުމަށް މުއިއްޒު ޖެހި ރޮކެޓަކީ މާލޭގެ ވަކި ސަރަހައްދު ތަކެއްގައި ކަދުރު ރުއް އިންދުމެވެ. އެގޮތުން އިންދި ކަދުރު ރުއްތަކުގެ ތެރެއިން 11 ރުކެއް އިންދުމުގެ ކުރިން މިބުނެނުވު ސިހުރު ތިމަރަ ބޯޅަތައްވަނީ އެތަންތަނުގެ އަޑީގައި ވަޅުލާފައެވެ. އެކަން ޔަގީން ކުރުމަށް ހުދު މުއިއްޒު އެތަންތަނަށް ދިޔައެވެ. ކަދުރު ރުއްތައް ނެތް ބައެއް ޕޮއިންޓްތަކުގައިވެސް މިބުނެވުނު ސިހުރު ވަޅުލިއެވެ. އެކަމަށް ދަނޭޝްގެ ޓީމުގެ 7 މީހަކު މާލޭގައި ގާއިމްވެ ތިބުމަށް ބޭނުންވާތީ އެމީހުނަށް ވަޒީފާ ހަމަޖެއްސީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޓްގައި ތިބި މުއިއްޒުގެ އެޖެންޓުން މެދުވެރިކޮށް އެތަނުންނެވެ. މިއަދު މުއިއްޒުގެ ކެމްޕެއިންގައި އެއާޕޯޓްގެ ވެރިންގެ ފެންވަރުގެ އެމީހުން ފާޅުގައި ހަރަކާތްތެރި އެވަނީ އިއްތިފާގަކުން ނޫނެވެ. އެއާޕޯޓް މުވައްޒަފުންނަށް ސިހުރު ހަދާފައިވާ ބަކަރިމަސް ކާން ދިނުމުގައި އިސްކޮށް އުޅުނީވެސް އެތާގެ ވަޒީފާގައިތިބި ދަނޭޝްގެ ޓީމުގެ އިންޑިއާގެ ހަތް މީހުންނާއި އެއާޕޯޓްގެ މިދެންނެވި ވެރިން ގުޅިގެންނެވެ.
މި ބުނެވުނު ދަނޭޝް އޭނާގެ ފައްޅީގެ މަސައްކަތެއްގައި ކަމަށްބުނެ، ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް މާލެވެސް އައެވެ. ނަމަވެސް އެކަން ފަޅާއެރުމުން ސަރުކާރުގެ ސަމާލުކަމަށް އެކަން އައިސް އޭނާ ވަނީ ޑީޕޯޓްކޮށްލާފައެވެ. ނަމަވެސް އޭނާގެ ޓީމުގެ 7 މީހުން އަދިވެސް އެއާޕޯޓްގެ ވެރިންގެ ހިމާޔަތުގައި އެބަތިއްބެވެ.
މުއިއްޒު މިއަދުވެސް ގަބޫލުކުރަނީ އޭނާއަށް އިދިކޮޅު ރިޔާސީ ޓިކެޓް ލިބުނީ މިބުނާ ދަނޭޝް މެދުވެރިކޮށް ހެދި ސިހުރުގެ ސަބަބުން ކަމަށެވެ. ހަގީގަގުގައި ރައީސް ޔާމީނަށް މިކަން މާބޮޑަށްވެސް އެނގޭނެއެވެ.
މާލޭ ރައްޔިތުންނަށް ދިން ގޯތިތައް މުއިއްޒުގެ ވެރިކަމެއްގައި އަތުލުމުގެ ރޭވުންތައް
މާލޭ ރައްޔިތުންނަށް ހުޅުމާލެއާއި ގުޅީފަޅު އަދި ގިރާވަރު ފަޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދަނީ ގޯތި ދެއްވަމުންނެވެ. މިއީ މުއިއްޒުމެންކަހަލަ މަހުޖަނުންނަށް އެހާ ހިތައް ފަސޭހަ ކަމެއް ނޫނެވެ. މުއިއްޒުގެ ވެރިކަމެއްގައި އެ ގޯތިތައް އަތުލާނެކަމަށް ގާތް މީހުން ކައިރީވަނީ ސާފުކޮށް ބުނެފައެވެ. އަދި ހުޅުމާލެއާއި ގުޅީފަޅު ތަރައްގީގުރާނީ ރައީސް ޔާމީންގެ މާސްޓަޕްލޭނަށްކަމަށް މުއިއްޒު ކެމްޕެއިން ޖަލްސާތަކުގައި ގެންދަވަނީ ވިދާޅުވަމުންނެވެ. އެބުނާ މާސްޓަޕްލޭނެއްގައި ހުޅުމާލެއާއި ގުޅީފަޅުން ރައްޔިތަކަށް އެންމެ ގޯއްޗެއްވެސް ދިނުމަކަށް ނެތެވެ.
މާލޭ ސަރަހައްދުން ގޯތިތައް ލިބުނު މީހުންގެ ގޯތި އަތުލުމަށްފަހު އެމީހުންނަށް ގޯތި ދިނުމަށް މުއިއްޒު ރާވާފައިވަނީ ފުށިދިއްގަރު ފަޅުންނެވެ. ކެމްޕެއިންގައި މުއިއްޒުވަނީ ފުށިދިއްގަރުފަޅު ހިއްކާ އެތަން އާބާދު ކުރާނެކަމުގެ ވައުދުވެސް ވެފައެވެ. އެފަޅަކީ ފެތީގައި މާލެއިން ފުރައިގެން 45 ވަރަކަށް މިނެޓްގެ ރާސްތާއެކެވެ. މޫސުމްގޯސް ހާލަތެއްގައި ނަމަ ގަޑިއެއްގެ އިރަށް ވުރެ އިތުރުވާނެއެވެ. މުއިއްޒުގެ ވެރިކަމެއްގައި މާލޭ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އެއް ހަދިޔާއަކަށް މިކަން ވާނެއެވެ.
ފްލެޓް ލިބުނު މީހުންނާއި ހިޔާ ފްލެޓް ލިބުނު މީހުންނަށް ދައްކާ ދޮގު ހުވަފެން
ހިޔާ ފްލެޓް ލިބުނު މީހުނަށް މުއިއްޒު ދައްކާ އެންމެބޮޑު އެއް ހުވަފެނަކީ ހިޔާގެ ފިނިޝިންއަށް ދިޔަ ހަރަދުން ދެ ލައްކަ ރުފިޔާ ދޭނެކަމަށާއި ފްލެޓްގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދޭނެކަމުގެ ވާހަކަ އެވެ. އެކަން އޭނާ ކޮއްދީފާނެއެވެ. ނަމަވެސް ހަގީގަތަކީ ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ނުނިންމާ ފްލެޓްތައް މީހުނާއި ހަވާލުކުރަން ޖެހުނީ މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި އެކަމަށް ބޭނުންވާ ފައިސާ ފްލެޓްއެޅި ކުންފުންޏަށް ނުދިނުމާއި ފިނިޝިން ނިންމަށް އެގްރިމެންޓްގައި ލިޔެފައިވެސް ނެތުމެވެ. ނަތީޖާއަކަށްވީ އަމިއްލައަށް ފްލެޓްގެ މަސައްކަތް ނިންމަން ވެރިފަތާރަށް ޖެހުމެވެ.
މުއިއްޒުގެ މިހާރުގެ އަމާޒަކީ ދެ ލައްކަ ރުފިޔާ ދިނުމަށްފަހު ފްލެޓްގެ ކުލި 5600 ރުފިޔާއަށް ކުޑަކުރުން ކަމަށްވިޔަސް އެކަމުގެ ފަހަތުގައިވަނީ އެއަށްވުރެ ނުބައި ރޭވުމެކެވެ. މުއިއްޒު ރާވާފައިވަނީ ހިޔާ ފްލެޓްގެ ކުލި ކުޑަކޮށް މުއްދަތު 75 އަހަރަށް ދަންމާލާށެވެ. އެހެންކަމަށް ވެއްޖެނަމަ ފްލެޓް ލިބުނު މީހުންނާއި އެމީހުންގެ ކާފަ މުނިކާފަ ދަރިންނާއި ހަމައަށް ދާއިރުވެސް ފްލެޓްގެ އަގު ދައްކާ ނުނިމޭނެއެވެ. އަދި މިހާރު 1.3 މިލިއަން ރުފިޔާ ޖެހޭ އެޕާޓްމަންޓެއްގެ އަގު 5.1 މިލިއަން ރުފިޔާއަށް އަރާނެއެވެ. މުއިއްޒުގެ ވެރިކަމެއް އަތުވެއްޖެ ނަމަ ދުނިޔޭގައި ތިބި ބަޔަކަށް މިކަން ފެންނާނެކަމުގެ މުޖައްރިބު ޔަގީންކަން ދެމެވެ.
ދެން އޮތީ މިހާރު މި ސަރުކާރުން އަޅަމުންދާ ފްލެޓްތަކާއި ފްލެޓްތައް ލިބުނު މީހުނަށް މުއިއްޒުގެ ވެރިކަމެއްގައި ދޭނެ އަނިޔާގެ ވާހަކަ އެވެ. މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައިވަނީ ހުޅުމާލޭގައި ރައީސް ނަޝީދުގެ ވެރިކަމުގައި އެޅި ޗައިނާ ފްލެޓްތަކާއި މާލޭގެ އަރަބިއްޔާއާއި ގާކޮށީގައިއެޅި ފްލެޓްތަކާއި ގުޅީފަޅުގައިއެޅި ފްލެޓްތައް އެތަންތަން ލިބުނު މީހުންގެ އަތުން އަތުލައި މެޑަމް ފާތުންގެ އޮފީހުން ނެރުނު ލިސްޓަށް ފްލެޓްދީ ނިންމާފައެވެ. މުއިއްޒުގެ ވެރިކަމެއްގައިވެސް އެކަން އެމަގުން ހިނގާނެކަމީ އިރު ފެންނަ ފަދައިން ފެންނަން ހުރި ޔަގީންކަމެކެވެ. އެގޮތަށް އެކަން ވާން ބޭނުންތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުން އަމިއްލައަށެވެ.
މުއިއްޒުގެ ކެމްޕެއިނަށް ހަރަދު ކުރަނީ ކޮންބައެއް
މުއިއްޒުގެ ކެމްޕެއިނަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހަރަދު ކުރަމުންދާ އެއް ބަޔަކީ ޗައިނާގެ ޖަލުތަކުގައި މަރަމުންދާ މުސްލިމުން މެރުމުގައި ޗައިނާ ސަރުކާރާއި ބައިވެރިވާ އަދި އެކަން ކުރުމުގެ ޒިންމާ ނަގާފައިވާ ޗައިނާގެ ސްޓޭންޑާޑް ގާޑް ސާވިސް ޕްރައިވެޓް ލިމިޑެޓެވެ. މިއީ ޗައިނާގައި މުސްލިމުންނަށް އަނިޔާކުރަމުންދާ އެންމެ ނުބައި ބައިގަނޑެވެ. ނޫސްތަކުންނާއި ޓީވީތަކުންވެސް އަޑުއިވޭނޭގޮތުން އެމީހުން ވަނީ ރޯދަމަހު ދުވާލު ޗައިނާގެ މުސްލިމުންގެ ގެތަކަށް ވަދެ، މުސްލިމުންނަށް ރޯދަ ދޫކޮށްލުމަށް މަޖުބޫރުކޮށް ކަރަށް ރާއަޅައި މުސްލިމް އަންހެން ކުދިންގެ އިއްފަތް އެކުދިންގެ މައިން ބަފައިންގެ ކުރިމަތީގައި ރޯދަމަހުގެ ދުވާލު ފޭރިފައެވެ. މިއީ ވޭންހުރި މަންޒަރުތަކެކެވެ.
ރޯދަ ދޫކޮށްލާ ރާ ބުއިމަށް ދެކޮޅުފަދާ ކޮންމެ މުސްލިކަމު ގެންދަނީ މިމީހުންގެ ބެލުމުގެ ދަށުގައި ހުންނަ ޖަލަކަށެވެ. ދުވަސްކޮޅަކުން އެމީހުންގެ އާއިލާއާއި ހަވާލުކުރަނީ ފުރާނަނެތް މަސްގަނޑެވެ. މިހާރުވެސް މުއިއްޒަށް ޗައިނާއިން ދީފައިވާ ގިނަ ފައިސާ އައިސްފައިވަނީ މިބުނާ ކުންފުނި މެދުވެރިކޮށެވެ.
ދެން މުއިއްޒަށް އެންމެ ގިނަ ފައިސާ މިހާތަނަށް ދީފައިވަނީވެސް އެކުންފުނީގެ ވެރިޔާ Lei Wang PSD ގެ ދަރިއެއްކަމަށްވާ Lei Wang FD އާއި އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އެރިއަލް ޝެރޯންގެ ދަރިއެއްކަމަށްވާ Omri Sharon އާއި ދެމީހުން ބައިވެރިވެގެން ޗައިނާގެ ބާރުގެ ދަށުގައި އޮންނަ މަކާއޯގައި ހިންގާ ސެކިއުރިޓީ ކުންފުނި ގްލޯބަލް ސެކިއުރިޓީ ކިޔާ ކުންފުނިންނެވެ. މުއިއްޒުއަށް ކެމްޕެއިންކޮށް އެންމެބޮޑަށް ދޮގު ހަބަރު ފަތުރަމުންގެންދާ ދިޔަރެސް ނޫހަށް މަކާއޯގެ ގްލޯބަލް ސެކިއުރިޓީ ކުންފުނިން ކޮންމެ މަހަކު އެތައް ހާސް ޑޮލަރެއް ފޮނުވަމުން ގެންދިއުމަކީ އިއްތިފާގެއްކަމަށް ދެކިގެން ނުވާނެއެވެ.
ޕީޕީއެމް ޕީއެންސީ ސެނެޓް މުއިއްޒު ގަނެލިގޮތް
މިލިސްޓް ވަރަށް ދިގެވެ. ނަމަވެސް ކުރުކޮށް ދެތިން މީހެއްގެ ނަން ފާހަގަ ކޮށްލާނަމެވެ.
މުހައްމަދު ހުސައިން ޝަރީފް – މުންދޫދު: އޭނާއަށް ސިޓީ ކައުންސިލުން ކޮންސަލްޓަންޓެއްގެ ގޮތުގައި ސިޓީ ކައުންސިލުން ކޮންމެ މަހަކު އެތައް ހާސް ރުފިޔާއެއް ދަނީ ދެމުންނެވެ. ލިވިން އެލަވަންސާއި އެހެނިހެން އެލަވަންސްގެ ގޮގުގައި ކޮންމެ މަހަކު 175000 ރުފިޔާ، އަދި އަހަރަކު 2.1 މިލިއަން ރުފިޔާ ދަނީ ދެމުންނެވެ. މީގެއިތުރުން ސިޓީ ކައުންސިލްގެ ޕްރޮޖެކްޓްތަކުން މިލިއަނުން ކަޓުވެސް ދެމުން ގެންދެއެވެ.
ހޯރަފުށީ ސަމިއްޔާ: މާލޭގައި ބޮޑު އީދަށް ހަރުކުރި ލެޑް ގިޑިގެތައް ގެނައުމަށް ހަވާލުކޮށްފައިވަނީ ސަމިއްޔާއަށް ބައިއެޅޭގޮތަށް 1.9 މިލިއަން ރުފިޔާއަށެވެ. އެތަކެތި ހޯދުމަށް އިއުލާނު ކުރީވެސް ތަކެތި މާލެ ގެނައުމަށް ފަހުގައެވެ. އެކަން ކަސްޓަމްގެ ޑޮކިއުމަންޓްތަކުން ސާފުވާނެއެވެ. އެހެން ނޫނީ ޗައިނާއިން ހައްދައިގެން އެހާ ގިނަ ތަކެތި ހަތް ދުވަހުގެ ތެރޭގައި ރާއްޖެ ނުގެނެވޭނެކަން ކިރިޔާވެސް ވިޔަފާރިކުރާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެ ޕްރޮޖެކްޓުން ސަމިއްޔާއަށް އެއް މިލިއަން ރުފިޔާގެ ކަޓެއް ލިބުނުއިރު ތަކެތި ގެނައި ކުންފުންނަށް ލިބުނީ ނުވަ ލައްކަ ރުފިޔާއެވެ.
މީގެއިތުރުންވެސް މާލެ ތެރެ ބެލެހެއްޓުމަށްޓަކައި ކަމަށް ބުނެ ސަމިއްޔާ ބައިވެރިވާ ވިޔަފާރިއަކަށް ކޮންމެ މަހަކު ސިޓީ ކައުންސިލުން ގެންދަނީ 234000 ރުފިޔާ ދެ މުންނެވެ.
މިދެންނެވި ސަމިއްޔާއަކީ މުއިއްޒުއާއި ބައްދަލު ކުރުމަށް ސިޓީ ކައުންސިލަށް ދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކާއި ޒުވާބުކޮށް އެމީހާގެ ގަޔަށް މުއިއްޒު ކުޅުޖެހި މައްސަލާގައި، ސިޓީ ކައުންސިލްގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން އިހްތިޖާޖު ކުރުމުން މީޓިން ރޫމަށް އެ އަންހެނުންތައް ލާ ތަޅުލުމުގައި އިސްކޮށްހުރި މީހާއެވެ. މިމައްސަލާގައި މުއިއްޒުގެ ދިފާއުގައި މިހާރުވެސް ވާހަކަ ދައްކަނީ މި އަންހެންމީހާ އެކަންޏެވެ. މީނާއަކީ ވައިޑީސީގެ މެމްބަރެއްގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ތިމާގެ މީހެކެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު: މީނާއަކީވެސް މުއިއްޒުގެ ދީލަތިކަމުން ސިޓީ ކައުންސިލުން ބައި އެޅޭ ވަގެކެވެ. ސެކިއުރިޓީ ކޮންސަލްޓަންޓްގެ ގޮތުގައި މީނާއަށްވެސް މުސާރައާއި އެލަންސްގެ ގޮތުގައި މަހަކު 175000 ރުފިޔާ، އަހަރަކު 5.1 މިލިއަން ރުފިޔާ ސިޓީ ކައުންސިލްގެ ބަޖެޓުން ދަނީ ދެމުންނެވެ. މީގެ އިތުރުން މާލޭގެ ކާރުޕާކިން ޒޯންތަކުގެ ތެރެއިން މީނާއަށް 21 ޖާގަ ހިލޭ ދީފައި ވެއެވެ. އެއިން ކޮންމެ ތަނެއް އެހެން މީހުނަށް މަހަކު 10000 ރުފިޔާގެ މަގުން ކުއްޔަށް ދީގެން މީނާއަށް މަހަކު 210000 ރުފިޔާ ލިބެއެވެ. ހުރި ހަޔާތްކުޑަކަމެއްގެ ބޮޑުކަމާއެވެ.
މިގޮތަށް ކައުންސިލް ބަޖެޓް ކައި ހުސްކުރަމުން ގެންދަނީ ޕީޕީއެމް ޕީއެންސީގެ ސެނެޓަރުންނަށް ދީގެންނެވެ. އެ ދެޕާޓީގެ އާއްމު މެމްބަރުންނަށް އޮންނަނީ މަގުމަތީގައި މުޒާހަރާ ކުރުމާއި ފުލުހުންގެ މުގުރާއި ކަރުނަގޭހާއި ކުރިމަތި ލުމެވެ. ކައުންސިލުން ކައިގެން ތިބޭ ބައިގަނޑު ތިބެނޭ ފިނިކޮޓަރީގައި ކޮފީގައެވެ…މިހިސާބުން މި ބާބުވެސް ކުރުކޮށްލަމެވެ.
މުއިއްޒުގެ ކޮރަޕްޝަނުން ކުޑަ މިންވަރެއް
މުއިއްޒު މޭޔަރުކަމަށް އައުމަށްފަހު ހިންގި އެންމެ ބޮޑު އެއް ވައްކަމަކީ މާލޭގެ މަގުތަކުން ޕާކިން ޒޯން ވިއްކައިގެން ހިންގި ވައްކަމެވެ. އެގޮތުން ޕާކިން ޒޯނަށް ކުރިމަތިލާ ކޮންމެ މީހެއްގެ އަތުން 75000 ރުފިޔާގެ އެޑްވާންސް ޕޭމަންޓެއް ނަގައެވެ. އެއިން އެއްވެސް އެއްޗެއް ކައުންސިލްގެ ބަޖެޓަށް ނުވަދެ ވަންނަނީ މުއިއްޒުގެ ބޯއީ އާދަން ރަމީޒްގެ ތިޖޫރީއަށެވެ. އެގޮތުން މިހާތަނަށް 4100 ޕާކިން ސްލޮޓް ވިއްކާލައިގެން އާދަމް ރަމީޒްގެ ތިޖޫރީއަށް އެކަނިވެސް 307 މިލިއަން ރުފިޔާވަނީ ވަދެފައެވެ. ހުޅުމާލެއަށް މާލޭގެ ބޮޑު އާބާދީއެއް ބަދަލުވި ނަމަވެސް ނިކަމެތި ރައްޔިތުމީހާގެ ސައިކަލު ޕާކްކުރާނެ ޖާގަ ނުލިބި ސްޓިކާޖަހަން ދޫކޮށްލަން ޖެހިފައިވަނީ މި ކޮރަޕްޝަންގެ ސަބަބުން މާލޭގެ މަގުތައް ވިއްކާލުމުންނެވެ.
މިއީ ކުޑަ މިންވަރެކެވެ. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި މަސައްކަތްތަކުން މުއިއްޒު ޖީބަށް ކަހާލަނީ ކުޑަ މިންވަރެއް ނޫނެވެ. ދޮންމަންމަ އަށް ހަލާލުބައި ނުދިން ކަލޭގެ 14 ބުރިއަށް ގެހަދަން ފައިސާ ދެއްކީ 2002 ވަނަ އަހަރުން ފެށިގެން ގޭގައި ފޮރުވައިގެން ގެންގުޅުނު ފައިސާއިން ކަމަށް ބުނުމުން އެކަން ގަބޫލުކުރާނެ މީހަކު ހުންނާނެކަމަކަށް ނުބެލެވެއެވެ.
މީނާއަކީ އޭގެކުރިން ހުޅުމާލެއިން ރޯ ހައުސްއެއް ގަންނަން ވެގެން ފައިސާ ނެތިގެން ސަން ސިޔާމްގެ ކުންފުންޏަކުން އެއް މިލިއަން ރުފިޔާ ނެގިކަމަށް އެއްބަސްވި މީހެކެވެ. އިއްތިފާގުން ނަމަވެސް އެ ފައިސާ މުއިއްޒުގެ އެކައުންޓަށް ވެދެފައިވަނީ ޔާމީންގެ ވެރިކަމުގައި މުއިއްޒު އަދާލަތު ޕާޓީ ދޫކޮށް ޝިޔާމްގެ އެމްޑީއޭއާސް ސޮއިކުރި ހަފްތާގައެވެ. މިހާ ބޮޑު ވަގެއް ދޮގުވެރިއެއް ކޮރަޕްޓް މީހެއް ދެން ކޮށްފަ ނުކުރާނެކަމެއް ހުންނާނެތޯއެވެ. ދެކޭށެވެ ހުޅުމާލެ ބްރިޖްއެޅި ޗައިނާ ކުންފުންޏާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގި ކުންފުނިތަކުން މުއިއްޒުގެ އަމިއްލަ އެކައުންޓަށް ވަދެފައިވަނީ މަދު ލާރިއެއް ނޫނެވެ. އެއީ ކުލީގެ ފައިސާކަމަށް މުއިއްޒު ބުނި މަމަވެސް ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 120000 ރުފިޔާގެ ކުއްޔެއް ލިބޭނެކަމަށް ގަބޫލުކުރެވޭތޯއެވެ.
މުއިއްޒު ސިޔާސީ މަސައްކަތަށް ނިކުތީ ޖުމްހޫރީ ޕާޓީންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުން ހައުސިން މިނިސްޓަރުކަމަށް އަންނަން ވެގެން އަދާލަތު ޕާޓީއަށް ބަދަލުވީއެވެ. އޭގެފަހުން ޔާމީންގެ ވެރިކަމުގައި އަދާލަތު ކޯލިޝަން ދޫކޮށްލުމުން މަގާމު ދިފާއު ކުރަން ވެގެން ސަން ޝިޔާމްގެ އެމްޑީއޭއަށް ބަދަލުވެ އެމްޑީއޭ އެކޯލިޝަނުން ވަކިވުމުން އެންމެ ފަހުން ޕީޕީއެމްއަށްވެސް މުއިއްޒު ދިޔައީއެވެ. ރައީސް ޔާމީނަށް ލިބެން އޮތް ރިޔާސީ ޓިކެޓެއް ސިހުރު ހަދައިގެން ހޯދަން ކުރި މަސައްކަތުގެ ތެރެއިން ޕީއެންސީއަށް ބަދަލުވެ އަމިއްލަ އެދުން އިސްކޮށް ބާޒެއްހެން ޓިކެޓްވެސް ޖަހާގަތީއެވެ.
އެވަރުން ފުދުނީއެއް ނޫނެވެ. ރައީސް ޔާމީންގެ ހައްގެއް ގެއްލުވާލިކަމަށް އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވަނީ އިންސާފުން ބޭރުންކަމަށް ޕީޕީއެމް ޕީއެންސީގެ ސެނެޓަށް ފެންނަނަމަ ރިޔާސީ އިންތިހާބު ބޮއިކަޓްކުރުމަށް ރައީސް ޔާމީން އާދޭސް ދެންނެވުމުންވެސް އެއްކަލަ ގަނެފައިވާ ސެނެޓަރުން މެދުވެރިކޮށް ރައީސް ޔާމީންގެ މޫނުގައި މުއިއްޒު ޖެހީ ކޮޅުފައިންނެވެ. ނަތީޖާއަކީ ސެނެޓުން ގަބޫލުކުރަނީ ރައީސް ޔާމީގެ ހައްގެއް ނުގެއްލޭކަމާއި ރައީސް ޔާމީނަށް ހުކުމްކޮށްފައިވަނީ އިންސާފުން ކަމެވެ. މިއަދު އެހެން ގޮތެއް ނެތުމުން ރައީސް ޔާމީން މިވާހަކަ ނުދައްކަވާހުރި ނަމަވެސް ޖަލުން ނިކުމެވަޑައިގެން ރައީސް ޔާމީން މިމޭރުމުން މިވާހަކަ ދައްކަވާނެ ދުވަހެއް އަންނާނެކަން ޔަގީނެވެ.
މުއިއްޒާއި ގޭންގްތައް އަދި މަސްތުވާތަކެތި
އަޅުގަނޑު ދަންނަ މުއިއްޒުއަކީ ގޭންގްތަކާއި ސީދާ ގުޅުން އޮންނަ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި ސީދާ ގުޅުން އޮންނަ ބޭފުޅެއްކަމުގެ ހެތްކެއް މިހާތަނަށް ފެންނާކަށް ނެތެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ހިންގަވްމުން ގެންދަވާ ހަރަކާތްތަކުގައި ގޭންގްތަކުގެ އިސްލީޑަރުންނާއި މަސްތުވާތަކެތީގެ ބޮޑުން ބައިވެރިވާކަން ފޮޓޯތަކުންނާއި ވީޑިއޯތަކުން އެބަ ފެނެއެވެ.
ުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކާއި ޑޯޓުޑޯ ހަރަކާތްތަކުގައި އަރިމަތިންނާއި ފުރަގަހުން ހިމާޔަތްދީ އަރިހުގައި ގޭންގުތަކުގެ އިސްމީހުން ހަރަކާތްތެރިވާއިރު، އޭގެތެރޭގައި ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން އެތައް ފަހަރަކު ހައްޔަރު ކުރެވި ޖަލަށް ލާފައިވާ މީހުން ހިމެނެއެވެ. އެގޮތުން މުއިއްޒުގެ އެންމެ އަރިހުގައި ހުންނަ އެކަކުކަމަށްވާ މަފާޒް އަކީ މަރުގެ މައްސަލަތަކުގައި މީގެ ކުރިން ޖަލަށްވެސް ލެވިފައިވާ މީހެކެވެ. އަދި މިހާރުވެސް އޭނާގެ މައްޗަށް މަރުގެ 7 ދައުވާއަކާއި މަސްތުވާތަކެތީގެ 18 ދައުވާއެއް ހިނގަމުން އެބަދެއެވެ. މަފާޒްގެ އަރިމަތިން މުއިޒުއާއިއެކު ފެންނަ ޗޯޓޭގެ މައްޗަށްވެސް މަރުގެ 2 ދައުވާއަކާއި މަސްތުވާތަކެތީގެ 5 ދައުވާއެއް ހިނގަމުން އެބަދެއެވެ.
މިމީހުންގެ އިތުރުން މުއިއްޒުގެ އަރިހުގައި ޑޯޓުޑޯގައި ހިނގަމުން ގެންދާ ގޭންގް ލީޑަރުންގެ ތެރޭގައި ރިލްވާން މަރާލި މައްސަލައާއި ޑރ އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހިމެނޭ އަދި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ހިނގަމުންދާ މީހުން ހިމެނޭކަން ސިއްރު ނުކުރެވޭވަރަށް ފޮޓޯތަކާއި ވީޑިއޯތައް އެހުރީ ފެންނާށެވެ. އަދި މުއިއްޒުގެ ކެމްޕެއިން ސައިކަލުބުރުތަކަށް މާލޭގެ ހުރިހާ ގޭންގެއް ޖަމާވާކަންވެސް ސާފެވެ. މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލާގައި އުމުރަށް ޖަލަށްލާފައިވަނިކޮށް ކޯޓުން އެދޫކޮށްލި ގޮތަކަށް ދޫކޮށްލި ހަތަރޭވެސް ޖަލުން ނިކުތްގޮތަށް މުއިއްޒުއަށް ތާއީދު ކުރާކަން އިއުލާނުކުރީ ކީއްވެތޯ ސުވާލު އުފެދެއެވެ. ހަމަ ގައިމުވެސް ގޭންގުތަކުން މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސާއި ހަވާލާދީ މިނިސްޓަރު އިމްރާން އެގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެހެން ވާހަކަ އެކެވެ. އެއް ގުރާމަށް ވުރެ ގިނައިން އަތުގައި މަސްތުވާ ތަކެތި ގެންގުޅޭ ނަމަ ކުށްވެރިވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް އޮތުން 14 ގުރާމަށް ބަދަލު ކުރުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާ ކެބިނެޓުން ފާސްކުރި ފާސްކުރުމަށް މުއިއްޒު ވޯޓްދިންކަން ޔައުމިއްޔާއިން އެނގެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުން މިއަދުވެސް އެ މައުލޫމާތު އެހުރީ ފެންނާނެށެވެ. ޕޮއިންޓަކީ 14 ގުރާމާއި ހަމައަށް މަސްތުވާތަކެތި އަތުގައި ގެންގުޅުން ކުށެއް ނޫންކަމަށް ގާނޫނުގައި ބަޔާންކުރީ މުއިއްޒުގެވެސް ބައިވެރިވުމާއިއެކު ރައީސް ޔާމީންގެ ކެބިނެޓުން ކަމެވެ.
އިންޑިއާ އައުޓާއި ހަޔާތް ކެނޑުން
ހިތަށް އަރައެވެ. މިހާ ގޮތްކުޑަ ހަޔާތްކުޑަ މުޑުދާރު ދޮގުވެރި ބައެއް އިސްލާމީ ދިވެހި އުއްމަތް ދުވަހަކުވެސް ދެކެފައިވާނެބާވައެވެ. އެހެނީ މިރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ތިބިކަމަށް ބުނެ، ދޮގުވާހަކަތައް މިމީހުން ދައްކާއިރު މި މައިގަނޑަށް އެކަމުގެ ހަގީގަތް ރަނގަޅަށް އެނގުމެވެ.
އިންޑިއާގެ މަދަނީ ސިފައިން ރާއްޖޭގައި ފުރަތަމަ ގާއިމްވީ ރެސްކިއު އޮޕަރޭޝަން ތަކުގައި ބޭނުން ކުރުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އެދުމަކަށް އިންޑިއާއިން ދިން ހެލިކޮޕްޓަރު ގެނައުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެކަން ހިނގާދިޔައީ ލައިވްޓީވީގައި ދެއްކި އެއްބަސްވުންތަކުގައި ސޮއި ކުރެވިގެންނެވެ. އޭރު ދިވެހި އަސްކަރިއްޔާގައި އަސްކަރީ ހެލިކޮޕްޓަރެއް އޮޕަރޭޓް ކުރެވޭނެ ތަމްރީން ހަދާފައިވާ ޕައިލެޓަކު ނެތުމުން އެއްބަސްވީ ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ދިވެހި ސިފައިން ތަމްރީން ކުރެވެންދެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާގެ މަދަނީ ސިފައިންގެ ފަސް މީހަކު ރާއްޖޭގައި ތިބުމަށެވެ. އެއީ އަސްކަރީ ސިފައިންނެއްވެސް ނޫނެވެ.
ނަމަވެސް 2012 ފެބްރުއަރީ 7 ގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާ އެކުލަވާލި މުއިއްޒުވެސް ހިމެނޭ ސަރުކާރާއި އަދި ޔާމީންގެ ސަރުކާރުވެސް ހިމެނޭގޮތުން މުއިއްޒު ވަޒީރުކަން ކުރެއްވި 7 އަހަރު ނިމިގެން ދިޔައިރު ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ދިވެހި ސިފައިންގެ އެއްވެސް މީހަކު ތަމްރީން ކޮށްފައެއް ނުވެއެވެ. އެކަން ރައީސް ޔާމީންވެސް ހުދު ވަނީ އަމިއްލަފުޅަށް ވިދާޅުވެފައެވެ. 'ހަވާލޭ ވަތަން' ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގެ މުއްދަތުގައި އެކަން ނުކުރެވި ވުމަކީ ހެދުނު ގޯހެއްކަމަށެވެ. ދެންވެސް ކޮސް ގޮވަންވީ ދޯއެވެ.
2012 ފެބްރުއަރީ 7 ގައި އުފެދުނު ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވީ ކާނަލް ނާޒިމް އެވެ. ނާޒިމްގެ ވެރިކަމުގައި ދެ ވަނަ ހެލިކޮޕްޓަރެއް ރާއްޖެ ގެނެސް އިންޑިއާ މަދަނީ ސިފައިންގެ އަދަދު ފަހަކުން 12 އަށް އިތުރު ކުރިއެވެ. އެއްބަސްވުންތަކުގައި ސޮއި ކުރެއްވީވެސް ހުދު ނާޒިމްއެވެ.
އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ހަމަ ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން އިންޑިއާއިން އިތުރު އަސްކަރީ މަތިންދާ ބޯޓެއް ގެންނަވާ އިންޑިއާ ސިފައިންގެ އަދަދު 12 އިން 25 އަށް އިރުރު ކުރިއެވެ. އޭރުވެސް އިންޑިއާ އައުޓެއް ނުގޮވައެވެ. މިހުރިހާ އެއްބަސްވުންތަކެއް ހެދި ސޮއި ކުރަންދެންވެސް އެންމެ ގާތުން ބަލަހައްޓަމުން އައީވެސް ޔާމީން އަށް ބޮޑުބޭބެ ވިދާޅުވާ އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. ބަޑިގުދަން ހުޅުވައިގެން އެތަނުން ފިސްތޯލައެއް ވަގަށް ނެގި މައްސަލާގައި ރައީސް ޔާމީންގެ ވެރިކަމުގައި ނާޒިމް ހިފާ ހައްޔަރުކޮށް ޖަލަށް ޖާންދެންވެސް ހުންނެވީ ޑިފެންސް މިނިސްޓަރުކަމުގައެވެ. އޭރުވެސް އިންޑިއާ އައުޓެއް ނުގޮވައެވެ.
ނާޒިމްގެ މިނިސްޓަރުކަމަށްފަހު ވަޑައިގެންނެވި އެއްވެސް ޑިފެންސް މިނިސްޓަރަކު އިންޑިއާގެ އިތުރު ވައިގެ އުޅަނދެއް ގެނައުމުގެ އެއްބަސްވުމެއްގައިވެސް އަދި އިންޑިއާ ސިފައިން އިތުރު ކުރުމުގެ އެއްބަސްވުމެއްގައިވެސް މިހާތަކަށް ސޮއި ކުރައްވާފައެއް ނުވެއެވެ. ރިޔާސީ ބަހުންގައި ރައީސް ސޯލިހްވަނީ އެކަން ވަރަށް ރަނގަޅަށް ސާފުކޮށްދެއްވާފައެވެ.
އެހެނެއްކަމަކު ހެލިކޮޕްޓަރާއި ޑޯނިއާ އެއާކްރާފްޓް ދުއްވަން ދިވެހި ސިފައިން ތަމްރީންކުރަން ފުރަތަމަ ފަހަރަށްވެސް ފަށާފައިވަނީ މިސަރުކާރުންނެވެ. އަދި ބަޑި ހިފައިގެން އަސްކަރީ ހެދުމުގައި އަސްކަރީ ހަރަކާތެއްގައި ރާއްޖޭގެ އެއްވެސް ރަށެއްގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނޫޅޭކަމާއި އެފަދަ މަންޒަރެއްވެސް ފެނިފައި ނެތްކަން ރަށްރަށުގެ ރައްޔިތުންނަށް މާ ރަނގަޅަށްވެސް އެނގޭނެއެވެ.
އިންޑިއާ އައުޓް ގޮވުމަކީ ސިޔާސީ ގޭމެއްކަން އެނގެނީ އިންޑިއާ މަދަނީ ސިފައިން ތިބުމުގެ ގިނަ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ބާގީ ނާޒިމް މުއިއްޒުގެ އަރިސް ބޭފުޅަކަށް ހައްދަވާ އަނެއްކާވެސް ޑިފެންސް މިނިސްޓަރުކަން ދިނުމަށް އެއްބަސްވުމުންނެވެ. ޔަގީންކަމާއި އެކު ބުނަމެވެ ނާޒިމްއަށް މިނިސްޓަރުކަން ލިބޭ ހިސާބުން އިތުރު އެއާކްރާފްޓާއި ހެލިކޮޕްޓަރު އައި ސިފައިން ގެނައުމުގެ އެއްބަސްވުމެއްގައި ނޫނީ ސޮއެއް ނުކުރާނެއެވެ. އިންޑިއާ އައުޓެއްވެސް އެހިސާބުން ނުގޮވާނެއެވެ.
ޕީޕީއެމްމީހުން އިންޑިއާ އައުޓް ގޮވަންފެށީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމާއި ދެކޮޅަށް ކުރަން އުޅުނު މަސައްކަތުގައި އިންޑިއާއިން ޔާމީނަށް ތާއީދު ނުކުރުމުންކަން ރައްޔިތުންނަށް ސާފުވެއެވެ. އެހެނީ އޭރުވެސް ނެތް ސިފައިންނެއް އޭރުވެސް ނެތް ހެލިކޮޕްޓަރެއް މަތިންދާ ބޯޓެއް މިހާރުވެސް ނެތެވެ. ހަމަ އެންމެ ސުވާލެކެވެ. އޭރު އިންޑިއާ އައުޓް ނުގޮވީ ކީއްވެތޯއެވެ.