ފަޒުލް އާބަންކޯގެ އެމްޑީގެ މަގާމުގައި ހުންނެވީ ވަޒީރުން ފެންވަރުގައި, ގާނޫނު ދަންނަ ކަމެއް ނޫން

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް ރަޝީދު އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭފުޅުން އައްޔަންކުރަނީ ޕްރައިވެޓައިޒޭޝަން ބޯޑުން ކަމަށްވީ ނަމަވެސް ބޯޑަށް ނަން ފޮނުވަނީ ރައީސް އޮފީހުންނެވެ. އާބަންކޯ އަށް ފަޒުލް އައްޔަންކުރި އޭނާ އެ މަގާމަށް އައްޔަންކުރީ ވަޒީރުންގެ ފެންވަރުގައި ކަމަށް މީގެކުރިން އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި ވަޒީރުންނާއި އެ ފެންވަރުގައި މަގާމުތަކަށް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު އަޕްޑޭޓްކޮށްފައިވާއިރު ވަޒީރުންގެ ފެންވަރުގައި މަގާމުތަކަށް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައު ފަޒުލްގެ ނަން ވަނީ ހިމަނާފަ އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑު އުފެއްދިފަހުން މިހާތަނަށް ސަރުކާރުގެ އެއްވެސް ކުންފުންޏަކަށް ވަޒީރުންގެ ފެންވަރުގައި މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަނުން އައްޔަންކުރައްވާފައެއް ނުވެ އެވެ.

އެހެންކަމުން ފަޒުލް، ވަޒީރުންގެ ފެންވަރުގައި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ވަޒީރުންގެ ފެންވަރުގައި ފަޒުލްއާ އެކު 20 ބޭފުޅުން ހިމެނެ އެވެ.

އަދި ސީނިއާ ވަޒީރެއްގެ ގޮތުގައި ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވަނީ މަގާމަށް އައްޔަންކުރައްވާފަ އެވެ.