''ކެމްޕޭނުތެރޭ ހަރާން ހުކުމް, ކެމްޕޭނު ނިމުނީމާ ހަލާލް ހުކުމް؟''

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީއަތާ ގުޅިގެން މި ސަރުކާރުގެ އިސްވެރިން ކެމްޕޭންގެ ތެރޭގައި ދެއްކެވި ވާހަކަތަކާއި މިހާރު އަމަލުކުރައްވަމުން ގެންދަވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ ކެމްޕޭން ތެރޭގައި ދެއްކެވީ ހަރާމް ހުކުމެއްގެ ވާހަކަ ކަމަށެވެ. ނަމަވެސް ކެމްޕޭން ނިމުމުން ހަލާލު ހުކުމަކަށްވީތޯ ވައްޑެ ސުވާލު އުފައްދަވާފައިވެއެވެ.

“ކެމްޕޭނުތެރޭ ހަރާން ހުކުމް. ކެމްޕޭނު ނިމުނީމާ ހަލާލް ހުކުމް؟“ ރައީސް ޔާމީނަށް އިއްވި ހުކުމަށް އިޝާރަތް ކުރައްވައި ވައްޑެ ކުރެއްވި ޕޯސްޓުގައިވެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުތަކަށް ނުވަތަ ދައްކަވާ ކެންޑިޑޭޓަކަށް އިތުބާރު ކުރާނީ ކިހިނެތްތޯ ސުވާލު އުފައްދަވަމުން ރައީސް ޔާމީންގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދު ކަމަށްވާ ރައީސް ޔާމީން މިނިވަން ކުރުން އޮތީ ކިހާހިސާބެއްގައިތޯއާއި އެއީ ރައީސް މުޢިއްޒު އެކަނި އުފުއްލަވަންޖެހޭ ޒިއްމާއެއް ނޫންތޯ ސުވާލު ކުރައްވައިފައެވެ.

މި ސަރުކާރުން ދާދިފަހުން ބުނެފައިވަނީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން އެ ހިނދުން އެ ހިނދަށް ހުއްޓުނީ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންވުމަކީ ޖުޑިޝަރީ ތެރޭގައި އޮތް ކަމެއް ކަމަށާއި ރައީސް ޔާމީންގެ މައްސަލައިގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށާއި އެހެންކަމުން ރައީސް ޔާމީނާ ގުޅިގެން ވެވަޑައިގެންނެވި ވައުދު އެ އޮތީ ފުދިފައި ކަމަށެވެ.