ތާރިޚުގައިވެސް ފުރަތަމަ ފަހަރަށް ރާއްޖޭގެ ސަފީރަކު އިންޑިއާގެ ފޮރިން މިނިސްޓްރިއަށް މިއަދު ހާޒިރު ކުރަނީ

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ބަދު ބަސް ވިދާޅުވެ، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހިމެނޭ ގޮތަށް ދިވެހިންގެ ބަޔަކު މީސް މީޑިއާގައި ކުރި ޕޯސްޓުތަކާ ގުޅިގެން ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވާން އަންގައިފިއެވެ.

ނިއު ދިއްލީގައި ހުންނަ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ޝަހީބް ހާޒިރުވެ ވަޑައިގަތުމަށް އަންގާފައި ވަނީ މިއަދު ހެނދުނު 9:00 އަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ވަނީ ރާއްޖޭގެ ބަދަލުގައި ލަކްޝަދީޕަށް ދިއުމަށް ގޮވާލައި ރާއްޖެއާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފައެވެ.

މޯދީގެ އެ ވީޑިއޯއާ ގުޅިގެން އިންޑިއާގެ މީޑިއާތަކުންނާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ސިފަ ކުރި ގޮތުގައި މޯދީ ދެއްވި އެ މެސެޖަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި އިންޑިއާގައި ތިބެގެން ވެސް ރާއްޖޭގެ މާހައުލު ތަޖުރިބާކޮށްލެވޭނެ ކަމެވެ.

މި ވާހަކަތަކާ ގުޅިގެން ދިވެހި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވަރަށް ބޮޑަށް އިންޑިއާއަށާއި މޯދީ އަށް ފާޑުކިޔައި ރައްދު ދިނެވެ. އަދި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މޯދީއަށް މަލާމާތް ކުރައްވައި އެކްސްގައި ތަފާތު ޕޯސްޓުތައް ހިއްސާ ކުރައްވާފައިވެއެވެ.

އެއާއެކު، އިންޑިއާގެ މީޑިއާތަކާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވަނީ ރައްދުދީ، ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކޮށްފައެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ޒުވާނުންނާ ބެހޭ ވުޒާރާގައި ޑެޕިއުޓީ މިނިސްޓަރުންނަށް ތިއްބެވި މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފަށެވެ. އެއާއެކުގައި އެ ބޭފުޅުން ވަނީ މިހާރު އެ ޕޯސްޓުތައް ޑިލީޓް ކުރައްވައިފައެވެ. މި މައްސަލައިގައި އިންޑިއާގެ މީޑިއާތަކުން ގޮވާލާފައި ވަނީ ސަރުކާރުން މާފަށް އެދި، ދެ ބޭފުޅުން ވަކި ކުރަން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ ޝިއުނާ އާއި މަލްޝާ އަދި ޒުވާނުންނާ ބެހޭ ވުޒާރާގެ އަބްދުﷲ މަހްޒޫމް މާޖިދު ވެސް ސަސްޕެންޑްކޮށްފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ހިޔާލުތަކެއް ނޫން ކަމަށާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

”ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކުގައި ނަފްރަތާއި، ނެގެޓިވިޓީ ނޯންނާނެ ހެން ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް،“ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

”އިހްތިރާމް ކުޑަވާ ފަދަ ގޮތަކަށް އެ ވާހަކަތައް ދެއްކުމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ،“

މި ވާހަކަތަކާ ގުޅިގެން އިންޑިއާގެ ސޯޝަލް މީޑިއާގެ ބައެއް އެކްޓިވިސްޓުން ވަނީ ”ބޮއިކޮޓް ރާއްޖެ“ ނަމުގައި ކެމްޕެއިނެއް ވެސް ފަށައިފައެވެ. މި ކެމްޕެއިންގެ ސަބަބުން އެނގިފައިވާ ގޮތުގައި ރާއްޖެ އަންނަން ނިންމި ބައެއް އިންޑިއާ މީހުންގެ ބުކިންތައް ވެސް ވަނީ ކެންސަލް ކުރަން ފަށައިފައެވެ.